ފަން ޖިފުޓިއެއް ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ފުރިހަމަ ގަނޑުވަރަކަށް ހަދައިލެވޭނެ މަގު-

މިގޮތަށް ވިސްނާށެވެ! ތިމާއަށް ﷲ ތަޢާލާ ވަނީ ބޯހިޔާވަހިކަން ދެއްވަވައިފައެވެ. ވަރަށް ރީތި ގެއަކަސްވެސް ވެދާނެއެވެ. އަދި އާދައިގެ ފެންވަރެއްގެ ގެއަކަށްވެސް ވެދާނެއެވެ. ކިތަންމެ އާދައިގެ ފެންވަރެއްގެ ގެއެއް ނަމަވެސް އެމީހަކު ދިރިއުޅޭތަން ވާނީ އެމީހަކަށް އެންމެ މުހިންމު ތަނަށެވެ. 
ދެން މިވާގޮތަކީ ގޭގައި ޞުލްޙަވެރިކަމެއް ނެތެވެ. ލޯތްބެއް ނެތެވެ. އޮންނަނީ ބާރަށް ބަސްބުނުމެވެ. އަޑުގަދަކުރުމެވެ. ޒުވާބުކުރުމެވެ. ރިވެތި އަޚްލާޤީ ހަމަތަކާއި އުޞޫލުތަކެއް އެގެއަކު ނެތެވެ. އެހެންކަމުގައި ވެއްޖެނަމަ އެގެއަކީ ކިތަންމެ ރީތި، ފުރިހަމަ ގެއެއް ނަމަވެސް އެގެއެއްގެ ރީތިކަމަކީ ކޮބައިހެއްޔެވެ؟ 
މީސްތަކުންނޭވެ! ކޮންމެ މީހަކުވެސް ރީތި ގެއެއް ބޭނުންވާނެއެވެ. ވީހައި ފުރިހަމަ ފަރުނީޗަރާއި ވަސީލަތްތައްވެސް ބޭނުންވާނެއެވެ. ވީހާ ސްކްރީން ބޮޑު ޓީވީއެއްވެސް ބޭނުންވާނެއެވެ. ވީހާ ބޮޑު ފްރިޖެއްވެސް ބޭނުންވާނެއެވެ. ގޭގެ ބޮކިތައްވެސް ވީހާ ރީތިވެފައި އަލިގަދަވެފައި ހުންނަންވެސް ބޭނުންވާނެއެވެ. އެއާކޮންޑިޝަން ކުރެވިފައިހުންނަންވެސް ބޭނުންވާނެއެވެ. މިހެންގޮސް ހުރިހާ ކަންކަންވެސް އެންމެ ފުރިހަމަވެފައި ހުންނަން ބޭނުންވާނެއެވެ. 
އަހުރެންގެ ސުވާލަކީ ގޭގެ ކަންކަން މިބުނިމަގުން ކިތަންމެ ފުރިހަމަވެފައިހުރިނަމަވެސް އެގެއެއްގައި މީހުން ދިރިއުޅެނީ މިބުނި ފަދަ ނުބައި ގޮތުގައިކަމަށްވާނަމަ އެގެއަކަށް ލިބިފައިވަނީ ކޮން ރީތިކަމެއްހެއްޔެވެ؟ އަދިވެސް ސުވާލުކޮށްލާނަމެވެ. އެގެއެއްގައި ނަމާދުކޮށް ޛިކުރު ނުކުރެވޭނަމަ، އެގެއެއްގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކުރެވޭނަމަ ޚާއްޞަކޮށް ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރާނަމަ އެގެއަކަށް ލިބިފައިވަނީ ކޮން ރީތިކަމެއް ހެއްޔެވެ؟ 
އަހުރެންގެ ނަޒަރުގައި އެއްވެސް ރީތިކަމެއް ލިބިގެނެއް ނުވެއެވެ. ނަމަވެސް ކިތަންމެ އާދައިގެ ފެންވަރުގެ ގެއެއްގައި ނަމަވެސް، ފަން ޖިފުޓިއެއްގައި ނަމަވެސް ދެބަސްވުމާއި އަރައިރުން ނުވެ، ﷲ ތަޢާލާއަށް އަޅުކަންކޮށް ޛިކުރުކޮށް، ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ކަންކަން ނުކުރާނަމަ އެގެ ވާނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ފުރިހަމަ ގަނޑުވަރަކަށެވެ. އިން ޝާ ﷲ. ވީމާ ދިރިއުޅޭގެ ގަނޑުވަރަކަށް ހަދަން ކުރަން އޮތްކަމަކީ ހަމައެކަނި ގެ ވީހައި ފުރިހަމަކުރުމެއް ނޫނެވެ. ގޭތެރޭގެ ކަންކަން މިބުނި މަގުން ޒީނަތްތެރިކުރުމެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ