ޕޯޓު ދާއިރާއަށް ސްކޫލް ދަރިވަރުން ޝައުގުވެރިކުރުމަށް "އޯޕަން ޑޭ" އެއް

ޕޯޓު ޚިދުމަތުގެ ދާއިރާއަށް ސްކޫލް ދަރިވަރުން ޝައުގުވެރިކުރުމަށް "ޕޯޓް އޯޕަން ޑޭ"އެއް ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ނިންމައިފިއެވެ.
މި ހަރަކާތަކީ ޕޯޓުގެ ހިންގުމުގެ ދާއިރާގެ ކަންކަން ކިޔައިދީ، މި ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ޝައުގުވެރިކަން އުފެއްދުމަށް އެމް.ޕީ.އެލްއިން ހިންގަން ނިންމާފައިވާ ޕްރޮގްރާމެކެވެ.
މި އޯޕަން ޑޭގައި، މާލެ ވިޔަފާރި ބަނދަރުގެ މަސައްކަތް ދައްކާލުމަށް ޓުއަރއެއް ބޭއްވުމާއި، ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތްތައް ދައްކާލުމަށް ސެކިއުރިޓީ ޑްރިލްއެއް ބޭއްވުން ހިމެނެއެވެ. އަދި ޕޯޓުގައި ބޭނުންކުރާ ވަސީލަތްތަކާއި ގުޅޭ މަޢުލޫމާތު ހޯދާ ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުންވެސް ހިމެނެއެވެ.
ޕޯޓުގެ މަސައްކަތްތަކުގެ ދާއިރާއިން ހުރި ތަޢުލީމީ ފުރުޞަތުތައް ދަރިވަރުންނަށް ކިޔައިދީ، މަޢުލޫމާތު ދިނުމުގެ ސެޝަންތައްވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށްދާނެއެވެ.
ޕޯޓް އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުއެވެ. ދެ ދަންފަޅިއަކަށް ހަރަކާތްތައް ކުރިއަށްގެންދާއިރު، ހެނދުނު ދަންފަޅި ކުރިއަށްދާނީ 08:30 އިން 12:45 އަށެވެ. އަދި މެންދުރު ދަންފަޅި ކުރިއަށްދާނީ 12:00 އިން 16:15 އަށެވެ.
ކޮންމެ ދަންފަޅިއެއްގައި 80 ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ހަރަކާތުގައި އަންހެން އަދި ފިރިހެންކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.
މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ދަރިވަރުންނަށެވެ. މިހާރު ވަނީ މި އޯޕަން ޑޭގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް، ރެޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ރެޖިސްޓަރވުމަށް، ސޯޝަލް މީޑިއާގައި ހިމަނާފައިވާ ޕޯސްޓަރުތަކުގައިވާ ކިއުއާރް ކޯޑް ސްކޭންކުރުމުން ރެޖިސްޓްރީ ފޯމް ފެންނާނެއެވެ.
މި އޯޕަން ޑޭގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން، ގުރުއަތުން ހޮވޭ 3 ދަރިވަރަކަށް ލެޕްޓޮޕެއް ހަދިޔާއެއްގެ ގޮތުގައި ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޕޯޓު ދާއިރާއަކީ އެކިއެކި މަސައްކަތްތަކުގެ ފަންނީ މުވައްޒަފުން ބޭނުންވާ ދާއިރާއެކެވެ. މި ދާއިރާއިން އެކަށީގެންވާ އަދަދަށް ފަންނީ މީހުން ނުލިބުމުގެ ދަތިކަން އެމްޕީއެލްއިން އަބަދުވެސް ފާހަގަކުރެއެވެ.
އެގޮތުން މީގެކުރިންވެސް، އެމްޕީއެލްއިން އެކިއެކި ތަމްރީން ޕްރޮގްރާމްތައް ހިންގާ، ޕޯޓަށް ބޭނުންވާ މުވައްޒަފުން އުފައްދާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ