އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނުން (އައިކޮމް) އިން އެންގި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ރައީސް އެމެރިކާއަށް ދަތުރުފުޅެއް ކުރެއްވީ ސެޕްޓެމްބަރު 2021ގަ އެވެ. އެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ދަތުރުފުޅުގެ ހަރަދުތައް ހޯދަން ރައީސް އޮފީހުގައި އެދުނީ ‘ދިޔަރެސް’ ނޫހުގެ ފަރާތުންނެވެ.
ނަމަވެސް އެ މައުލޫމާތު ހާމަކޮށްފިނަމަ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށާއި އެއީ ރައީސްގެ ފުރާނަފުޅަށް ނުރައްކާވުމުގެ އިހުތިމާލު އޮތް ކަމެއް ކަމަށް ބުނެ އެ މައުލޫމާތު ދޭން ރައީސް އޮފީހުން ދެކޮޅު ހެދި އެވެ.
އެ ނިންމުން އައިކޮމަށް ހުށަހެޅުމުން އެންގީ ދަތުރުފުޅުގެ ހަރަދުތަކާއި ތަފުސީލުތައް ހާމަކުރުމަށެވެ. އެ އެންގި އެންގުމަށް ހައިކޯޓުންވެސް ތާއީދުކުރުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ 2 ޖުލައި 2023ގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެހެންވެ ދައުލަތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެ ނިންމުން އިސްތިއުނާފު ކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން މި މަހުގެ 16 ވަނަ ދުވަހު ނިންމި ނިންމުމުގައިވަނީ އެ މައްސަލާގައި ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ބުނާ ގާނޫނީ ސަބަބުތަކެއް ހުށަހަޅާފައިވާތީ އާއި އެ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ގޮތުން ބަހުސް ކުރެވޭ ނުކުތާތަކެއްގެ މައްޗަށް ކަމަށްވާތީ އެ މައްސަލަ ބަލައިގަތުމަށް ނިންމީ ކަމަށެވެ.
ރަޖިސްޓްރާގެ ނިންމުން މުރާޖައާ ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަތީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ރައީސްގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ