އިލްޔާސް، ފާރިސް، އުމަރު، ނާޒިމް އަދި ޒަމީލް ޖޫރިމަނާކޮށްފި

ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ މާލީ ބަޔާންތައް ހުށަހަޅާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރިޔާސީ އިންތިހާބުގައި ވާދަކުރި ފަސް ކެންޑިޑޭޓަކު 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން އެ މައްސަލާގައި ޖޫރިމަނާކޮށްފައިވާ ފަސް ކެންޑިޑޭޓުންނަކީ: 
އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު، ހ. ދޮންޖޭމުގެ، މާލެ
އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލް، މއ. މާވެޔޮ ވިލާ، މާލެ
އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން، މއ. ކިނބިގަސްދޮށުގެ، މާލެ
ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބް، ބްލޫ ސްކައި، އައްޑޫ ހުޅުދޫ
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ނާޒިމް، މ. ސީނުކަރަންކާގެ، މާލެ
ތަފްސީލް - އީސީ އިން ބުނި ގޮތުގައި، މިއިން ކޮންމެ ބޭފުޅަކު 20،000ރ. އިން ޖޫރިމަނާކޮށްފައި ވާއިރު، އެއިން ކޮންމެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓު ވަނީ 6،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ޖޫރިމަނާ ފައިސާ ދެއްކުމަށް އެ ފަރާތްތަކަށް މިއަދު ވަނީ އަންގާފަ އެވެ.
އީސީ އިން ފާހަގަކުރި ގޮތުގައި، ގާނޫނުގައި ބުނާ މިންގަނޑަށް ނުފެތޭ މާލީ ބަޔާންތައް ހުށަހަޅާފައިވާ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ އިންތިހާބީ އޭޖެންޓުންނަށް ފިޔަވަޅު އަޅަން ފާސްކުރީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ފާހަގަކޮށްލެވޭ - މާލީ ބަޔާން ރަނގަޅަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންނަކީ:
ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ރައީސް މުހައްމަދު މުއިއްޒު
އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރެއްވި ގާސިމް އިބްރާހިމް
އެނގުން މުހިންމު - އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިހާބާ ގުޅޭ އެންމެހާ ހަރަދުތައް ކުރުމަށް ހާއްސަ އެކައުންޓެއް ހުޅުވަން ޖެހެ އެވެ. އެގޮތުން:
ހުރިހާ ހަރަދެއް ކުރަން ޖެހެނީ، އެ އެކައުންޓު މެދުވެރިކޮށް؛ ފައިސާގެ ކަންކަން ބަލަހައްޓަނީ ކެންޑިޑޭޓަކު ނުވަތަ އޭނާގެ އިންތިހާބީ އެޖެންޓް
ކުރެވޭނެ ހަރަދުގެ މިންވަރަކީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2،000ރ. ގެ މަގުން؛ ރިޔާސީ އިންތިހާބުގައި އެ އަދަދަކީ 5.65 މިލިއަން ރުފިޔާ
އެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ)ގައި ބުނާ ގޮތުން މާލީ ކަމެއްގައި ގާނޫނުގައި ބުނާ ގޮތާ ހިލާފަށް ކަމެއްކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ:
އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި، 3-8 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށް ލުން
ނުވަތަ 36،000-96،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ