އިތުބާރުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިންމައިލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި އޮތް މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމައިލައިފިއެވެ. މި މައްސަލައިގެ އަޑުއެހުންތައް ފެށީ އިއްޔެއެވެ. އިއްޔެ ދެ ދަންފަޅިއަކަަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި ދައުލަތުންނާއި، މަޖިލީހުންނާއި، ތަދައްޚުލުވާ ފަރާތްތަކުން ވާހަކަދައްކައިފައިވެއެވެ. މި މައްސަލައިގައި ތަދައްޚުލުވި ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވަކާލަތު ކުރައްވަމުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވީ މި މައްސަލައިގައި އުޅެނީ ގާނޫނު އަސާސީ ތަރުޖަމާކުުރުމުގެ މައްސަލައެއް ކަމަށެވެ. އަދި ގާނޫނު އަސާސީއާ އެކީގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ތަރުޖަމާ ކުރުމުގެ މައްސަލައެއް ކަމަށެވެ. https://sun.mv/184244 މި މައްސަލައިގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވެސް ވިދާޅުވީ މި މައްސަލައަކީ މަޖިލީހުގެ އިދާރާއިން ގަވައިދު މާނަކުރުމުގައި އުފެދުނު ޚިޔާލު ތަފާތުވުމަކާ ހެދި ހުށަހެޅިފައި އޮތް ދުސްތޫރީ މައްސަަލައެއް ކަމަށެވެ. އަދި އެމްޑީޕީން ވެސް ބުނަނީ އެހެންނެވެ. https://sun.mv/184284 އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދެނީ މަޖިލީހުގެ ނައިބު ރައީސް ނޫނަސް، އެހެން މެމްބަރަކު ރިޔާސަތުގައި އިންނަވައިގެން އެ މައްސަލަ ނިންމޭނެ ގޮތެއް ކަނޑައަޅައިދެއްވުމަށެވެ. ސަބަބަކީ މަޖިލިސް ގަވައިދުގެ 205ވަނަ މާއްދައިގައި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް އައިސްފިނަމަ އަމަލުކުރާނެ ސީދާ ގޮތެއް މިހާރު ނެތުމުންނެވެ. އެއީ މަޖިލީހުގައި އެޅުވިދާނެ މަރުތަޅަކުން މަޖިލިސް ސަލާމަތްކުރުމަށް ސުޕްރީމް ކޯޓުން ދައްކަން ޖެހޭ މަގެއްކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އެއާ ޚިލާފަށް، ޑިމޮކްރެޓުން ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގައާއި، އަދި އެ ނޫން ހާލަތެއްގައި ވެސް މަޖިލިސް ގަވައިދު ބަދަލުކުރުމުގެ އިހްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންނުވާކަމަށެވެ. https://sun.mv/184282 ސަބަބަކީ، މަޖިލިސް ގަވައިދަށް އުނި އިތުރުކުރުމެއް ގެނައުމަކީ ސުޕްރީމް ކޯޓުން މަޖިލީހުގެ ގަވައިދު ބަދަލުކުރުންކަމަށް އެ ޕާޓީން ގަބޫލުކުރާތީއެވެ. އަދި އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއްކަމަށާއި އެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަމަަށް އެ ޕާޓީން ނުދެކޭތީއެވެ. ނަމަވެސް އެމްޑީޕީން ބުނާ ގޮތުން މި މައްސަލައިގެ ހުކުމުގައި ހިމެނޭ ވާހަކައަކުން ވެސް މަޖިލީހުގެ ގަވައިދަށް އައު މާއްދާއެއް އިތުރުނުވާނެއެވެ. އެއާއެކު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާވަނީ މަޖިލީހުގެ އިދާރާއިން އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ހަތަރު ގޮތެެއް ވިދާޅުވެ ދެއްވައިފައެވެ. ދެ ގަޑިއިރަށްވުރެ ގިނައިރަށް ދިގު ދެމުނު މިއަދުގެ އަޑުއެހުމާއެކު މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލީއެވެ. "އަޅުގަނޑު މި ހިސާބުން މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލާނަން. ވީ އެންމެ އަވަހަކަށް މި މައްސަލައާމެދު ގޮތެއް ނިންމޭތޯ ޝަރީއަތުން މަސައްކަތް ކުރާނަން،" މި މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ. ނަޝީދުގެ އިތުބާރުގެ މައްސަލަ މިދިޔަ ހަފުތާގެ ހަތަރު ދުވަހު އެޖެންދާ ކުރި ނަމަވެސް، އީވާ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ނުބޭއްވުނެވެ. އަދި އެ މައްސަލަ އެޖެންޑާ ނުކޮށް، ބަޖެޓު ހުށަހަޅަން މަސައްކަތް ކުރި ނަމަވެސް އެމްޑީޕީން ވަނީ މަޖިލިސް ތަޅުމުގައި އިހުތިޖާޖުކޮށް، ޖަލްސާއަށް ހުރަސްއަޅާފައެވެ. މި ހަފުތާގައި އީވާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އެމްޑީޕީން އެ މައްސަލަ ވެއްދީމާ، އެހެންވެ ދެން ރިޔާސަތު ބެލެހެއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭގެ ފަހުން މަޖިލީހުގެ އިދާރާއިން ވަނީ ސުޕްރީމް ކޯޓުގައި އޮތް އެކަމާ ގުޅުންހުރި މައްސަލަ ނިމެންދެން ނަޝީދުގެ އިތުބާރުގެ މައްސަލަ ދެން އެޖެންޑާ ނުކުރާނެ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ