ތުރުކީގައި ޓެސްލާގެ ފެކްޓަރީއެއް ހެދުމަށް އުރުދުޣާން އެދިވަޑައިގެންފި

އީލޮން މަސްކްގެ ޓެސްލާ ކުންފުނިން ހަދަން ގަސްތުކޮށްފައިވާ ގިގާފެކްޓަރީ ތުރުކީގައި ހެދުމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން، އެ ކުންފުނީގެ ސީއީއޯ އީލޯން މަސްކްއަށް ހުށަހަޅުއްވައިފިއެވެ. އުރުދުޣާން އެ ވާހަކަދެއްކެވީ، އެމެރިކާގެ ނިއު ޔޯކްގައި މަސްކް، އުރުދުޣާންއާ ބައްދަލުކުރުމުންނެވެ. އެ ބައްދަލުވުމުގައި އުރުދުޣާން ވަނީ ތުރުކީގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އިތުރުން "ޑިޖިޓަލް ތުރުކިޔޭ" ވިސްނުމާއި ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސް ސްޓްރެޓެޖީއާ ބެހޭގޮތުން މަސްކްއާ މަޝްވަރާ ކުރައްވާފައެވެ. ޓެސްލާއިން ދެން އަޅާ ފެކްޓަރީ ތުރުކީގައި ގާއިމުކުރުމަށް މަސްކްއަށް ބާރު އެޅުމުގެ އިތުރުން އުރުދުޣާން ވަނީ މަސްކްގެ ރޮކެޓް ކުންފުނި "ސްޕޭސް އެކްސް"އާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ތުރުކީ ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އުރުދުޣާން ވިދާޅުވީ އެފަދަ ފުރުސަތުތަކަކީ ތުރުކީގެ ޖައްވީ ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބޭ މުހިންމު ފުރުޞަތުތަކެއް ކަމުގައެވެ. މި މަޝްވަރާތަކުގެ ނަތީޖާއާ ބެހޭ ގޮތުން އެމެރިކާގެ ވިޔަފާރިވެރިޔާ މަސްކް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޓެސްލާއިން މިހާރު އެމެރިކާ، ޖަރުމަނު އަދި ޗައިނާގައި ހަ "ގިގަފެކްޓްރީ" ހިންގަމުން އަންނައިރު، މެކްސިކޯގައި ހަތް ވަނަ "ގިގަފެކްޓްރީ" އަންނަނީ ހަދަމުންނެވެ. މަސްކް ވަނީ މި އަހަރު ނިމުމުގެ ކުރިން އެ ކުންފުނީގެ އިތުރު ބޮޑު ޕްރޮޑަކްޝަން ފެސިލިޓީއެއް އަޅާނެ ތަނެއް ހިޔާރު ކުރާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އަގު ހެޔޮ އިލެކްޓްރިކް ވެހިކަލް މޮޑެލްއެއް އުފެއްދުމަށް އިންޑިއާގައި ފެކްޓްރީއެއް އެޅުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކުރީ މިދިޔަ ޖޫން މަހު އެމެރިކާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ. އެ ބައްދަލުވުމަށް ފަހު މަސްކްވަނީ އިންޑިއާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރާނެ ކަމަށް ވައުދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ