ކުރިއަށް އޮތް ފަސް އަހަރުތެރޭ ވެރިކަން ހޯދާނަން – އުމަރު

ކުރިއަށް އޮތް ފަސް އަހަރުތެރޭ ވެރިކަން ހާސިލުކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އުމަރުގެ "ނިއު ޑައިރެކްޝަން" ޓީމުން ނިންމާ ނިންމުން ހާމަކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ ސަރުކާރުގެ އެތެރޭގައި އޭނާ ހުރުމަށް ވުރެ މިވަގުތު ފައިދާ ބޮޑީ ކުރިއަށް އޮތް ފަސް އަހަރު ވެސް އިދިކޮޅުގައި އޭނާ ހުރުން ކަމަށާއި އެއްވެސް ކޯލިޝަނެއްގައި އޭނާ ބައިވެރި ނުވާނެ ކަމަށެވެ. އަދި ބަސް ނުވިކޭ އޮނޑިއަކަށް އަރާ އިންނައިރު ޟަމީރު ގަބޫލުނުކުރާ އެތައް ކަމެއް ކުރަންޖެހޭނެ ކަމަށާއި އެފަދަ ކަންތައްތަކެއް ކުރަން ބޭނުން ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާގެ "ނިއު ޑައިރެކްޝަން" ޓީމުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ގޮނޑި އަކަށް ވާދަކުރުމަކީ އަމާޒެއް ކަމަށާއި ގޮނޑިއެއް ކާމިޔާބު ނުކުރެވުނަސް އޭނާގެ މެސެޖު ވަރަށް ސާފުކޮށް ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ވަންނާނެ ކަމަށެވެ. އަދި އާ މިސްރާބަކަށް ރާއްޖެ ގެންދެވެންދެން މަސައްކަތް ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އިރާދަކުރެވިއްޔާ ދިވެހިރާއްޖޭގެ ވެރިކަން އަޅުގަނޑުމެން ހާސިލުކުރާނަން ކުރިއަށް އޮތް ފަސް އަހަރު ދުވަސްތެރޭގައި،" އުމަރު ވިދާޅުވި އެވެ.
އުމަރު ވަނީ ރިޔާސީ އިންތިހާބުގައި އޭނާ އަށް ލިބުނީ މިފަހަރުގެ ސިޔާސީ މަސްރަހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށާއި އިންތިހާބު ކާމިޔާބު ނުކުރެވުނަސް ރައްޔިތުންގެ ހިތްތައް ކާމިޔާބު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަށް ދަތުރުކުރީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ