ގ. ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވީ އެ އެޕާޓްމަންޓުގެ ކޮޓަރިއެއްގައި އޮތް ޕަވަބޭންކެއްގައި ރޯވެގެން ކަމަށް ގޭގައި ދިރިއުޅޭ ފަރާތުން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގި ކޮޓަރީގައި ދެ ކުދިންނާއި ފިރިމީހާއާއެކު ދިރިއުޅޭ މީހަކު އަދަދު އަށް ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެނދުމަތީގައި ޗާޖަށް ޖަހާފައި އޮތް ޕަވާ ބޭންކެއް "ގޮވައިގެން" ކަމަށެވެ. އޭނާ ބުނީ ހާދިސާގައި އެޕާޓްމަންޓުގެ އެހެން ކޮޓަރިތަކަށާއި ސިޓިން ރޫމަށް އަދި ހަ ވަނަ ފްލޯއަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ކަމަށެވެ.
"ޕަވާ ބޭންކެއް ބްލާސްޓުވީ. އެއީ ތިން ރޫމް އެޕާޓްމަންޓެއް. އެކަމަކު އެއް ކޮޓަރީގައި އަނެއްހެން އަލިފާން ރޯވީ. އެކަމަކު އަނެއްހެން ރޫމާ އެއްޗެހި ހުރި ގޮތެއް ނޭނގޭ. ނަމަވެސް ފޮޓޯއިން ފެންނައިރުގައި ސިޓިން ރޫމާ އެއްޗެހި ދުން ދޯ، ބްލެކްވެފައި ހުރީ ވަރަށް ބޮޑަށް. ރޫމްގައި އެކަމަކު އެއްވެސް އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް ހުރިހާ އެއްޗެއް ހަލާކުވެފައި،" އޭނާ ބުންޏެވެ.
އެ މީހާގެ 13 އަހަރުގެ ދަރިފުޅު އިމާދުއްދީން ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުންދާއިރު، 19 އަހަރުގެ ދަރިފުޅު މަތީ ތައުލީމު ހާސިލުކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ރޭގެ އަލިފާނުގެ ހާދިސާގައި އޭގެ ތެރެއިން 13 އަހަރުގެ ކުއްޖާއަށް ދުމުގެ އަސަރުކޮށްގެން އަދިވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އަލިފާނުގެ ހާދިސާގައި އިމާދުއްދީން ސްކޫލުގައި ކިޔަވާ އެ ދަރިވަރުގެ ފޮތާއި ކިޔަވަން ބޭނުންކުރާ އެކި ސާމާނުތަކުގެ އިތުރުން އެ ކޮޓަރީގައި ހުރި 19 އަހަރުގެ ކުއްޖާ އާއި ދެމެފިރިންގެ ހުރިހާ ސާމާނެއް ވެސް ވަނީ އަނދައި ހުލިވެފަ އެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗް އިން 25 މީހަކަށް އަދި އޭޑީކޭ ހޮސްޕިޓަލުން ތިން މީހަކަށް ވަނީ ރޭ ފަރުވާދީފަ އެވެ. އޭގެ ތެރެއިން ދެ ކުޑަކުއްޖަކު އަދިވެސް ފަރުވާ ދެމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ގ. ފުންފަޅުގޭގައި ދިރިއުޅޭ 58 އަށްވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރޭގެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޕަވާ ބޭންކެއް ގޮވައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ