އޮޅުވައެއްނުލަން، ވަކިވި މުވައްޒަފުންނަށް އުސޫލާ އެއްގޮތަށް ފައިސާ ދޫކޮށްފިން: ފެނަކަ
ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިނުވާނެ ކަމަށާއި, އަމިއްލައަށް ވަކިވާން ހުށަހެޅި މުވައްޒަފުންނަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދީފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ. ޖުމުލަ 8،000އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލީ ޖޫން މަހުގެ ދެވަނަ ދުވަހެވެ. އެއީ، އެގޮތަށް ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތެއް ދޭނެ ކަމަށް އިއުލާންކުރުމަށް ފަހުގައެވެ. މި މަހު ކުރީކޮޅު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން ވަނީ، އެހާތަނަށް 108 މުވައްޒަފަކު އެ ކުންފުނިން ވަކިވާން އެދިފައިވާ ކަމަށާއި އެ މީހުން ދޫކޮށްލުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން، ބައެއް އޮންލައިން ނޫސްތަކުގައި ވަނީ، ވަޒީފާއިން އަމިއްލައަށް ވަކިވި ގިނަ މުވައްޒަފުންނަށް ފެނަކައިން ފައިސާ ނުދޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެ ރިޕޯޓުތަކާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ، ރިޑަންޑެންސީ އުސޫލުގެ ދަށުން ހަތަރު މަހުގެ މުސާރައާއެކު ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށަހެޅުމުން، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ، ކުންފުންޏާއި އެ މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ކަމަށެވެ. https://x.com/TeamFenaka/status/2082066287422030089 އެ ކުންފުނިން ވަނީ އެ އުސޫލާ އެއްގޮތަށް ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވާން އެދި ހުށަހެޅި މުވައްޒަފުންނާއެކު އެއްބަސްވުން ހަދައި، އެ އެއްްބަސްވުންތަކާ އެއްގޮތަށް އެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ މޫސާރަ ދޫކޮށްފައިވާ ކަމަށް ބުނެފައެވެ. "ނަމަވެސް މިކަމާ ގުޅިގެން، ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން، މީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުންގެންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަން." ބަޔާނުގައިވެއެވެ. އެ ކުންފުނިން ވަނީ ކުންފުނިން އެކަށައަޅާ އުސޫލަކާ ޚިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއްވާ ގޮތަށް އެ ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ. ފެނަކައިން މީގެ ކުރިން ބުނީ، މުވައްޒަފުން މަދުކުރަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ، ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް ކުންފުނިން ފާހަގަކުރެއެވެ. https://sun.mv/224547 ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކުންފުންޏެވެ. ޚާއްސަކޮށް، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން އެ ކުންފުންޏަށް މުވައްޒަފުން އިތުރުކުރާ ކަމުގެ ކަންބޮޑުވުން އޮވެއެވެ. ރާއްޖޭގެ ދަރަނި ބޮޑުވުމުން ޚަރަދު ކުޑަކުރަން ފިޔަވަޅު އަޅަމުން އަންނައިރު، ސަރުކާރު ބައެއް ކުންފުނިތަކަކީ ދައުލަތުން ދޭ އެއްޗަކަށް ބަރޯސާވެފައިވާ، ގެއްލުމުގައި ހިންގާ ކުންފުނިތަކެކެވެ. އެހެންވެ، ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަ ކުރުމަށް 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފައެވެ. އެ މަސައްކަތް ތިން މަސް ތެރޭ ނިންމަން މި މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ