ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މާލެއިން މީހުން ގެންދަން ނުވަ ފްލައިޓު އެޅި ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މާލެއިން މީހުން ގެންދަން ނުވަ ފްލައިޓު އެޅި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް، ރަސްމީކޮށް އަލުން ހުޅުވަން ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތަށް މާލެއިން މީހުން ގެންދިއުމަށް ޖުމްލަ ނުވަ ފްލައިޓެއް އެޅިކަން އެނގިއްޖެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންނާއި ސަރުކާރުގެ ވެރިން އަދި ކުންފުނިތަކާއި ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ އިތުރުން ވިޔަފާރިވެރިން ބައިވެރިވި އެވެ. ބޮޑު ހަރަދުކޮށްގެން ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގެ ތެރެއިން ހަވާ ވެސް އެރުވި އެވެ.
ހަނިމާދޫ އެއާޕޯޓަށް އިއްޔެ ޖެއްސި މަތިންދާބޯޓުތަކުގެ މައުލޫމާތަށް ބަލާއިރު، އިއްޔެ މެންދުރު ފަހުން ފެށިގެން ޖަލްސާ ފެށުމާއި ހަމައަށް ނުވަ ފްލައިޓެއް ވަނީ އަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަންގެ ހަތް ފުލައިޓާއި މަންޓާ އެއާ އަދި ފްލައިމީގެ ދެ ފްލައިޓެވެ.
އާންމުކޮށް ހަނިމާދޫ އެއާޕޯޓަށް މާލެއިން ދުވާލަކު އަޅަނީ ތިން ފްލައިޓެވެ.
މާލެއިން ދިޔަ މީހުން ގޮވައިގެން ޖަލްސާއަށްފަހު ރޭ ދަންވަރު އެނބުރި މާލެއަށް ހަ ފްލައިޓެއް އެޅި އެވެ. އެއީ މޯލްޑިވިއަންގެ ހަތަރު ފްލައިޓާއި އަނެއް ދެ އެއާލައިނުގެ ދެ ފްލައިޓެވެ. މި ދަތުރުތަކަށް ހަރަދު ކުރި ކަމަށް ބެލެވެނީ ދައުލަތުގެ ބަޖެޓުން ނުވަތަ އެމްއޭސީއެލް ގެ ބަޖެޓުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައިދިނީ މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެވެ. އޭގެކުރިން މޯލްޑިވިއަންގެ އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް އެއާޕޯޓަށް ޖެއްސި އެވެ. މިއީ އެ މަރުކާގެ ބޯޓެއް ހަނިމާދޫއަށް ޖެއްސި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.
އެ އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ