އަންނަ އަހަރު ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދައްކަން އިތުރު ބޮންޑެއް ވިއްކުމުގެ ބަދަލުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ ވިއްކައިގެން އެ ފައިސާ ހޯދުމަކީ މާ ރަނގަޅު ގޮތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ވިސްނާފައި އޮތީ "ސަސްޓެއިނަބަލް ފައިނޭންސް އިންސްޓްރޫމަންޓް" އެއް ބޭނުންކޮށްގެން ސުކޫކު ރީފައިނޭސްކުރަން، ނުވަތަ އެ ނޫން ވެސް ގޮތަކުން ރީފައިނޭންސް ކުރާށެވެ. އަދި އޭގެން ބައެއް ސޮވްރިން ޑިވެލޮޕްމަންޓު (އެސްޑީއެފް) ގައި ހުރި ފައިސާއިން ދެއްކުމަކީ ވެސް ސަރުކާރުގެ ޕްލޭނުގައި ހިމެނޭ ކަމެކެވެ.
މިރޭ އެކްސްގައި ނަޝީދު ލިޔުއްވި ގޮތުގައި ސުކޫކު ދައްކަން ފައިސާ ހޯދަން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސް މެދުވެރިކޮށް ބޮންޑެއް ވިއްކުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ބޮންޑު ވިއްކޭނީ ވަރަށް މަތީ އިންޓްރެސްޓް ރޭޓެއްގައި ކަމަށް ނަޝީދު ލިޔުއްވި އެވެ.
"[ބޮންޑެއް ވިއްކުމުގެ ބަދަލުގައި] ވެލާނާ އެއާޕޯޓުގެ ހިއްސާގެ ބައެއް ވިއްކާލުމަށް ވިސްނާލުމަކީ ބުއްދިވެރި ކަމެއް ކަމަށް ވެދާނެ. އެ ފައިސާ ބޭނުން ކޮށްގެން ސުކޫކަށް ފައިސާ ދެއްކޭނެ، އޭރުން ރާއްޖޭން އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ ކުޑަވާނެ،" ނަޝީދު ލިޔުއްވި އެވެ.
ސަރުކާރުން ސުކޫކު ރީފައިނޭންސް ކުރާއިރު، ހެޔޮ އަގެއްގައި ރީފައިނޭންސް ކުރަން ދަތިވާނެ އެވެ. ސަބަބަކީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމެވެ. ރޭޓިން ދަށް ދުވަސްވަރެއްގައި ދަރަނި ނަގާނަމަ، ދަރަނި އަދާކުރުމުގެ އަގު ބޮޑު ވާނެ އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމަށް 25 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި އެވެ. އެ ސަރުކާރުން މަގުމަތިން ބަދަލުކުރުމަށް އޭރު އޮތް އިދިކޮޅު ކޯލިޝަނުން ދެއްކި މައިގަނޑު އެއް ސަބަބަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުމެވެ. އެ ސަރުކާރު ބަދަލުކުރުމަށް ފަހު އައި މުހައްމަދު ވަހީދުގެ ސަރުކާރުން އެ އެގްރީމެންޓު ބާތިލުކުރީ ނޮވެމްބަރު 2012، ގަ އެވެ.
ޖީއެމްއާރުން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅީ 1.4 ބިލިއަން ޑޮލަރު ދިވެހި ސަރުކާރުގެ އަތުން ހޯދުމަށެވެ. އާބިޓްރޭޝަނުން ނިންމީ ދިވެހި ސަރުކާރުން ދައްކަން ޖެހޭނީ 270 މިލިއަން ޑޮލަރު ކަމަށެވެ. އެ ފައިސާގެ ބޮޑުބައެއް ދެއްކީ ދައުލަތުގެ ރިޒާވުންނެވެ.
އެއާއެކު ދައުލަތުގެ ކޭޝްފްލޯއަށް ދިމާވި ދަތިތައް ހައްލުކުރުމަށް އޭރު އޮތް ޕީޕީއެމްގެ ސަރުކާރުން 2017 ވަނަ އަހަރު 250 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކި އެވެ. އެ ބޮންޑު މެޗުއާވެ އެއަށް ފައިސާ ދައްކަން ޖެހުނީ ކޮވިޑުގެ ދުވަސްވަރު އޭރު އޮތް އެމްޑީޕީގެ ސަރުކާރަށެވެ. އެ ފައިސާ ދެއްކުމަށާއި ކޮވިޑުގެ ސަބަބުން އިގުތިސޯދަށް ކުރި އަސަރުތަކުން އަރައިގަތުމަށް އެ ސަރުކާރުން 2021 ގައި 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކި އެވެ.
އެ ސުކޫކަށް ފައިސާ ދައްކަން ޖެހެނީ އަންނަ އަހަރު އެވެ. އެ ސުކޫކް ހިމެނޭހެން ޖުމުލަ އެއް ބިލިއަން ޑޮލަރު ދަރަނި ދެއްކުމުގެ ހަރަދަށް އަންނަ އަހަރު ރާއްޖެއިން ހޭދަކުރަން ޖެހެ އެވެ.
ސުކޫކު ދައްކަން އިތުރު ބޮންޑެއް ނުވިއްކައި ހުޅުލޭ އެއާޕޯޓުގެ ހިއްސާ ވިއްކައިގެން ފައިސާ ހޯދަން ނަޝީދުގެ ހިޔާލު ސުކޫކު ދައްކަން އިތުރު ބޮންޑެއް ނުވިއްކައި ހުޅުލޭ އެއާޕޯޓުގެ ހިއްސާ ވިއްކައިގެން ފައިސާ ހޯދަން ނަޝީދުގެ ހިޔާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ