ކުޑަ ކުދިންގެ ޖިންސީ މަންޒަރު ބެލުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ މެޓީރިއަލް ދެކުނު އޭޝިއާއިން އެންމެ ފަސޭހައިން ލިބެން ހުންނަ ގައުމަކީ ރާއްޖެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައުލޫމާތު އެއްކޮށް، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ޗައިލްޑްލައިޓް ޖަމިއްޔާއިން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ، ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިލްޑް ސެކްސް އެބިއުޒް މެޓީރިއަލް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯއާއި އޭއައި މެދުވެރިކޮށް އުފައްދާފައިވާ އެފަދަ ތަކެތި އުފައްދާ މިންވަރާއި ލިބެން ހުންނަ މިންވަރު ހާމަކޮށްފައެވެ. އެ މައުލޫމާތު ބިނާކޮށްފައިވަނީ މިދިޔަ އަހަރު ނެޝަނަލް ސެންޓާ ފޯ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރެން (އެންސީއެމްއީސީ)އަށް ކޮށްފައިވާ ރިޕޯޓުތަކަށެވެ. އެ މައުލޫމާތުން އެނގޭ ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުގައި އެފަދަ މެޓީރިއަލްއާ ގުޅުންހުރި ރިޕޯޓުތައް އެންމެ ގިނައީ އިންޑިއާއާއި ބަންގްލަދޭޝްއާއި ޕާކިސްތާނުގައެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއް: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ މެޓީރިއަލް އެންމެ ފަސޭހައިން ލިބެން ހުންނަނީ ރާއްޖެއިން ކަމަށް ދިރާސާއަކުން ދައްކާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ޗައިލްޑްލައިޓްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާބާދީގެ ނިސްބަތަށް ބަލާއިރު، އެފަދަ މެޓީރިއަލް އެންމެ ފަސޭހައިން ލިބެން ހުންނަނީ ރާއްޖޭގައެވެ. އެއީ ކޮންމެ 10،000 މީހަކަށް 94 ރިޕޯޓު ނުވަތަ ނޯޓިސްއެވެ. ރާއްޖެއަށް ފަހު އެ ރޭޓް އެންމެ މަތީ ބަންގްލަދޭޝްގައެވެ. އެއީ ރާއްޖެއަށް ވުރެ 29.9 ދަށް ރޭޓިންއަކާއެކު، ކޮންމެ 10،000 މީހަކަށް 64.1 ރިޕޯޓާއެކުގައެވެ. ރާއްޖޭގައި ދައުރުވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ފޮޓޯއާއި ވީޑިއޯގައި ފެންނަ ކުޑަކުދިންގެ އުމުރާ ގުޅޭ މައުލޫމާތު ވެސް އެ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ. އެ މައުލޫމާތު ހޯދައިފައިވަނީ އެންސީއެމްއީސީގެ އިތުރުން އިންޓަނެޓް ވޮޗް ފައުންޑޭޝަން (އައިޑަބްލިޔުއެފް)އާއި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އިންޓަނެޓް ހޮޓްލައިންސް (އިންހޯޕް)ގެ ޑޭޓާއަށެވެ. https://www.sun.mv/196665 އޭގެ ތެރެއިން އިންހޯޕްއާއި އައިޑަބްލިޔުއެފްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2023ގައި ރާޢްޖޭގައި އެންމެ ގިނައިން ހޯދަނީ ތިން އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯއެވެ. އަދި އެންސީއެމްއީސީގެ ޑޭޓާއިން ދައްކާ ގޮތުގައި، އެންމެ ގިނައިން ހޯދަނީ 14 އަހަރާއި 17 އަހަރުގެ ކުދިންގެ މަންޒަރެވެ. ރާއްޖެއަކީ ޒަމާނުއްސުރެ ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ގިނަ ގައުމެކެވެ. އެގޮތުން އެފަދަ މައްސަލަތައް އެންމެ ގިނައިން ފެންމަތިވަނީ އާއިލާގެ ތެރެއިން ނުވަތަ ގާތް މީހުންގެ ފަރާތުން ކަމަށްވާއިރު، އެފަދަ ކުށް ކުރާ މިންވަރާ އަޅައިބަލާއިރު ރިޕޯޓު ކުރުން މަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ