ދިފާއުން އިތުރު އިސްތިއުނާފެއް ހުށަނޭޅުމުން، ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ މައްޗަށް އިއްވާފައިވާ 27 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ބޮލްސޮނާރޯގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އިސް ދައުރެއް އަދާކުރެއްވި ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރޭސް އެކަން އިއުލާން ކުރެއްވީ އިއްޔެ އެވެ.
އެ ކޯޓުން ބުނީ ބޮލްސޮނާރޯގެ ހުކުމް ތަންފީޒު ކުރަން ފެށޭނީ ވެރިރަށް ބްރެސީލިއާގައި ހުންނަ ފެޑެރަލް ފުލުހުންގެ މައި މަރުކަޒުން ކަމަށެވެ. އޭނާ މިހާރު ހުރީ އެތަނުގަ އެވެ.
މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމަށް ފަހު ވެރިކަން ދެމެހެއްޓުމަށް ބަގާވާތެއް ކުރައްވަން އުޅުއްވުމުގެ ކުށް ބޮލްސޮނާރޯގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހު ސާބިތުވި އެވެ.
އޭނާގެ މައްޗަށް ސާބިތުވި ކުށަކީ ޑިމޮކްރެޓިކް ވެރިކަން ފުނޑުފުނޑު ކުރަން އުޅުމުގެ ދައުވާ އާއި ބަގާވާތެއް ކުރައްވަން އުޅުއްވުމުގެ ދައުވާ އާއި ހަތިޔާރު އެޅި ރޭވުމެއްގައި ބައިވެރިވުމާއި އާންމު މުދަލަށް ގެއްލުން ދިނުމާއި ހިމާޔަތް ކޮށްފައިވާ ގައުމީ ތަރިކައިގެ ބިނާތައް ހަލާކު ކުރުމަށް އެހީތެރިވުމުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް ވަނީ 27 އަހަރާއި ތިން މަސްދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް އެ ހުކުމް ތަންފީޒުނުކޮށް އޮތީ އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ބްރެޒިލްގެ ހަރުކަށި ކަނާތު ފިޔައިގެ ލިބަރަލް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޮލްސޮނާރޯއަކީ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ޗެމްބާ އޮފް ޑެޕިއުޓީސްގައި 27 އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އޭނާ ވަނީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ގައުމު ހިންގަވައިފަ އެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަގާމުގެ ބޭނުން ހިފައި ބްރެޒިލްގެ ވޯޓުލުމުގެ ނިޒާމު ބަލިކަށިކޮށްލައިފަ އެވެ. ޖޫން 2023ގައި ބްރެޒިލްގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓުން ވަނީ އޭނާ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ހުކުމްކޮށްފަ އެވެ.
ބްރެޒިލްގެ ކުރީގެ ރައީސްގެ ޖަލު ހުކުމް ތަންފީޒު ކުރަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ