އަހުރެމެން ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމުކަމަކަސްވާންޖެހޭނީ ސުވަރުގެ ވަދެވުމެވެ. ވީމާ އަބަދުވެސް މަސައްކަތްކުރަންވީ އެކަމަށެވެ. އެކަމަށް އެންމެ ފަސޭހަވާން އޮތީ ތަޤްވާވެރިވުމާއިއެކު މައިންބަފައިންނަށް ހެޔޮކޮށް ހިތުނު ވަރަކުންނެވެ.
ތަހްޒީބުވެގެން ތިބިކަމަށް ބުނާ ޤައުމުތަކުގައި މައިންބަފައިން މުސްކުޅިވުމުން ގެންގޮސްލަނީ އެފަދަ މީހުން ބަލަހައްޓާ މަރުކަޒަކަށެވެ. މަހަކުއެއްފަހަރުވެސް އޮންނަނީ ޙާލު ބަލައިލަންވެސް ނުދެވިފައެވެ. އެއިރު ދަރިން އުޅެނީ މައިންބަފައިން އެޅި ނުވަތަ ގަތް ގޭގައެވެ. އާމްދަނީ ހޯދަނީ މައިންބަފައިން ކުރި ބޮޑު ޚަރަދާއި އުފުލި ބުރައިން ކިޔަވައިދިނިތީއެވެ. އެމީހުންނަށް މިއީވެސް ހަމަ އިންޞާފެވެ. ނަމަވެސް އަހުރެމެން މުސްލިމުންނަށް އޮތީ އެގޮތަށް ކަންތައް ކުރުމެއް ނޫނެވެ.
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އެމީހާއަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކޮށްދެއްވަވާ ކަމެކެވެ. ރަޙިމުގެ ގުޅުން ބަދަހިކުރާ ވަރަކަށް އެމީހާއި ﷲ ތަޢާލާ ގުޅުއްވުން ބަދަހިކުރައްވަވާނެތެވެ. ރަޙިމުގެ ގުޅުމުގެ ތެރެއިންވެސް އެންމެ މުހިންމީ މައިންބަފައިންނާއި ބާއްވާ ގުޅުމެވެ.
މިވާހަކަ މިބުނަނީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ސުވަރުގެ ވައްދަވާނެ މީހުން ބުނަން އެނގޭކަމަށް ބުނާކަށް ނޫނެވެ. ނަމަވެސް އަހަރެންނަށް އެނގިފައި ހުރި ކަންކަމަށް ބަލައި ބުނަމެވެ. ކިތަންމެ ގިނައިން އަޅުކަން ކުރި ނަމަވެސް މައިންބަފައިންނަށް އިހާނެތިކޮށް ހިތައިފި މީހަކަށް ސުވަރުގެ ވަނުމަކީ ޙާޞިލުކުރަން ފަސޭހަވާނެ ކަމެއް ނޫނެވެ. އެހެނީ ﷲ ތައާލާގެ މަގުގައި ޖިހާދުކުރަން ދާން އުޅުނު ޒުވާނަކު ހުއްޓުވައި "ތިބާގެ އުމުރުން ދުވަސްވީ މަންމައަށް ޚިދުމަތް ކުރަން" ޙަދީޘްފުޅު ކުރެއްވެވިއެވެ. އަދި ޖިހާދުކުރުމުން ސުވަރުގެ ލިބޭފަދައިން މައިމީހާއަށް ޚިދުމްތްކޮށްދީގެން ސުވަރުގެ ޙާޞިލުކުރުމަށް ވެސް އެބައޮތެވެ.
އެޒުވާނާއަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާ ދާން އުޅުނީ މަޖުބޫރު ޖިހާދަކަށް ނޫނެވެ. މަޖުބޫރު ޖިހާދުގެ ޙާލަތު ތަފާތުވާނެއެވެ.
މިކަމުން އެނގިގެންދަނީ މައިމީހާއަށް ޚިދުމަތްކުރުމަކީ ޖިހާދުކުރުމަށްވުރެވެސް މުހިންމު ކަމެއް ކަމެވެ. އަހަރެމެން ބަލަންވީ މަންމަގެ ކިތައް ދަރިން ތިބިތޯއެއް ނޫނެވެ. އެންމެ ތަނަވަސްކަމުގައި އުޅެނީ ކޮންދަރިއެއްތޯއެއްވެސް ނޫނެވެ! އަދި މަންމަ އެންމެ ބޮޑަށް ހެޔޮކޮށް ހިތީ ކޮންދަރިއަކަށްތޯ އެއްވެސް ނޫނެވެ. ބަލަންވީ މައިމިހާއަށް ވީހައި ގިނަ ޚިދުމަތެއް ކޮށްދެވޭތޯ އެވެ. އެކަމުން ލިބެން އޮތް މަތިވެރި ޘަވާބާއި ދަރުމަ ލިބިގަތުމަށެވެ.
--އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން
ތިބާ އަބަދު އަޅުކަން ކުރިޔަސް މައިންބަފައިންނަށް އިހިމާލުވާ މީހުންނަށް ސުވަރުގެ ވަދެވުން ވާނީ ދަތިކަމަކަށް! އެއީ އެހާވެސް ބޮޑު ޙައްޤެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ