ބައްޕަގެ ވަކިވުމާ އެކު އާއިލީ ގުޅުން އިތުރަށް ބަދަހިވި: ރިދިމާ
އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ ނުފޫޒުގަދަ ކަޕޫރު ޚާންދާނުގެ މެންބަރުންނަކީ އާއިލީ ގުޅުންތަކަށް އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއްދޭ ބައެކެވެ. އެކަން އެ އާއިލާއަށް ނިސްބަތްވާ ފިލްމީ ތަރިންގެ ސޯޝަލް މީޑިއާއަށް އެކަނި ބަލާލިކަމަށް ވިޔަސް ދޭހަކޮށްދެއެވެ. ދާދި ފަހުން ހިންދުންސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ކުރީގެ އެކްޓަރު ރިޝީ ކަޕޫރުގެ ދަރިފުޅު ރިދިމާ ކަޕޫރު ސަހާނީ ބުނީ، ބައްޕަގެ ވަކިވުމާ އެކު އެ އާއިލާގެ މެންބަރުންގެ މެދުގައި އޮތް ގުޅުން އިހުނަށްވުރެ ވަރުގަދަވި ކަމަށެވެ. ހަމައެއާއެކު ރިދިމާއާއި ރަންބީރާ ދެމެދު އޮތް އެއްބަޑުއެއްބަފާކަމުގެ ގުޅުން ވެސް ކުރިއަށްވުރެ ވަރުގަދަވި ކަމަށް ރިދިމާ ވަނީ ބުނެފައެވެ. ރިދިމާއަށް ވުރެ ހަގު އެކްޓަރު ރަންބީރު ކަޕޫރު ބޮޑުވަމުން އައިއިރު އެ ދެމެދުގައި އޮތީ އެހެން އެއްބަނޑު އެއްބަފާ ދެ ބެއިންގެ މެދުގައި ވެސް އޮންނަ ކަހަލަ އާދައިގެ ގުޅުމެއް ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ. ރަންބީރު ކަޕޫރު މަންމަ ނީތޫ އަދި ރިޝީ ކަޕޫރާ އެކު--ފޮޓޯ/ވިކިޕީޑިއާ ފިލްމީ އާއިލާއަކަށް ނިސްބަތްވިޔަސް ދެބެއިން ބޮޑުވަމުން އައީ ވަރަށް އާދައިގެ ދިރިއުޅުމެއްގައި ކަމަށާއި ބއެއް ފަހަރު ކަންކަން މައިންބަފައިންނަށް ސިއްރުކުރާ ކަމަށް ވެސް ރިދިމާ ވަނީ ބުނެފައެވެ. އެހެންވެ، ކުޑައިރުއްސުރެ އެއީ ޓީމެއް ކަމަށް މިހާރު ބޮލީވުޑަށް ތައާރަފްވުމުގެ މަގުމަތީގައި ހުރި ބަތަލާ ވަނީ ބުނެފައެވެ. ނަމަވެސް ރިދިމާގެ ކައިވެންޏަށް ފަހު ފަހުން ދިރިއުޅުނީ ނިއު ދިއްލީގައި ކަމުން ދެބެއިންގެ ދެމެދުގައި ކޮންމެވެސް ކަހަލަ ދުރުކަމެއް ހުރި ކަމަށް ރިދިމާ ވަނީ ބުނެފައެވެ. އެކަން ބަދަލުވީ ބައްޕަގެ ވަކިވެދިއުމަށް ފަހު ކަމަށާއި މިހާރު ރަންބީރަކީ އެ އާއިލާގެ ހުރިހާ މެންބަރުން ވެސް އެންމެ ބޮޑަށް ބަރޯސާވާ ހަމައެކަނި މީހާ ކަމަށް ރިދިމާ ބުނެފައިވެއެވެ. މީގެ ފަސް އަހަރު ކުރިން ކެންސަރު ބަލީގައި ރިޝީ ކަޕޫރު މަރުވުމާ ގުޅިގެން ރިދިމާއާއި މަންމަ ނީތޫ ކަޕޫރުގެ ވަރަށް ގިނަ ކަންކަމުގެ ޒިންމާ ނަގަމުން އަންނަނީ ރަންބީރު ކަމަށް ރިދިމާ ވަނީ ބުނެފައެވެ. ކަމެއް ބޭނުންވާ ވަގުތު އެންމެ އަވަހަށް އެހީތެރިވެދޭން ހުންނަނީ ވެސް ރަންބީރު ކަމަށާއި އެއީ ދަރިއެއްގެ ގޮތުންވެސް އަދި ކޮއްކޮއެއްގެ ގޮތުން ވެސް އެ އާއިލާ ފަޚުރުވެރިވާ ފަދަ މީހެއް ކަމަށް ރިދިމާ ވަނީ ބުނެފައެވެ. މީގެ އިތުރުން، ރަންބީރަކީ މިހާތަނަށް ރިދިމާ ދުށް އެންމެ އޯގާތެރި ހިތްހެޔޮ ބައްޕަ ކަމަށާއި ދަރިފުޅު ރަހާގެ ކަންކަމަށް ރަންބީރު އިސްކަންދޭ މަންޒަރަކީ ވަރަށް ޖަޒުބާތީ މަންޒަރެއް ކަމަށް ރިޝީ ކަޕޫރާއި ނީތޫގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ވަނީ ބުނެފައެވެ. ގިނަ ބެލުންތެރިންނަށް ރަންބީރު ސްކްރީނުން ފެންނަނީ ވަރަށް ހުނަރުވެރި އެކްޓަރެއްގެ ސިފައިގައި ނަމަވެސް އެއީ މީހުންނަށް ވަރަށް ހެޔޮ ހުރިހާ އެންމެންނަށް ވެސް ލޯތްބާއި އަޅާލުން ދިނުމަށް އިސްކަންދޭ މީހެއް ކަމަށް ރިދިމާ ވަނީ ބުނެފައެވެ. އެކަން ރަންބީރާ އެކު ގާތުގައި މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާނެ ކަމަށް ރިދިމާ ވަނީ ބުނެފައެވެ. ގަހަނާ ޑިޒައިންކޮށް ވިއްކުމުގެ ވިޔަފާރި ހިންގަމުން އަންނަ ރިދިމާ ފިލްމީ ދާއިރާއަށް ތައާރަފު ވަނީ "ދާދީ ކީ ޝާދީ"ގެ ނަމުގައި އުފައްދާ ފިލްމަކުންނެވެ. ރިދިމާ ވަނީ ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ ތިން ވަނަ ސީޒަންއިން ވެސް ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ