މެސީ ތަފާތު ދައްކައި މިއާމީ ފުރަތަމަ ފަހަރަށް ކޮންފަރެންސް ފައިނަލަށް ގެންގޮސްދީފި މެސީ ތަފާތު ދައްކައި މިއާމީ ފުރަތަމަ ފަހަރަށް ކޮންފަރެންސް ފައިނަލަށް ގެންގޮސްދީފި

ސިންސިނާޓީ، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 24) - ލިއޮނަލް މެސީ ދެއްކި ތަފާތު ކުޅުމާ އެކު 4-1 އިން ސިންސިނާޓީ ބަލިކޮށް، އިންޓަ މިއާމީން ފުރަތަމަ ފަހަރަށް މޭޖަ ލީގު ސޮކާ (އެމްއެލްއެސް) އީސްޓާން ކޮންފަރެންސް ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެމްއެލްއެސްގެ ރެގިއުލާ ސީޒަނުގައި މި ފަަހަރު މެސީ ވަނީ 29 ލަނޑު ޖަހައިފަ އެވެ. އަދި، ޕޯސްޓް ސީޒަނުގައި މި ޕްލޭއޮފުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވަނީ ހަ ލަނޑު ޖަހައިފަ އެވެ. އަދި، މި ހަތަރު މެޗުގައި، 12 ގޯލުގައި މެސީގެ ހިއްސާ އެބައޮތެވެ. މިއީ، ޕޯސްޓް ސީޒަނުގައި ކުޅުންތެރިއެއްގެ ފޯމަށް ބަލާއިރު ރެކޯޑެކެވެ.
ސިންސިނާޓީ ދަނޑުގައި ކުޅުނު މެޗުގައި، މިއާމީން ލީޑުނެގީ މެސީ ބޮލުން ޖެހި ގޯލުންނެވެ. އަދި، މިއާމީން ދެން ޖެހި ތިން ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ. އަނެއް ލަނޑުތައް ޖެހީ، ޓަޑެއޯ އަލެންޑޭ ދެ ގޯލާއި މަޓެއޯ ސިލްވެޓީ އެވެ.
އިންޓަ މިއާމީން އީސްޓާން ކޮންފަރެންސް ފައިނަލުގައި ކުޅޭނީ ނިއު ޔޯކް ސިޓީ ނޫނީ ފިލަޑެލްފިއާއާ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ، އެމްއެލްއެސް ކަޕްގެ ފައިނަލުގައި، މިއާމީން ނުކުންނަން ޖެހޭނީ ވެސްޓާން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދައިގެން އަންނަ ޓީމަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ