ކީމޯތެރަޕީން ލިބޭ ގެއްލުން ފޫބައްދައިދޭ ބޭހެއް އީޖާދުކުރަނީ ކީމޯތެރަޕީން ލިބޭ ގެއްލުން ފޫބައްދައިދޭ ބޭހެއް އީޖާދުކުރަނީ

ކެންސަރާ ދެކޮޅަށް ބޭނުންކުރާ ކީމޯތެރަޕީން ލިބޭ އެއް ގެއްލުމަކީ ލޭ ނާރުތައް ހަލާކުވުމެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި ބަލިމީހާއަށް ކީމޯތެރަޕީގެ ފަރުވާ ދޭން ފެށުމުން، ދިފާއީ ނިޒާމުގެ ސެލްތަކުގައި ސްޓްރެސްގެ ރަނގަބީލު އަޅަން ފަށައެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑުގައި ދުޅަތަކެއް އުފެދި އެކަމުގެ ސަބަބުން ނާރުތައް ހަލާކުވުމެވެ.
އެހެން ނަމަވެސް، މި ދިފާއީ ސެލްތަކުގައި މި ރަނގަބީލު އެޅުން ހުއްޓުވިއްޖެ ނަމަ، ނާރަށް ތަދުވުމާއި ނާރު ހަލާވުމުން ސަލާމަތްކޮށްދޭ ކަން، މީދާ ބޭނުންކޮށްގެން ލެބޯޓެރީގައި ކުރި ޓެސްޓުތަކުން ސާބިތުވެއެވެ. ކެންސަރަށް ފަރުވާ ކުރުމަށް ސައެންސްވެރިން އަލަށް އީޖާދުކުރި މި ބޭސް، މީދަލަށް ދިނުމުން ހެޔޮ ނަތީޖާއެއް ފެނިފައިވާތީ، ސައެންސްވެރިން މިހާރު އުންމީދު ކުރަނީ، އިންސާނުންނަށް މި ބޭސް ދިނުމުން ވެސް، ހަމަ އެ ނަތީޖާ ފެންނާނެ ކަމަށެވެ.
އަޖުމަ ބެލުމުގެ ގޮތުން މީދަލުގެ ހަށިގަނޑުގައި މި ބޭސް ބޭނުންކުރުމުން ނުކުތް ނަތީޖާއަށް ބަލާއިރު، ކީމޯތެރަޕީގެ ސަބަބުން ނާރުތައް ހަލާކުވުމުގެ ކުރިން، އެކަން މެދުވެރިވެދާނެ ކަން ދުރާލައި ދެނެގަތުމަށް ވެސް މި ބޭހުން މަގު ފަހިވާނެއެވެ. މީގެ ކުރިން ހަދާފައިވާ ދިރާސާތައް ބުނާ ގޮތުން ކީމޯތެރަޕީ ދިނުމުން، އިންސާނާގެ ދިފާއީ ސެލްތަކުގައިވާ ސްޓްރެސްގެ އިހްސާސްކޮށްދޭ ނިޒާމު ހަރަކާތްތެރިކުރުވައެވެ.
އެމެރިކާގެ ޔުނިވަސިޓީ އޮފް ވޭކް ފޮރެސްޓްގެ ސްކޫލް އޮފް މެޑިސިން އާއި ވެއިލް ކޯނެލް މެޑިސިން (ޔުނިވަސިޓީ އޮފް ކޯނެލްގެ މެޑިކަލް ސްކޫލް)ގެ ސައެންސްވެރިންގެ ޓީމަކުން ކުރި ދިރާސާއިން ދައްކާ ގޮތުގައި، ކީމޯތެރަޕީގެ ސަބަބުން ހަށިގަނޑުގައި ދުޅަތައް އުފެދި ނާރުތައް ހަލާކުވާން މެދުވެރިވުމުގައި ތަފާތު ސަބަބުތައް ހުރެދާނެއެވެ. އަދި ކެންސަރު ބަލީގެ ގިނަ މީހުން ފަރުވާގެ މަރުހަލާގައި އުނދަގޫތަކެއް ތަހައްމަލު ކުރަންޖެހި، ދިގު މުއްދަތަކަށް ވޭން ތަހައްމަލުކުރަން ޖެހޭ ސަބަބު ވެސް، އަލަށް މި އީޖާދުކުރާ ބޭހުގެ އެހީގައި ދެނެގަނެވިދާނެ ކަމަށް ސައެންސްވެރިން ދެކެއެވެ.
ކެންސަރާ ދެކޮޅަށް ކީމޯތެރަޕީގެ ފަރުވާ ހޯދާ މީހުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ މީހުންނަށް، ކީމޯތެރަޕީ-އިންޑިއުސްޑް ޕެރިފެރަލް ނިއުރޯޕަތީ (chemotherapy-induced peripheral neuropathy / CIPN) ކިޔާ ހާލަތެއް މެދުވެރިވެއެވެ. މި ހާލަތު މެދުވެރިވުމުން، ދެ އަތާއި ދެފައިތިލަ އައްސިވުމާއި އަކުނިވަޔަށްދަމައި ތަދުވާ ގޮތްވެއެވެ. މިހެންވުމުން، އެ ބަލިމީހާގެ ހާލަތަށް ބެލުމަށް ފަހުގައި ޑޮކްޓަރުންނަށް މަޖުބޫރުވަނީ، ކީމޯތެރަޕީގެ ފަރުވާ ފުރިހަމަނުކޮށް ހުއްޓައިލަން ނުވަތަ ފަރުވާގެ ޑޯޒް ދަށް ކުރުމަށެވެ.
މިހާރު އަލަށް އީޖާދުކުރާ ބޭހުގެ ޕްރީކްލިނިކަލް ދިރާސާގައި – ސައެންސް ޓްރާންސްލޭޝަނަލް މެޑިސިން ކިޔާ ޖާނަލްގައި، 29 އޮކްޓޫބަރު 2025 ގައި ޝާއިއުކޮށްފައި – ފާހަގަކޮށްފައިވާ ގޮތުގައި ސީއައިޕީއެންގެ ހާލަތު މެދުވެރިވެދާނެ ކަން ދުރާލައި ދެނެގަތުމަކީ، ބަލިމީހާގެ ލޭގެ ޓެސްޓެއް ހަދައިގެން ކުރެވިދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ