ބަޖެޓު ބަހުސް މާދަމާއަށް ނިންމާލަނީ، ބަހުސަށް މެންބަރުންގެ ތަރުހީބު ކުޑަ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގެ ބަޖެޓު ބަހުސް މާދަމާ ނިންމާލަން ގަސްދުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ. ބަޖެޓަށް ބަހުސްކުރުމަށް މެންބަރުންނަށް ފުރުސަތު ހުޅުވާލުމުގެ ކުރިން އަބްދުއްރަހީމް ވަނީ، ބަޖެޓަށް ބަހުސްކުރަން ބޭނުންވާ މެންބަރުން މިއަދު ހެނދުނު 10:30ގެ ކުރިން ބަހުސްކުރުމުގެ ފުރުސަތަށް އެދި ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ބަހުސްގައި ބައިވެރިވާން އެދިވަޑައިގަތީ ވަރަށް މަދު މެންބަރެކެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން ބަޖެޓަށް މިހާތަނަށް ބަހުސްކުރެއްވީ އެންމެ 27 މެންބަރުންނެވެ. އެއީ މި މަޖިލީހުގެ ޖުމްލަ މެންބަރުންގެ 29.03 ޕަސެންޓެވެ. އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަން މެންބަރުން އެތައް ވަގުތެއް ހޭދަކުރައްވައެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް ބަހުސްކުރުމަށް ފުރުސަތަށް އެދިވަޑައިގެންނެވި މެންބަރުންނާއި ބަޖެޓަށް ބަހުސްކުރެއްވި މެންބަރުންގެ އަދަދާއި ބަޖެޓަށް ބަހުސްކުރައްވަން ހޭދަކުރެއްވި ވަގުތު އެހެން އަހަރުތަކާ އަޅާ ބަލާއިރު ބޮޑު ތަނުން މަދެވެ. ފާހަގަކުރެވޭ ގޮތުގައި ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ، ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް އަންނަ ބުދަ ދުވަހަށް ނިންމާލުމަށް ނިންމައިފައެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ވަނީ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 39.9 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ހިންގުމުގެ ޚަރަދަށެވެ. އެއީ ޖުމުލަ ބަޖެޓުގެ 62 އިންސައްތައެވެ. އެ ބަޖެޓުގައި ދަރަނި އަނބުރާ ދައްކަން 9.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޖުމުލަ ބަޖެޓުގެ އަދަދު ރިކޯޑު މިންވަރެއް ކަމަށްވާ 64 ބިލިއަން ރުފިޔާއަށް އެރީ އެ ދަރަނި ދައްކަން ޖެހުމުގެ ސަބަބުން ކަމަށެވެ. އެކަމަކު، އެ ޚަރަދު ކަނޑާލުމުން ބަޖެޓަކީ ޖުމުލަ 55 ބިލިއަން ކަމަށް އޭނާ ވިދާޅުވިއެވެ. "އަންނަ އަހަރުގެ ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާއި ގުޅިގެން އިތުރުވާ މުސާރައާއި އުޖޫރައިގެ ޚަރަދު،" ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވިއެވެ. އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 40 ބިލިއަންގެ ތެރެއިން 31.1 ބިލިއަން ރުފިޔާއަކީ ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ އަދަދެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ވެސް 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިސާބު ޖަހާފައެވެ. އަދި، ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައިވެއެވެ. އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރެއިން 16.8 ބިލިއަން ރުފިޔާ ހޯދަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ