މަސް ގަންނަ އަގު ސަރުކާރުން ބޮޑުކުރަން އުޅޭތީ މަހުގެ ވިޔަފާރިކުރާ ކުންފުނިތަކުގެ ކަންބޮޑުވުން މަސް ގަންނަ އަގު ސަރުކާރުން ބޮޑުކުރަން އުޅޭތީ މަހުގެ ވިޔަފާރިކުރާ ކުންފުނިތަކުގެ ކަންބޮޑުވުން

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ކަނޑުމަސް ގަންނަ އަގު 20ރ. އަށް ބޮޑުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ، އެކަމާ ގުޅިގެން މަސްވެރިކަމުގެ ވިޔަފާރިކުރާ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުކުރާނެ ކަމަށް މުއިއްޒު ވިދާޅުވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް އެކި ކުންފުނިތަކުން އެ އެސޯސިއޭޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ.
"މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތަކުން ފާހަގަކުރާ ގޮތުގައި، ކަނޑުމަހުގެ ގަންނަ އަގަށް ގެންނަން ހުށަހަޅާފައި މިވާ ބަދަލަކީ، ބައިނަލްއަޤްވާމީ މާކެޓްތަކަށް ދެމެހެއްޓެނިވި އުސޫލަކުން މަސް އެކްސްޕޯޓްކުރުމަށް ހުރަސްއެޅޭފަދަ މިންވަރެއްގެ ބޮޑު އަގެއް،" އެމްއެސްޕީއީއޭ އިން ބުންޏެވެ.
އެމްއެސްޕީއީއޭ އިން ބުނީ މަހުގެ އަގުބޮޑުކޮށްފިނަމަ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓުމަށް ގޮންޖެހުންތައް ކުރިމަތިވެ، ދިވެހި މަސް ބޭރު މާކެޓްތަކަށް ގަނެވޭވަރަށް ވުރެ އަގު ބޮޑުވެ، ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތައް ބަންގުރޫޓްވެ، އެ ކުންފުނިތަކުގެ ފެކްޓްރީތައް ބަންދުކުރަން ޖެހިދާނެ ކަމަށެވެ.
ސިޔާސީ މަންފާއަށް މަހުގެ އަގުބޮޑުކުރުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށް އެމްއެސްޕީއީއޭ އިން ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގުބޮޑުކުރުމުން ލިބުނު ގެއްލުން އަދިވެސް ފޫނުބެއްދޭ ކަމަށެވެ.
މިފްކޯއަށް މަސް ކިރަން ޖެހޭނީ ނުހަނު ބޮޑު ގެއްލުމެއްގައި ކަމަށާއި، އެ ގެއްލުން ފޫބައްދަން ޖެހޭނީ ދިވެހި ދައުލަތުގެ ބަޖެޓުންކަމަށް ވީހިނދު، އެއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދިވެހި ދައުލަތަށްވާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
އެ އެސޯސިއޭޝަނުން ބުނީ މަސް ގަންނަ އަގު 16ރ. ހުރިއިރުވެސް މިފްކޯ ހިންގަމުން އައީ ގެއްލުމުގައި ކަމަށް ވެފައ، އެ އަދަދު 25 ޕަސަންޓަށް އިތުރުކޮށް 20ރ. އަށް ބޮޑުކުރުމުން ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށެވެ.
"މިފްކޯގެ ހިދުމަތް ނުލިބޭ ސަރަޙައްދުތަކުގައި މަސް ގަތުމުގައި އަމިއްލަ ކުންފުނިތަކުން މުހިންމު ދައުރެއް އަދާކުރަމުންދާކަމަށާއި، މިފްކޯއަށް ކިރުވާމަހުގެ އަގަށް ސަރުކާރުން ބަދަލުގެނެސް އަގުބޮޑުކޮށްފިނަމަ، މިކަމުން ހާމަވަނީ މިހާރުގެ ސިޔާސަތުގައި ހުރިހާ މަސްވެރިންނަށް ހަމަހަމަ ފުރުސަތު ނުލިބުމުގެ މައްސަލަ ކަމަށްވެސް ވަނީ ފާހަގަކޮށްފައި،" އެ އެސޯސިއޭޝަނުން ބުންޏެވެ.
އެމްއެސްޕީއީއޭ އިން ބުނީ ިކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި މަސްވެރިން ހިމެނޭހެން ހުރިހާ މަސްވެރިންނަށާއި، ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ހަމަހަމަކަމާއެކު ފައިދާ ލިބޭނެ، އަދި ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓާއި އެކްސްޕޯޓް އިތުރުކުރެވޭނެ ފަދަ ހަމަހަމަ ސަބްސިޑީ މޮޑެލްއެއް އެކުލަވާލުމުގެ މުހިންމު ކަމަށެވެ.
ކުރު މުއްދަތެއްގައި މަދު މަސްވެރިންނަށް އެކަނި މަންފާ ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރުމުގެ ބަދަލުގައި، މެދު އަދި ދިގުރާސްތާގައި މަސްވެރިންނަށާއި އަންނަން އޮތް ޖީލްތަކަށް މަސްވެރިކަމުގެ ނަފާ ލިބޭގޮތަށް ސިޔާސަތު ފުޅާކުރުމުގެ މުހިންމުކަން އެމްއެސްޕީއީއޭ އިން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ