އެމްޑީޕީން މެދުނުކެނޑި މުޒާހަރާތައް ކުރިއަށްގެންދަން ވާނެ ކަމަށާއި އެ މުޒާހަރާތަކުގެ އެންމެ ކުރީގައި ހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 3 ގައި މާލޭގައި މުޒާހަރާ ކުރުމަށާއި އަދި އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ފާސްކޮށްފަ އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ސޯލިހު ވިދާޅުވީ ހުރިހާ ދާއިރާއަކުން ވެސް ގައުމު އޮތް ހާލަތު ވަރަށް ސާފުކޮށް އެނގޭ ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުން އެމްޑީޕީގެ ފަރާތުން ކުރާ އުއްމީދުތަކެއް އޮންނަ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އިސްވެ ބަސްބުނެ، އަޑުއުފުލަން ނިކުންނަ ޕާޓީއަކީ އެމްޑީޕީ ކަމަށް ރައްޔިތުން ދެކޭ ކަމަށާއި މިއަދު މިއޮތީ އެ ހާލަތަށް އައިސްފައި ކަމަށް ސޯލިހު ވިދާޅުވި އެވެ.
މި ސަރުކާރަށް އެއް އަހަރާއި 10 މަސްވިއިރު ރާއްޖޭގައި ކަންބޮޑުނުވާ އެކަކު ވެސް ނެތް ކަމަށާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް އުފުލި، ރައްޔިތުންނަށް ހަރަދުތައް ނުބެލެހެއްޓޭ ހިސާބަށް ދިޔުމުން ސަރުކާރު ޖަވާބުދާރީކުރުވަން އެމްޑީޕީ އިސްވެ ނިކުންނަންޖެހޭ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވަނީ އަންނަ މަހު އެމްޑީޕީން ފަށާ މުޒާހަރާތައް ރައްޔިތުންނާއި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އެދޭ އެދުންތައް ފުރިހަމަ ވަންދެން މެދުނުކެނޑި ކުރިއަށްގެންދަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ޕާޓީގެ ހުރިހާ މެމްބަރުންގެ ކިބައިން މިއެދެނީ ދެންމެ ހުށަހަޅާފައިވާ ގަރާރާ އެއްގޮތަށް އަޅުގަނޑުމެން ފަހަތަށް ނުޖެހި ނިކުމެވަޑައިގެން މިކަމުގައި ކުރިއަށް ވަޑައިގަންނަވާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމުގައި ކުރީގައި ތިބޭފުޅުންނާއެކީގައި ތިބޭނެ ވާހަކަދަންނަވަން،" ސޯލިހް ވިދާޅުވި އެވެ.
މެދުނުކެނޑި މުޒާހަރާ ކުރަންވާނެ، ކުރީގައި ހުންނާނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ