ރާއްޖޭގެ ސިވިލް ކޯޓަށް އާންމު މަސްލަހަތުގައި މަދަނީ މައްސަލައެއް 02 ސެޕްޓެމްބަރު 2021ގައި އަހުރެން ހުށަހެޅީމެވެ. އަދި މި މައްސަލަ ހިނގަމުންދާ ގޮތާ ބެހޭ މައުލޫމާތު މިދަނީ އަހުރެންގެ ވެބްސައިޓް މިވެށި.ކޮމްގައި އާންމު މައުލޫމާތަށްޓަކައި ޝާއިއުކުރަމުންނެވެ.
މިއީ ކ. ގުޅިފަޅު ހިއްކައިގެން ޕޯޓެއް ހެދުމުގެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ރާއްޖޭގެ ސަރުކާރު މެދުވެރިވެ، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ގޮންޖަހާ، ކޯވިޑު-19ގެ ހާލަތުގައި ރާއްޖެ އޮތް ވަގުތެއްގައި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެއް ނެތި، އަވަސްއަރުވާލައިގެން މި މަޝްރޫއު މެއި 2020 ގައި ހިންގަން ފެށުމުން، ގުޅިފަޅާ ޖެހިގެން އޮތް ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އުފެދުނެވެ. ގުޅިފަޅު ކޮންނަން ފެށުމަކީ ވިލިމާލޭގެ ގުދުރަތީ ފަރު ދިރިދެމިއޮތުމަށް އޮތް ނުރައްކަލަކަށް ވި އެވެ. އަދި މި މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލޭ ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލިހަށް މި މައްސަލަ ހުށަހެޅި އެވެ. މި ހުށަހެޅުމުން ސާފުވާން އޮތް ކަމަކީ ގުޅިފަޅު ހިއްކަން ހަވާލުކުރި ބޮސްކާލިސް ނަމަކަށް ކިޔާ ނެދަލެންޑުގެ ކުންފުނިން މި މަސައްކަތް ކުރަމުން ގެންދިޔައީ މަޝްރޫއުގެ ތިމާވެށީގެ ރިޕޯޓުގައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި، އެފަދަ ފިޔަވަޅުތައް ނާޅާ ކަމެވެ. ނަމަވެސް ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ ހަމައެކަނި ތަންފީޒީ މަރުހަލާގައި މައްސަލަތަކެއް އުފެދުނު މަޝްރޫއެއް ނޫނެވެ. މި މަޝްރޫއު އުފެދިގެން އައި ގޮތުގައި ވެސް އުނި އެތައް ސިފަތަކެއް ހުރި މަޝްރޫއެއްކަން ލިބެން ހުރި މައުލޫމާތުތަކުން ސާފުވެ އެވެ. ނަމަވެސް އެއީ މިވަގުތު ތަފްސީލު ކުރެވޭވަރަށް ވުރެ ދިގު ލިސްޓެކެވެ.
އަދަކީ 2 ސެޕްޓެމްބަރު 2025 އެވެ. ގުޅިފަޅު މަޝްރޫއު ހުއްޓުވަން ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާކޮށް އަހުރެން މައްސަލަ ހުށަހެޅިތާ މިއަދަށް ހަތަރު އަހަރު ވީއިރު، މި މައްސަލައިގެ މައުލޫއީ ދައުވާއާ މެދު އަދިވެސް އޮތީ ސިވިލް ކޯޓުން ގޮތެއް ނުނިމި އެވެ. މައްސަލައެއް ކޯޓުގައި ލަސްވުމަކީ ރާއްޖޭގެ ކޯޓެއްގައި އާ ކަމެއް ނޫންކަން ގިނަ ބަޔަކު ދަންނާނެ އެވެ. ނަމަވެސް ރާއްޖޭގެ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބެލެންވާނެ ގޮތުގެ ގާނޫނީ އިޖުރާއަތުތަކެއް ގާއިމްވެފައި އަދު އެބަ ހުއްޓެވެ.
'އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން' – މިއީ ގާނޫނާއި އިންސާފުގެ ދާއިރާގެ ޒަމާންވީ އަދި މަޝްހޫރު ހަރުބަހެކެވެ.
އާންމު މަސްލަހަތު ހިމެނޭ މި މަދަނީ މައްސަލައިގައި ގާނޫނީ އިމުގެ ތެރެއިން، އަހުރެން ވެސް ހިމެނޭ ގޮތަށް، ރައްޔިތުންގެ ހައްގުތަކެއްގެ ދިފާއުގައި އިންސާފުވެރި ޝަރިއްޔަތަކަށް، ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެން އެދުނީ އެވެ. މިއީ އަހުރެންނަށް ލިބިގެންވާ ގާނޫނީ އަސާސީ ހައްގެކެވެ. އިންސާފާ ދިމާއަށް ކޯޓުން ދަތުރުކުރާނެކަމަށް ބެލުނު މަރުހަލާގައި ފިރުކެމުން، ދިގުލަމުން ގޮސް، އިންސާފު ނުލިބޭ ހިސާބަށް ލަސްވެ، މައްސަލަ ހުއްޓިފައިވާ ގޮތް ރަމްޒުކޮށްދޭ މުހިންމު ދެ ތަޖުރިބާއެއް ބަޔާންކޮށްދޭން މި ފުރުސަތުގައި އަހުރެން މަސައްކަތްކުރާނަމެވެ.
ފުރަތަމަ ތަޖުރިބާއަކީ ހެކިންގެ ހެކިބަސް ނެގުމުގައި ކޯޓުން ދިމާވި ހައިރާންކުރުވަނިވި ގޮންޖެހުމެކެވެ. މި މައްސަލައިގެ މައުލޫއީ ދައުވާގައި، މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ހެކިން ކޯޓަށް ފުރަތަމަ ހާޒިރުކުރީ 13 މާޗް 2023 ގައެވެ. މި އަޑުއެހުމަކީ މި މައްސަލައިގައި މިހާތަނަށް ހިނގާ ދިޔަ އެންމެ ދިގު އަޑުއެހުމެވެ. މި އަޑުއެހުން ގާތްގަނޑަކަށް ދޭއް ބައި ގަޑިއިރަށް ދެމިގެން ދިޔަ އެވެ. ނަމަވެސް ދެން ކަން ހިނގާދިޔަ ގޮތަކީ، ކޯޓުގެ ވަސީލަތްތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އަޑުއެހުމުގެ ރިކޯޑިން 'ކޮރަޕްޓު' ވެ، ހެކިންގެ ހެކިބަޔާން ކަރުދާހަށް ތިރިކުރެވޭނެ ގޮތް ނެތިގޮސް، އަލުން ހެކިންގެ ހެކިބަސް ނަގަން ޖެހުމެވެ. ހެކިންގެ ހެކިބަހުގެ ފައިލް ކޮރަޕްޓުވެ، ހެކިންގެ ބަޔާން ލިޔެވޭނެ ގޮތެއް ނެތްކަން އަހުރެންނަށް ކޯޓުން އެންގީ ވެސް ހެކިބަސް ނެގިތާ ހަ މަސް ފާއިތުވި ފަހުންނެވެ. ހެކިންގެ ހެކިބަސް ދެވަނަ ފަހަރަށް ނެގުނީ ފުރަތަމަ އަޑުއެހުން ބޭއްވިތާ އަހަރެއް ފަހުން، 19 މާޗް 2024 ގަ އެވެ.
ދެވަނަ ތަޖުރިބާއަކީ މައުލޫއީ މައްސަލައިގެ ހުލާސާ ބަޔާނާ ބެހޭ ފަހު އަޑުއެހުން ނިމުމުން ކަންހިނގާފައިވާ ގޮތެވެ.
މައްސަލައިގެ ދެ ފަރާތުން ހުށަހެޅި ހުލާސާ ބަޔާނަށް ވާހަކަދެކެވުނު ފަހު އަޑުއެހުން ސިވިލް ކޯޓުގައި ބޭއްވީ 20 އެޕްރިލް 2025 ގަ އެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލާ މަދަނީ މައްސަލަތައް ހިންގަން ޖެހެނީ ވަކި އިޖުރާއަތުތަކެއްގެ ތެރޭގަ އެވެ. މިގޮތަށް ކަނޑައެޅިފައިވަނީ ޖޫން 2022ގައި އަމަލުކުރަން ފެށި މަދަނީ އިޖުރާއަތުގެ ގާނޫނު (ނަމްބަރު 2021/32) ގެ ދަށުންނެވެ. މި ގާނޫނުގެ 259 ވަނަ މާއްދާއަކީ ހުކުމް ކުރުމާ ބެހޭ މާއްދާ އެވެ. މި މާއްދާގައި ހިމެނޭ ތިން ނުކުތާގައި ކަނޑައަޅާފައިވާ ގޮތުގައި މައްސަލައެއްގައި ހުކުމް ކުރުމަކީ އެންމެ ފަހު އަޑުއެހުމަށް ފަހު ވަގުތުން ކުރަން ޖެހޭ ކަމެކެވެ. ނުވަތަ އެއަށް ފަހު ވީ އެންމެ އަވަސް މުއްދަތެއްގައި ކުރަން ޖެހޭ ކަމެކެވެ.
ހުކުމް އިއްވާނެ ތާރީހެއް ކޯޓުން ކަނޑައަޅާ، ފަހު އަޑުއެހުމުގައި ނުވަތަ އެއާ ޖެހިގެން އަންނަ ތިން ދުވަސް ތެރޭގައި މައްސަލައިގެ ހަސްމުންނަށް އެންގުމަކީ ކޯޓުން އަމަލުކުރަންވާނެ ގޮތެވެ. ހުކުމް އިއްވުމަކީ ފަހު އަޑުއެހުމަށް ފަހު 30 ދުވަހުގެ ތެރޭގައި ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އަހުރެން ހުށަހަޅައިގެން އުޅޭ މި މައްސަލައިގައި 20 އެޕްރިލް 2025ގައި ބޭއްވި އަޑުއެހުމަށް ފަހު ހަތަރު މަސް ފާއިތުވެ ގޮސްފައިވާއިރު ކޯޓުން އަދާހަމައަށް މި މައްސަލައިގައި ހުކުމެއް އިއްވާފައެއް ނެތެވެ. މައްސަލަ ސިވިލް ކޯޓުގައި ހަތަރު އަހަރު ވީއިރު އަހުރެން އަދިވެސް މިހުރީ މި ހުކުމުގެ އިންތިޒާރުގަ އެވެ. މިހާތަނަށް އައިއިރު މި އަހަރުތަކުގެ އާޚިރު ތަޖުރިބާއަކީ ޝަރުއީ ކޯޓުން ހޯދަން މަަސައްކަތްކުރި ގާނޫނީ ފަރުވާ އޮޔާ ދާތަން ބަލަން ހުންނަން ޖެހުމެވެ.
ގުޅިފަޅު ހިއްކުމާއި ޕޯޓެއް އެޅުމުގެ ބިޔަ، ޚަރަދު ބޮޑު އަދި ގެއްލުން ބޮޑު މަޝްރޫއު ހުއްޓުވަން ކޯޓުން ފަރުވާއެއް ހޯދަން 2 ސެޕްޓެމްބަރު 2021ގައި އަހުރެން އެދުނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހާލަތު ނުދަންނާތީއެއް ނޫނެވެ. އެކަން އަހުރެން ކުރީ ކޯޓުތަކުގެ ހާލަތު ކޮންމެވެސް މިންވަރަކަށް ދަންނާތީ އެވެ. އަދި އެކަން ކޮންމެހެންވެ ސް ކުރުމަކީ ރައްޔިތުކަމުގެ ޒިންމާއެއްގެ ގޮތުގައި އަހުރެން ދުށީތީ އެވެ. ދިވެހިރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް އިންސާފު ހޯދަން ހުރި ގޮންޖެހުންތަކަކީ ދިވެހި އެއްވެސް ރައްޔިތަކު ނުދަންނާނެ ކަމެއް ނޫނެވެ. ނަމަވެސް ގާނޫނީ އޮނިގަނޑަކާއި ކޯޓުތަކެއް ގާއިމުވެގެން ހިނގަމުންދާ ދިވެހި ދައުލަތެއްގައި އިންސާފުވެރި ޝަރިއްޔަތެއް ހިނގާ ތަން ފެނުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އުންމީދަަކަށް ވާނެކަމަށް އަހުރެންނަށް ގަބޫލުކުރެވެ އެވެ. އެދުވަސް ގެނައުމަށް ކޯޓުތަކުގެ ބޭނުން ހިފުމަކީ ވެސް ރައްޔިތުންގެ ޒިންމާއެކެވެ.
ކޯޓުތަކުގެ ނިޒާމީ ދިރުން ހިފެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ އޮތީ ކޯޓުތަކުގެ އެކި މަގާމުތަކުގައި މަސައްކަތްކުރާ، ރައްޔިތުންނަށް ހިދުމަތްކުރުމަށް މުސާރަވެރިވެެ ތިބި ފަރާތްތަކުގެ ކިބައިގަ އެވެ. އަދި ހަސްމުންގެ މަސްލަހަތުގައި މަސައްކަތްކުރާ ވަކީލުންނާއި ހަސްމުންގެ ވެސް ކިބައިގަ އެވެ. މިކަމުގައި އަހުރެން އުޅޭތާ ހަތަރު އަހަރަށް ވުރެ މާ ގިނަ ދުވަސް ވެއްޖެ އެވެ. އަދި އަދު، 2 ސެޕްޓެމްބަރު 2025ގައި، އާންމު މަސްލަހަތާއި ރައްޔިތުންގެ ހައްގުގައި މި ބާވަތުގެ މައްސަލައެއް ގާނޫނީ އިމުގެ ތެރެއިން ބެލުމަކީ ރާއްޖޭގެ ސިވިލް ކޯޓަށް ނުކުރެވިފައިވާ ކަމެކޭ ބުނުމުގެ ޖާގަ އޮތަސް، މާދަމާ މިކަން ބަދަލުވެގެންދާނެ ކަމުގެ އުންމީދު އަހުރެން އަބަދުވެސް ކުރާނަމެވެ.
މިއީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެންގެ އިހުތިޔާރުގައިވާ ކަމެކެވެ.
ހަތަރު އަހަރު ވީއިރު ދަށު ކޯޓުން އަރައިނުގަނެވިފައި، ނަމަވެސް އުންމީދަކީ އިހުތިޔާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ