ހަވީރު މައްސަލަ އަށް ހަވީރު މީޑިއާ ގްރޫޕް ތަދައްޚުލުކޮށްފި

ހަވީރު ނިއުސް އޭޖެންސީގެ ތިން ހިއްސާދާރުން، ހަވީރު ނޫހުގެ ކުރީގެ މަސްއޫލުވެރިޔާގެ މައްޗަށް ދައުވާ ކުރުމުން ސިވިލް ކޯޓުން ބަލަމުންދާ މައްސަލައިގެ ތެރެއިން ނުކުމެފައި ވިޔަސް ހަވީރު ނޫހުގެ މިހާރުގެ ވެރިފަރާތް ކަމަށްވާ ހަވީރު މީޑިއާ ގުރޫޕް، ކޯޓުގެ ފަރާތުން މިއަދު އަލުން ތަދައްޚުލު ކުރުވައިފި އެވެ.
މި މައްސަލައިގެ ތެރެއަށް ހަވީރު މީޑިއާ ގްރޫޕް ތަދައްޚުލު ކުރުވީ، އެ ކުންފުނިން އިސްވެ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް ފަހު މި މަހުގެ 9 ވަނަ ދުވަހު އެ މައްސަލަ އިން ބޭރުވެފައި ވަނިކޮށެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މައްސަލައިން ބޭރުވީ، އެ ކުންފުނިން ތަދައްޚުލުވި ސަބަބާ މެދު ސިވިލް ކޯޓުން އެއްވެސް ޖަވާބެއް ދިނުމެއް ނެތި، މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އެ ކުންފުނި ބަނގުރޫޓުވުމާ ގާތްވެފައި ވާތީ އެވެ.
މި މައްސަލައިގައި މިއަދު ސިވިލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ގާޒީ މުހައްމަދު ހަލީމް އަލީ ހަވީރު މީޑިއާ ގްރޫޕް ތަދައްޚުލްކުރުވުމުގެ އިތުރުން ހަވީރު މީޑިއާ ގްރޫޕްގެ ވެއަތުވެ ދިޔަ ތިން އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް، މި މައްސަލައިގައި ކޯޓުން އައްޔަންކޮށްފައިވާ އޮޑިޓް ފާމް ކަމުގައިވާ އާންސްޓް އެންޑް ޔަންގް އަށް އިއްޔެ ވަނީ އަންގަވާފަ އެވެ. އަދި ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި، މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށް، ހަވީރު މީޑިއާ ގްރޫޕުގެ އިތުރުން، މި މައްސަލައިގައި ދައުވާ ކުރާ ހަވީރު ނިއުސް އޭޖެންސީގެ ހިއްސާދާރުންނާއި ދައުވާ ލިބޭ، ހަވީރު ނޫހުގެ ކުރީގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެެއިން އަށް ވެސް ގާޒީ އެންގެވި އެވެ.
ހަވީރު މީޑިއާ ގްރޫޕުގެ މުދާތަކާއި ބޭންކް އެކައުންޓުތަކާއި ފިކުރީ މުދާތައް ވެސް، ހަވީރު ނިއުސް އޭޖެންސީގެ ބައިވެރިވުން ނެތް ގޮތެއްގައި ބޭނުން ނުކުރުމަށް، ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާއި އެޕްރީލް 2، 2016 ގައި ނެރުނު އެންގުމާ ގުޅިގެން، ހަވީރު ނޫހާއި ހަވީރު އޮންލައިން ވަނީ ހުއްޓައިލައިފަ އެވެ. އަދި ހަވީރުގައި ކުރިން މަސައްކަތް ކުރި މުވައްޒަފުން ވެސް މިހާރު ވަނީ އެތަނުން ކެނޑިފަ އެވެ.
ހަވީރު މީޑިއާ ގްރޫޕުން ކޯޓުގައި ކުރިން ބުނީ ހަވީރުގެ ކުރީގެ މަސްއޫލުވެރިޔާގެ މައްޗަށް ބަޔަކު ކުރާ ދައުވާއެއްގައި އެ ކުންފުނީގެ މިލްކިއްޔާތު ނުހިމެނޭނެ ކަމަށެވެ. އަދި އެ މަައްސަލާގައި ހަވީރު މީޑިއާ ގްރޫޕްގެ މައްޗަށް އެއްވެސް ކޯޓަކުން ކުރިން އެއްވެސް ހުކުމެއް ކޮށްފައި ނުވާ ކަމަށް ވެސް ހަވީރު މީޑިއާ ގްރޫޕުން ބުނެފައިވެ އެވެ.
އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހިއްސާދާރުންގެ ގޮތުގައި ތިބެ 1983 ގައި އުފެއްދި ހަވީރު ނިއުސް އޭޖެންސީގައި، ހަވީރު ނޫހުގެ ކުރީގެ މަސްއޫލުވެރިޔާ ޑރ. ޒާހިރު ވެސް ހިމެނޭ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާ ގުޅިގެން އެ ތިން މީހުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ، ވޭތުވެ ދިޔަ އަހަރުތަކުގައި ހަވީރު ނިއުސް އޭޖެންސީ ހިންގައިގެން ލިބުނު ފައިދާ އިން، ދައުވާ ކުރާ ފަރާތްތަކަށް ލިބެން ޖެހޭ މިންވަރު ކަނޑައަޅައިދީ އެ ފައިސާ ދެއްކުމަށް ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ