ޗައިނާގެ ހިލޭ އެހީގައި ވެރި ރަށް މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން، އެ ދެ ރަށުގެ މަގުތައް ބަލަން ޗައިނާ ރެއިލްވޭ ޑިޒައިން ކުންފުނީގެ ޓީމެއް މިއަދު މާލެ އަތުވެއްޖެ އެވެ.
ޗައިނާގެ އެހީގައި މާލޭގެ މަގުތައް ހަދަން އެއްބަސްވެފައި ވަނީ ރައީސް މުހައްމަދު މުއިއްޒު ޖެނުއަރީ، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ބަލައި ޗެކް ކުރަން ބަޔަކު އައިކަން މިއަދު ހާމަކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކޮންގް ޒިއަންހުއާ އެވެ. އޭނާ ވިދާޅުވީ މަގުތައް ބެލުމުގެ އިތުރުން ޑިޒައިން ކުރުމުގެ މަސައްކަތް ވެސް މިއަދު އައި ޓީމުން ކުރިއަށްގެންދާނެ ކަމަށެވެ.
"މަގުތައް ދިމާވެފައިވާ މައްސަލައަކީ ދިވެހިންގެ ބޮޑު ކަންބޮޑުވުމެއް. އެކަން ހައްލު ކުރަން ޗައިނާއިން ވަރަށް ބޮޑު އިސްކަމެއް ދޭނެ. މަގުތަކުން ފެން ހިންދުމުގެ ނިޒާމު ހަރުދަނާ ކުރަން ރާއްޖެއާ ގުޅިގެން ޗައިނާއިން މަސައްކަތް ކުރާނެ،" އިނގިރޭސި ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްބެސަޑަރު ވިދާޅުވި އެވެ.
ޗައިނާގެ އެހީގައި މަގު ހެދުމުގެ އަމަލީ މަސައްކަތުގެ އެއްވެސް ބައެއް މިހާތަނަށް ފެށިފައިނުވާއިރު، މަގު ބެލުމާއި ދިރާސާ ކުރުމުގެ ނަމުގައި އެކި ޓީމުތައް ވަނީ މީގެ ކުރިން ވެސް ރާއްޖެ އައިސް ހަރަކާތްތެރިވެފަ އެވެ.
މަގު ހެދުމުގެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ނުފެށި އުޅެނިކޮށް ސަރުކާރުން އަންނަނީ ބޮޑުތަކުރުފާނު މަގު ހަދަމުންނެވެ. މާލޭ ލޯކަލް މާރުކޭޓާ ހަމައިން ފެށިގެން އެއް ނަންބަރު ފާލަމާ ހަމައަށް މިހާރު ވަނީ މަގު ހަދައިފަ އެވެ. މަގު ހެދިއިރު، ފަޅުން ބައެއް ހިއްކައި އެ ސަރަހައްދު ވަނީ ފުޅާކޮށްފަ އެވެ.
މާލޭގެ މަގުތައް އިންސްޕެކްޓު ކުރަން ޗައިނާ ރެއިލްވޭ ޑިޒައިން ކުންފުނީގެ ޓީމެއް އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ