ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބޭސް ފަރުވާއަށް އެހީ ދިނުން ހުއްޓާލައި، އެ ހިދުމަތް އާސަންދައިގެ ދަށުން ލިބޭ ގޮތަށް ނިޒާމަށް ބަދަލު ގެނެސްފި އެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "މެޑިކަލް ވެލްފެއާ" ގެ ނަމުގައި އެންސްޕާއިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތްތަކެއް މީގެ ފަހުން ލިބޭނީ އާސަންދައިގެ ދަށުން ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ މާދަމާއިން ފެށިގެން ނިޒާމަށް ގެނައި ބަދަލުތަކަށް ސަރުކާރުން އަމަލު ކުރަން ފަށާނެ ކަމަށެވެ. މެޑިކަލް ވެލްފެއާގެ ދަށުން އެންސްޕާއިން އައީ 16 ހިދުމަތެއް ދެމުންނެވެ.
އެންސްޕާއިން ދެމުން އައި ހިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލު ކުރިއިރު، ނޮވެމްބަރު، 2025، ގެ ނިޔަލަށް އެންސްޕާގެ ދަރަނި ވަނީ 1.5 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފަ އެވެ.
އެތަނުގެ ވެރިޔަކަށް މީގެ ކުރިން ހުންނެވީ މިހާރުގެ އާޓްސް މިނިސްޓަރު ހީނާ ވަލީދެވެ. މިހާރު އެތަނުގެ ވެރިޔަކަށް ހުންނެވީ ތެލެސީމިއާ ސެންޓަރުން ކަނޑާލި އައިމިނަތު ޝިރުނާ އެވެ.
އެންސްޕާއިން ދެމުންދާ މެޑިކަލް ވެލްފެއާގެ ހިދުމަތްތައް އާސަންދައަށް ބަދަލު ކުރުމުގެ ކުރިން ހިދުމަތް ހޯދުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އެގޮތުން ސިޔާސީ މީހުންނަށް ގުޅައިގެން މެނުވީ ހިދުމަތް ނުލިބުމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.
1. ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
2. ކެންސަރ ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން
3. ފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން
4. ފަރުވާ ކުރިއަށް ގެންދިއުމަށް ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޓިކެޓް
6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ ކަންކަމަށް ދެވޭ އެހީ
7. ޕަބްލިކް ހޮސްޕިޓަލުންނާއި އާސަންދައިން ކަވަރ ނުކުރާ ޓެސްޓްތަކާއި ތަޙްލީލްތަކަށް ދެވޭ އެހީ
8. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، މެޝިން ( އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
9. ދެވޭ އިތުރު އެހީއެއް ނެތް ކަމަށް ކަމާބެހޭ ޚާއްސަ ޑޮކްޓަރަކު ލަފާ ދިނުމަށްފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން) އެހީވުން
10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން
11. އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
13. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
14. މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އެމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން
15. ރަށަކުން ފޯމު ފުރައި ދެއްވާ ޑޮކްޓަރަކީ ކަމުގެ ޚާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން، އިތުރު ތަކުލީފްތަކެއް ދިމާވުމުން، އަދި ރިފަރކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވިނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވުން
16. ވެލްފެއަރގެ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ ފަރާތްތައް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑަރކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން
އެންސްޕާއިން ބޭސްފަރުވާއަށް ދޭ އެހީ ހުއްޓާލައި އެ ހިދުމަތް އާސަންދައިގެ ދަށަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ