ވިމެންސް ކާވާ ކަޕް: ރާއްޖޭން ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ބަންގްލަދޭޝް އަތުން މޮޅުވެއްޖެ ވިމެންސް ކާވާ ކަޕް: ރާއްޖޭން ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ބަންގްލަދޭޝް އަތުން މޮޅުވެއްޖެ

މިއަދު މާލޭގައި ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ވަނީ ބަންގްލަދޭޝް މޮޅުވެއްޖެ އެވެ.
ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ރާއްޖޭން ވަނީ ޖުމްލަކޮށް ބަލާއިރު އުނދަގުލެއް ނެތި ބަންގްލަދޭޝް އަތުން މޮޅުވެފަ އެވެ. އެ ގޮތުން، ޒުވާނުންގެ މަރުކަޒުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ރާއްޖޭން ގެންދިޔައީ، 25-18، 25-12 އަދި 25-16 އިންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ޕޮއިންޓަށް ބަލާއިރު، ބަންގްލަދޭޝް އިން ރާއްޖެ ކައިރީގައި ސްކޯ އެންމެ ރަނގަޅީ ފުރަތަމަ ސެޓުގަ އެވެ.
އެެހެން ނަމަވެސް، ދެ ވަނަ ސެޓުގައި އެ ޓީމުން ކުރީކޮޅު ހަތަރު ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް، ޖުމްލަކޮށް ބަލާއިރު، ރާއްޖެ އަތުން ކޮންޓްރޯލް ގެއްލިގެން ޕްރެޝަރުގައި ކުޅެން ޖެހުނު ހާލަތެއް ކުރިމަތިނުވެ އެެވެ.
ރާއްޖޭގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ)ގެ ލީޑަޝިޕު ފެނިގެންދިޔައިރު، އޭނާ ވަނީ އެޓޭކްތައް ނިންމުމުގައި ރަނގަޅު ކުޅުމެއް ދައްކަައިފަ އެވެ.
އަދި، ޓީމުގެ ވައިސް ކެޕްޓަން އަދި ސެޓަރު، ޖޫޒާން ޒަރީރުގެ ފަރާތުން، އެޓޭކުގައި ބައިވެރިވާ ކުޅުންތެރިންނަށް ރަނގަޅު ބޯޅަތެއް ލިބި، ޓީމުގެ ކުޅުމަށް ތަފާތުތަކެއް ގެނުވި އެވެ. ރާއްޖޭގެ ޓީމުން ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)ގެ ކޯޗުކަމުގައި މި މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު މިއީ އުންމީދީ ފެށުމެކެވެ.
ވިމެންސް ކާވާ ކަޕް އެންމެ ފުރަތަމަ ތާވަލުކުރީ، ފަސް ގައުމުގެ މެދުގަ އެވެ. އެކަމަކު، ތުރުކުމެނިސްތާން ސަރުކާރުން، އެ ގައުމުގެ އަންހެން ޓީމުތަކަށް ގައުމުން ބޭރަށް ނުދެވޭ ގޮތަށް ނިންމި ނިންމުމާ ހެދި، އެއް ޓީމު މި މުބާރާތުން މަދުވީ އެވެ. މި މުބާާރާތުގެ ފުރަތަމަ މެޗުގައި، މިއަދު ހަވީރު، އަފްގާނިސްތާން އަތުން ކިރްގިސްތާނުން ވަނީ، ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ، 25-15، 26-24 އަދި 25-11 އިންނެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި، ބަންގްލަދޭޝް އިން ބައްދަލުކުރާނީ ކިރްގިސްތާންއާ އެވެ. އަދި، މާދަމާރޭ ރާއްޖޭން ކުޅޭ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. މެޗު ފަށާނީ 20:15 ގަ އެވެ.
ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ވަނީ ތިން މުބާރާތެއްގައި ރިހި މެޑަލް ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2019 ވަަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން މުބާރާތުންނެވެ. އޭގެ ފަހުން، 2023 ވަނަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕުންނެވެ. އަދި އެންމެ ފަހުން، މިދިޔަ އަހަރު ކާވާ ޗެލެންޖް ކަޕްގަ އެވެ.
މި ފަހަރުގެ ވިމެންސް ކާވާ ކަޕްގައި ހަތަރު ޓީމުގެ ލީގު ބުރަށް ދަހު ދެން ކުޅޭނީ ސެމީ ފައިނަލް އެވެ. އަދި ސެމީ ފައިނަލުގައި، ލީގު ބުރުގެ އެއް ވަނަ ކުޅޭނީ ހަތަރު ވަނައާ އެވެ. އަދި، ދެ ވަނަ ނުކުންނާނީ ތިން ވަނައާ ދެކޮޅަށެވެ. އެ މެޗުތަކުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތައް ކުޅޭނީ ތިން ވަނަ ހޮވާ މެޗުގަ އެވެ. ފައިނަލް މެޗާއި ތިން ވަނަ ހޮވާ މެޗު އޮންނާނީ، އަންނަ ބުރާސްފަތި ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ