ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެއަށް ރަނގަޅު ފެށުމެއް
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ކަޕުގައި މިއަދު ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ފެށުން ރަނގަޅުކޮށްފިއެވެ. ހަތަރު ގައުމަކާއެކު ކުރިއަށްދާ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ބަންގްލަދޭޝްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މުޅި މެޗުގައިވެސް ދިވެހި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. ހާއްސަކޮށް ޓީމެއްގެ ގޮތުގައި ދިވެހި ޓީމުން ދެއްކި ހިތްވަރު ފާހަގަކޮށްލެވެއެވެ. ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ނަދީމް ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 25-18، 25-12 އަދި 25-16 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ފެށުން ފެނުނީ ދާދި ހަމަހަމަކޮށެވެ. ނަމަވެސް މި ސެޓުގެ ފަހުކޮޅު ރާއްޖެ ޓީމުގެ ހިތްވަރުން ވަނީ ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓުގައި ދިވެހި ޓީމުގެ ފަރާތުން ސެޓުގެ ކުރީކޮޅު ގޯސްތަކެއް ފެނުނު ނަމަވެސް ފަހުން ވަނީ އެކަންކަން ރަނގަޅުކޮށް ފޯމު ދަމަހައްޓާފައެވެ. ދިވެހި ޓީމުގެ ކުޅުންތެރިންގެ ތެރެއިން ނަރީމާ އިދުރީސް، ކެޕްޓަން ހައްވާ ރާޝިދާ، ސެޓަރު ޖޫޒާން ޒަރީރުގެ ލީޑަޝިޕް އަދި ތަޖުރިބާ ފެނުނެވެ. މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ކިރްގިސްތާނެވެ. އަދި މާދަމާރޭ 20:15 ގައި ރާއްޖެ ބައްދަލުކުރާނީ އަފްގާނިސްތާނާއެވެ. އަފްގާނިސްތާން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާނު އަތުން ބަލިވެފައެވެ. ހަތަރު ޓީމާއެކު ލީގު ބުރެއް ކުޅުމަށްފަހު ދެން ކުޅޭނީ ސެމީ ފައިނަލެވެ. ސެމީގައި ކުޅޭނީ ލީގު ބުރުގެ މެޗުތަކަށްފަހު ރޭންކު 1 އަދި ރޭންކް 4 ވަނަ ޓީމާއެވެ. އަދި ދެވަނަ ސެމީގައި ކުޅޭނީ ރޭންކް 2 އަދި 3 ވަނަ ޓީމެވެ. މި ދެ މެޗުން މޮޅުވާ ޓީމުތައް ފައިނަލުން ފުރުސަތު ލިބޭއިރު، ބަލިވާ ދެ ޓީމު ކުޅޭނީ ރޭންކިން މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ