ތާނައިގެ އަތުލިޔުމުގެ މުބާރާތް، ޤައުމީ ފެންވަރުގައި ވަޒަންކުރެވޭ މުބާރާތެއްގެ ގޮތުގައި ހެދުމަށް ނިންމައިފި

ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް، ޤައުމީ ފެންވަރުގައި ވަޒަންކުރެވޭ މުބާރާތެއްގެ ގޮތުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިކަން މިގޮތަށް ނިންމެވިކަން އިއުލާނުކުރެއްވީ ދިވެހި ބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ގޮތުން ސޮލާހުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައެވެ.
މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް ވަނީ ދިވެހި ޤައުމިއްޔަތު ކުރިއެރުވުމަށް އަދުގެ ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ ބައެއް މުހިންމު ކަންތައްތަކާއި އަދި ކުރަންހުރި ބައެއް މުހިންމު ކަންތައްތައް ފާހަގަކުރައްވާފައެވެ. 
ދިވެހި ބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުން.. ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ބަހާއި ލިޔުންތެރިކަމާ، ވާހަކަ ދެއްކުންތެރިކަމަކީ ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށާއި، މިއީ އިންތިހާއަށް ބޭނުންތެރި ދެ ފަންނުކަމަށެވެ. މި ދެ ފަންނު އުފެދެނީ ސަޤާފަތާ ތަރިކައިގެ ތެރެއިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމެއް ކުރިއަރާ ދިއުމުގައި އެ ބައެއްގެ ސަޤާފަތް އިޞްލާޙް ވާންޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ އެ ބައެއްގެ ތަރިކަތަށް އިޙްތިރާމް ކުރެވެންޖެހޭނެކަން ރައީސް ވިދާޅުވިއެވެ.
އެއާއެކު އެ ބައެއްގެ ފިކުރާ ޚިޔާލުތައް ފުންވެ، އުފެއްދުންތެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ބަޔަކަށް ވާންޖެހޭ. އޭރުން އަޅުގަނޑުމެންނަށް ޙާޞިލްވާނީ ހަމަޖެހުން، ތަރައްޤީ އަދި ރައްކާތެރިކަން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ ޤައުމެއްގެ ނިސްބަތުން ބަލާއިރު، އަމިއްލަ އަކުރެއް އޮތުމަކީ އެ ޤައުމެއްގެ ސަޤާފީ ސިޔާދަތު އިތުރު ގުނައަކަށް މަތިވެގެންދާ ކަމެއް ކަމަށާއި، ދިވެހި ތާނައަކީ ދިވެހިންގެ ފަޚުރެއްކަމަށެވެ. ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން ދިވެހީންގެ އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
ދިވެހި ބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުން.. ފޮޓޯ: ރައީސް އޮފީސް
އެގޮތުން އެ ސަބަބަށްޓަކައި އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ ފެންވަރުގައި ވަޒަންކުރެވޭ ޤައުމީ މުބާރާތެއްގެ ގޮތުގައި ހެއްދެވުމަށް ނިންމަވާފައިވާކަން ރައީސް ވަނީ ވިދާޅުވެފައެވެ. ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭގޮތަށް މީގެކުރިން ނެތްނަމަވެސް އެކަންވެސް ބަދަލުކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުން.. ފޮޓޯ: ރައީސް އޮފީސް
ތާނަ އަތުލިޔުމުގެ މުބާރާތް ޤައުމީ މުބާރާތެއްގެ ގޮތުގައި ހިމަނައި ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭގޮތަށް ބަދަލުކުރެއްވިކަން ނިންމެވިކަމަށް ރައީސް ވިދާޅުވިއިރު، ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
އެގޮތުން ދިވެހި ބަހާ ސަޤާފަތާ ތަރިކައާ ބެހޭ ޚިދުމަތްތަކަށް ވަކި ވުޒާރާއެއް އުފެއްދުމާއި، ދިވެހި ޤައުމިއްޔަތުގެ އިސްވަރު އަދި، ދިވެހި ބަހުގެ އެކަޑަމީ އާއި، ދިވެހި ޤައުމީ ދާރުލްއާސާރު ފަދަ ގުޅުންހުރި މުއައްސަސާތަކުގެ ޚިދުމަތް ދިނުމުގައި ވުޒާރާއާ އެކީ އެއް ކުޑައެއްގެ ދަށަށް ގެނައީ އެ ބޭނުމުގައިކަން ރައީސް ޑރ.މުއިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ