އައްޑޫން ގޫގުލްއަށް ދޭ ބިމުން މަހަކު 1.1 މިލިއަން ލިބޭނެ ކަމަށް ލަފާކޮށް، ކައުންސިލަށް ދޭން އެދެނީ
އައްޑޫ ސިޓީ ހިތަދޫގައި ގޫގުލްއިން އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ދީފައިވާ ބިމުން މަހު ކުއްޔަށް 1.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް، އެ ފައިސާ ކައުންސިލަށް ދިނުމަށް އެދެން ނިންމައިފިއެވެ. މިދިޔަ ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ، ގޫގުލްއިން ރާއްޖޭގައި ބޮޑު އިންވެސްޓްމެންޓެއް ކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން، ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރާ ފެސިލިޓީއަކަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، ގޫގުލްއަށް ދޭ ބިމާ ގުޅޭ ގޮތުން، އައްޑޫ ސިޓީ ހިތަދޫ ކޮރޮވައު ކައުންސިލަރު އަދި ބިމާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ޝިނާޒް ވިދާޅުވީ، ހިތަދޫން ހިއްކައިފައިވާ ސަރަހައްދުން ސަރުކާރުން އެދިގެން ދިނީ 161،000 އަކަފޫޓުގެ ބިމެއް ކަމަށެވެ. އެ ބިން ފުރަތަމަ ހޯދީ ހައުސިން މިނިސްޓްރީން އެދިގެން ކަމަށާއި، ނަމަވެސް ބިން ބޭނުންކުރާނެ ގޮތުގެ އެއްވެސް މައުލޫމާތެއް ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/214061 އެ ބިން ފުރަތަމަ ހޯދީ ހައުސިން މިނިސްޓްރީން ނަމަވެސް ފަހުން ރަޖިސްޓްރީ ކުރީ އިކޮނޮމިކް މިނިސްޓްރީއަށްކަން ފާހަގަކުރައްވައި ޝިނާޒް ވިދާޅުވީ، އޭނާ ކައުންސިލަށް މައްސަލައެއް ހުށަހެޅުއްވީ ބިމާ ގުޅޭ ގޮތުން މިހާރު އާންމު ވެފައިވާ މައުލޫމާތުތަކާ ގުޅިގެން ކަމަށެވެ. މިހާރު އައްޑޫގެ ހުރިހާ ރައްޔިތުންނަށް ވެސް އެނގުނީ މިއީ ގޫގުލްގެ ބޭނުމަށް، ދިވަރު ޕްރޮޖެކްޓަށް ބިމެއްގެ ގޮތުގައި މި ބިން ހަމަޖެހިގެން ގޮސްފައިވާކަން، އެނގުނުއިރު އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ހިލަމެއް ނުވެ، މިއީ ކޮން ކަމެއް ކުރަން ހޯދާ ބިމެއްކަން ނުވެސް އެނގި 161،000 އަކަފޫޓުގެ، އައްޑޫގެ އިހުތިސާސް ތެރޭ ހިމެނޭ މި ބިން މިގޮތަށް ދޫކޮށްލައި، މިއީ އަޅުގަނޑަށް ފެންނަ ގޮތް، އަޅުގަނޑަކަށް ނުފެނޭ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ގޮތަކަށް މި ބިން މި ގޮތަށް ދޫކޮށްލާކަށްއައްޑޫ ސިޓީ ހިތަދޫ ކޮރޮވައު ކައުންސިލަރު އިބްރާހީމް ޝިނާޒް ޝިނާޒް ވިދާޅުވީ، އެ މައްސަލައިގައި ބިމާ ބެހޭ ކޮމިޓީން ވަނީ، ގޫގުލްއަށް ދޭ ބިމަކީ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ބިމަކަށް ވެފައި، އެ ބިމުން ލިބޭ އާމްދަނީން އައްޑޫގެ ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތް ހޯދައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ގޫގުލްއާއި ސަރުކާރާއެކު ވެވޭ އެއްބަސްވުމުން ލިބޭ ކުލި، އައްޑޫ ސިޓީ ކައުންސިލަށް ލިބޭ ގޮތަށް އެއްބަސްވުމެއް އެކުލަވާލުމަށް ކޮމިޓީން ނިންމި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކޮމިޓީގެ ނިންމި ގޮތަށް، ކައުންސިލުން ވެސް ފާސްކޮށްދިނުމަށް ޝިނާޒް އެދިވަޑައިގަތެވެ. އެއަށް ފަހު، ހިތަދޫ މާމެންދޫ ކައުންސިލަރު އާމިނަތު އަދާލާ ރަޝީދު ވިދާޅުވީ ގޫގުލްއަކީ އާމްދަނީ ބޮޑު ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުނިން އައްޑުއަށް ބިމެން ދޭން ވާނީ އެ ސިޓީގެ ރައްޔިތުންނަށް މާލީ ގޮތުން ކޮންމެ ވެސް މަންފާއެއް ލިބޭ ގޮތަށް ކަމަށެވެ. އެހެންވީމާ އަޅުގަނޑުމެންނަށް ވެސް ސަރުކާރުން އެދޭ ކަމަކީ އަޅުގަނޑުމެން އެންމެން ވެސް ކައުންސިލުން ދޭން އޮތް ހުރިހާ އެއްބާރުލުމެއް ދީގެން މިތަން ގާއިމުކުރަން ކައުންސިލުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށް، އެހެންނަމަވެސް އައްޑޫ ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ދިނުމަކީ ކައުންސިލަރުންގެ ވަރަށް ބޮޑު އެދުމެއް،ހިތަދޫ މާމެންދޫ ކައުންސިލަރު އާމިނަތު އަދާލާ ރަޝީދު އެ ބައްދަލުވުމުގައި ހިތަދޫ ރަސްގެދަރަ ކައުންސިލަރު ހުސައިން ޒަރީރު ވިދާޅުވީ، އައްޑޫގެ ބިންތައް ސަރުކާރުން ކުންފުނިތަކަށް ދޭއިރު، އެ މުއާމަލާތުން ފައިސާ ލިބެނީ ކޮން ބަޔަކަށްކަން އެނގެން ޖެހޭ ކަމަށެވެ. އަދި, މިހާތަނަށް ލިބިފައިވާ މައުލޫމާތުން، ގޫގުލްއަށް ދިން ބިމުން ކުލީގެ ގޮތުގައި މަހަކަށް 1.1 މިލިއަން ރުފިޔާ ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ގޫގުލްއަށް ދިނީމާ ގޫގުލްއިން ލިބޭ ފައިސާ މި ވަންނަނީ ކޮންތަނަކަށްތޯ މިއީ އަޅުގަނޑުމެންނަށް އެނގެން ޖެހޭ ކަމެއް، އައްޑޫ ސިޓީގެ ރައްޔިތުންނަށް ކޯއްޗެއްތޯ ލިބެނީ އައްޑޫ ސިޓީގެ ބިން ދިނުމުން، ގޫގުލްއިން އެއް މިލިއަން ރުފިޔާ މަހަކަށް ޕޭ ކުރުމުން އެ ފައިސާ ވަންނަން ޖެހެނީ އައްޑޫ ސިޓީ ކައުންސިލަށް، އައްޑޫ ސިޓީ ކައުންސިލް މެދުވެރިއަކަށް ނުވާނަމަ މި ފައިސާ ވަންނަނީ އެހެން ދިމާލަކަށް،" އޭނާ ވިދާޅުވިއެވެ. https://sun.mv/214126 އެއަށް ފަހު، އެ މައްސަލައާ ގުޅޭ ގޮތުން ވޯޓަށް އެހުމުން ކައުންސިލުން ވަނީ، ގޫގުލްއަށް ދޭ ބިމުން ކުލި ކައުންސިލަށް ލިބޭ ގޮތަށް އެއްބަސްވުން ހަދަން ފާސްކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ ގޫގުލްގެ މި އިންވެސްޓްމެންޓުގެ ސަބަބުން ރާއްޖެއާ މެދު މީގެ ކުރިން އުފެދިފައިނުވާ ޔަގީންކަމާއި އިތުބާރު އިންވެސްޓަރުންގެ މެދުގައި އުފެދޭނެ ކަމަށް ބުނެފައެވެ. އަދި، މިއީ އިންގިލާބީ މަޝްރޫއެއްގެ ގޮތުގައި ސިފަކޮށް، މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާއެކު ތަންފީޒު ކުރުމަށް ޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ