އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ކުރެވިފައިވާ ތުހުމަތުތަކާއި ދެކެވިފައިވާ ވާހަކަތައް ހަންދާން ނައްތާލާ އެކުގައި މަސައްކަތްކުރުމުގެ ގާބިލިއްޔަތު އެމްޑީޕީގެ އިސްސަފުގައި ތިއްބަވާ ބޭފުޅުންގެ ގައިގައި ހުންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން ދެކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކުގައި ތިއްބެވި ބޭފުޅުންނާއި ގުޅުވައި ކުރެވިފައިވާ ތުހުމަތުތައް އަދި ދެކެވިފައިވާ ވާހަތައް އެ ޕާޓީގެ މެމްބަރުންނަށް ”ހަޖަމް“ ކުރެވޭނެ ކަމަށެވެ. އަދި ހާއްސަކޮށް އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލައްވާ ނުވަތަ އިސް ސަފުގައި ތިއްބަވާ ބޭފުޅުންގެ ”ހަޖަމް“ ކުރުމުގެ ކަންކަން ފުރިހަމަވާނެ ކަމަށް ފާހަގަކޮށް އަބްދުﷲ ވިދާޅުވީ، އެހެންކަމުން ދެކެވިގެންދިއަ ވާހަކަތައް އަދި ކުރެވިފައިވާ ތުހުމަތުތަކާއި މެދު ހަނދާން ނައްތާލާ، އެކަންކަމަކީ މައްސަލައަކަށް ހެދުމުގެ ބަދަލުގައި އެކުގައި ތިއްބަވައިގެން މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ގާބިލިއްޔަތު އެމްޑީޕީގެ އިސް މެމްބަރުންގެ ހުންނަވާނެ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި މެދު އިތުރަށް ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ދެކެނޑިޑޭޓުންނަށްވެސް އަމާޒުކޮށް ތަފާތު އެކިކަހަލަ ތުހުމަތުތައް ކުރެވިފައިވާކަމަށެވެ. އަދި އެއްވެސް ހަގީގަތެއް ނެތްނަމަވެސް އެފަދަ ބަދުނާމުގެ ބަސްތަކާއި އާދަޔާހިލާފު މިންވަރަކަށް ކުރެވިގެންދިއަ ތުހުމަތުތަކަކީ އާމުކޮށް ދެމީހަކު ރުޅިއައިސްގެންވެސް ނުދައްކާނެ ފަދަ ވާހަކަތަކަކަށް ވުމުން، އަމާޒުވީ ފަރާތްތަކުގެ ”އަބުރު ކަތިލެވިގެން“ ދިއަކަމަކީ ހަގީގަތެއްކަމަށް ފާހަގަކުރަށްވާ އަބްދުﷲ ވިދާޅުވީ، ނަމަވެސް ދެކެންޑިޑޭޓުންނަށް އެކުގައި އެމްޑީޕީގެ އަދި ގައުމުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭ ސަބަބެއް އޮތްކަމަށް އެނާ ގަބޫލުނުކުރަށްވާކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިމުމަކަށް އައިސްފައިވާ އިރު، ކެމްޕެއިނާއި ގުޅިގެން އެޕާޓީގެ އެތެރޭގެއި އުފެދިފައިވާ ބައިބައިވުން ނިމުމަކަށް އައިސްފައިވާކަމުގެ އިޝާރާތްތަކެއް ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ފެނިގެންދާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ދާދި ފަހުން ޗެއަރޕާސަންގެ މަގާމަށް އިބްތިހާބުވެފައިވާ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލާއި ވާދަކުރަށްވާ ނާކަމިޔާބުވެލައްވާފައިވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި އެނާގެ ކެމްޕެއިން ޓީމުގެ ބައެއް ބޭފުޅުންވެސް ވަނީ ފައްޔާޒުއަށް މަރުހަބާ ވިދާޅުވެފައިކަން ފާހަގަކޮށްލެވެއެވެ. އަދި އެޕާޓީގެ ރައީސްކަން ކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުވެސް ވަނީ ފައްޔާޒުގެ އުފަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައިކަން ފާހަގަކޮށްލެވެއެވެ.
ކެނޑިޑޭޓުންނަށް ކުރި ތުހުމަތުތަކާއި ވާހަކަތައް ހަނދާން ނައްތާލައި އެކުގައި ކުރިއަށް ދާނެ: އަހުމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ