ތައިރޮއިޑްގެ ސާޖަރީއަކަށް ރައީސުލްޖުމްހޫރިއްޔާކަމުން ވަގުތީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަހެރިވެ، އެ މަސްއޫލިއްޔަތުތައް ނައިބު ރައީސް ފައިސަލް ނަސީމާއި ހަވާލު ކުރުމުން އުފެދިފައިވާ ގާނޫނީ ސުވާލުތަކަށް ސުޕްރީމް ކޯޓުން ޖަވާބެއް ލިބެން ޖެހޭކަމަށް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރޭ ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ދަރަނި ނެގުމާއި، އިގްތިސާދީ ހާލަތު ގޯސްވެފައި ވީ ނަމަވެސް ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިއްހީ ހާލަތު ހުރި ގޮތުން ކުރަން ޖެހުން ތައިރޮއިޑްގެ ސާޖަރީއެއް ކުރިޔަށް ދިޔަ ވަގުތު ގައުމު ހިންގުމާއި ހަވާލުވެ ނައިބު ރައީސް ފައިސަލް ވެރިކަމުގެ ހުވާ ކުރެއްވި އެވެ. އަދި ރައީސްގެ ސާޖަރީ ނިމުމާއި އެކު އެމަނިކުފާނު ވަނީ މަސްއޫލިއްޔަތުތަކާއި އަލުން ހަވާލުވެވަޑައިގެންފަ އެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި، ސާޖަރީއެއް ކުރަން ޖެހުނު ނަމަވެސް އެހާ ކުޑަވަގުތުކޮޅަކަށް ފައިސަލް މަގާމުގެ ހުވާ ކުރާކަށް ނުޖެހެ އެވެ. އަދި ބައެއް ބޭފުޅުންގެ ނަޒަރުގައި ސާޖަރީއަށް ފަހު ރައީސް އަލުން މަގާމުގެ ހުވާ ކުރައްވަން ޖެހޭނެ އެވެ.
މިކަމާއި ގުޅުވައި އޭރު ގާނޫނީ ބޮޑު ބަހުސްތަކެއް ކުރެވުނު އިރު ތަފާތު އެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި ރައީސް ޔާމީން އެ މައްސަލައަށް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނުގެ ނަޒަރުގައި ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ނަމަވެސް ގާނޫނީ ގޮތުން އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބު ދޭން ޖެހެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ވެރިކަމުގެ ބާރުތައް ނައިބު ރައީސާއި ކުޑަވަގުތުކޮޅަކަށް ހަވާލު ކުރެވުނު ފުރަތަމަ ފަހަރެވެ. އެހެންވުމާއި އެކު ވެސް ބަހުސްތަކެއް އުފެދުނީ އެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ވެރިކަމުގެ ހުވާ ކުރައްވައިގެން ދެ ރައީސުން އެބަތިއްބެވި ކަމަށެވެ. އަދި މި މައްސަލައިގައި ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުގެ ބަހެއް ނުލިބޭ ސަބަބާއި މެދު ސުވާލު އުފެއްދި އެވެ. ރައީސް ޔާމީން ވިދާޅުވީ ފައިސަލްއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިސްނަންގަވައި އެކަން ބެލުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ސާފުކޮށް ދޭން ޖެހޭ ކަންތަކުގެ ތެރޭގައި ރައީސް ސޯލިހުގެ ހުވާ ބާތިލުވީ ތޯ ނުވަތަ ނޫން ތޯ ހިމެނޭ ކަމަށެވެ.
މި މައްސަލައިގައި ގާނޫނީ ވަކީލުން ހަނު ތިއްބަވާތީ ވެސް އެކަމާއި މެދު ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. މިއީ ރައްޔިތުންނާއި ގުޅުން ހުރި ކަންބޮޑުވުމަކަށް ވުމާއި އެކު ހައްލެއް ހޯދަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެކަމަށް ގަބޫލުކުރެވޭ ހާލަތެއްގައި، އެ ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން ޖެހޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ޖެހޭނެ އެވެ.
އިސަލް ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެން ހުވާ ކުރެއްވީ ފެބްރުއަރީ 25، ގެ ހެނދުނު 6:00 ގައި އެވެ. އަދި އޭގެ ތިން ގަޑިއިރު ފަހުން އޮޕަރޭޝަން ކާމިޔާބުމުން ހެނދުނު 9:30 ގައި ރައީސް ސޯލިހު، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަަޑައިގެންނެވި އެވެ.
ރައީސް ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަަޑައިގަތީ ފައިސަލް މަގާމުގެ ހުވާ ކުރެއްވިތާ 3 ގަޑިއިރާއި 30 މިނެޓު ފަހުންނެވެ.
ރައީސްކަމުގެ ހުވާގައި ދެ ބޭފުޅުން ތިބުމުން، ރައީސް ޔާމީން އެދެނީ ސުޕްރީމް ކޯޓުން ހައްލެއް ހޯދައިދޭން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ