ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން އިސްމާއީލް ލަތީފް ބަންދުނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ތަހުގީގުގެ ފަހު ރިޕޯޓްގައި ވަނީ ކުރިން ޖަވާބުދާރީވާން ފުރުސަތު ނުދޭ އާ ތުހުމަތުތަކެއް ކަމަށް އަޒްމިރަލްދާގެ ފަރާތުން މިއަދު ފާހަގަކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ތަހުގީގުގެ ފަހު ރިޕޯޓް ވަނީ ދެ ފަނޑިޔާރުންނަށް ފޮނުވައިފަ އެވެ.
ތަފްސީލް - ތަހުގީގުގެ ފަހު ރިޕޯޓާ ގުޅޭ ގޮތުން އަޒްމިރަލްދާ ފާހަގަ ކުރައްވަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާނެއް ނެރުއްވި އެވެ. އޭގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ:
އަޒްމިރަލްދާއަށް ފުރަތަމަ ފޮނުވި ނޯޓިސް އަދި ތަހުގީގުގެ ފުރަތަމަ ރިޕޯޓްގައި ވެސް ތުހުމަތުކޮށްފައި އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް
ތަހުގީގުގެ ފަހު ރިޕޯޓްގައި މަހާޒުއާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހީމް ޒިހުނީއަށް ނުފޫޒު ފޯރުވި ކަމަށް
އަޒްމިރަލްދާ ގަބޫލުކުރައްވާ ގޮތުގައި ތުހުމަތު އެ ވަނީ ބަދަލުވެފަ އެވެ. އަދި ކުރިން ފާހަގަނުކުރާ މުޅިން އާ ވާހަކަތަކެއް ހިމެނި އިރު، އެ ކަންކަމަށް ޖަވާބުދާރީވުމަށް ފުރުސަތެއް ނުލިބެ އެވެ.
ބުނީ ކީކޭ؟ - "އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ވާހަކަތަކީ ފަނޑިޔާރާ ސުވާލު ވެސް ކޮށްފައިނުވާ ކަންކަން ކަމުން ފަނޑިޔާރަށް އެކަމާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުސަތު ނުލިބޭ ކަންކަން. އެހެންކަމުން އެ ކަންކަމާ ބެހޭ ހަގީގަތަކީ ކޮބައިކަން ކޮމިޓީން ކަށަވަރު ކޮށްފައި ނުވޭ. އަދި އާ މައުލޫމާތެއް ނަމަ ފަނޑިޔާރުގެ ބަހެއް ހޯދާފައި ނުވޭ،" އަޒްމިރަލްދާގެ ވަކީލު ޝަމީލް ނެރުއްވި ބަޔާނުގައިވެ އެވެ.
ތަހުގީގު ކޮމިޓީގައި އިންނަވާ އެއް މެންބަރަކީ ޖޭއެސްސީގައި ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރު ޔަޒުމީދު މުހައްމަދެވެ. ޔަޒުމީދު ހިމެނޭ ކޮމިޓީއަކުން 'ހަގީގަތާ ހިލާފު' ބަޔާނެއް ނެރުއްވާފައިވާތީ ރައީސް މުއިއްޒަށް އިއްޔެ ސިޓީއެއް ވެސް ފޮނުއްވާފައި ވާނެ ކަމަށް އަޒްމިރަލްދާގެ ބަޔާނުގައިވެ އެވެ.
ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ހުންނެވީ ސަސްޕެންޝަނުގަ އެވެ. ސަސްޕެންޑްކުރީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެ ފަނޑިޔާރުންނާ ގުޅޭ ތަހުގީގެއް ހިންގާ ކަމުގެ މައުލޫމާތު ދިނުމުން ކަމަށް ޖޭއެސްސީން އޭރު ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން ވެސް ބަލަނީ އަޒްމިރަލްދާގެ ފިރިކަލުން ބަންދު ނުކުރަން ނުފޫޒު ފޯރުވުމުގައިި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. އޭސީސީން ރަސްމީކޮށް ބަލަމުންދާ މައްސަލައެއް ބުނެފައެއް ނުވެ އެވެ.
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި އެވެ.
ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި އެވެ. އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތެވެ.
އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. ކޮމިޝަނުން ދެން ބަލާ މައްސަލަތަކަކީ:
ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް
ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި
އެނގުން މުހިންމު - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ހުއްޓުނުތާ ދެ މަހެއްހާ ދުވަސްވީ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން
ސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ. މިހާރު ފަސް ފަނޑިޔާރުން ހަމަވި ނަމަވެސް ސަސްޕެންޝަނުގައި ތިއްބެވި ފަނޑިޔާރުންނާ މެދު ގޮތެއް ނިމެންދެން ދުސްތޫރީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަކަށް ނުބެލެވެ އެވެ.
ތަހުގީގުގެ ފަހު ރިޕޯޓްގައި ވަނީ ކުރިން ޖަވާބުދާރީވާން ފުރުސަތު ނުލިބޭ އާ ތުހުމަތުތަކެއް: އަޒްމިރަލްދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ