އެމާގެ ފޮޓޯއިން ސަމާލުކަން ކުޅަނދުރަކަށް

ހޮލީވުޑްގެ މަޝްހޫރު އޭލިސްޓު ތަރި ކަމަށްވާ އެމާ ސްޓޯންގެ ރެޑް ކާޕެޓް ފޮޓޯ ނަގަނިކޮށް ކުޅަނދުރެއް ދިޔުމާއެކު އެ މަންޒަރު ވައިރަލް ވެއްޖެއެވެ. ކޮންމެ އަހަރެއްގައި ފްރާންސްގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފިލްމު ފެސްޓިވަލް ކާންސް ފިލްމް ފެސްޓިވަލް ވަނީ މިދިޔަ ހަފުތާގައި ފަށާފައެވެ. އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި ތަރީން ދަނީ މި އިވެންޓަށް ދަމުންނެވެ. މި އިވެންޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ރެޑް ކާޕެޓް އެވެ. ތަފާތު ހެދުންތަކާއެކު ކޮންމެ އަހަރެއްގެ ރެޑް ކާޕެޓަކީ އެތައް ބައެއްގެ މެދުގައި ސަމާލުކަން އަތުލާ އިވެންޓެކެވެ. މިފަހަރުގެ އިވެންޓަށް އެމާ ސްޓޯން ގޮސްފައިވަނީ އޭނާގެ އާ ފިލްމު "އެޑިންޓަން" ޕްރިމިއާއަށެވެ. ރެޑް ކާޕެޓުގައި ކަސްޓަމް ޖޯން ޕޯލް ގޯޓިއޭ ހެދުމެއް ލައިގެން ހުއްޓައި މުޅި މަންޒަރު ވައިރަލް ވީ އެތަނަށް ދިޔަ ކުޅަނދުރަކާއެކުގައެވެ. އެއާއެކު ފޮޓޯތަކުން ފެނިގެންދަނީ އެމާ، އެ ކުޅަނދުރާ ދުރަށް ދާން އުޅޭ ތަނެވެ. އަދި އެއާއެކު ވައިރަލްވި ފޮޓޯތައް އެތައް ބަޔަކަށް މަޖާވިއެވެ. އެތަ ބަޔަކު ސޯޝަލް މީޑިއާގައި ބުނަމަން އަންނަނީ ރެޑް ކާޕެޓް އިވެންޓުގެ އަސްލު ތަރިޔަކީ މި ކުޅަނދުރު ކަމަށެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެމާ ބުނެފައިވަނީ އެ ވަގުތު ވަރަށް ބިރުގަތް ކަމަށެވެ. ނަމަވެސް ފަހުން ފޮޓޯތައް ފެނުމުން ވަރަށް ހިނި އައި ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެވަގުތު އޭނާ ގާތުގައި ފިލްމުގެ ކާސްޓުން ޕެޑްރޯ ޕާސްކަލް އާއި އޯސްޓިން ބަޓްލާ ވެސް ތިބި ކަމަށް ފާހަގަކޮށް އެމާ ބުނީ ދެމީހުންވެސް އެކަމުގައި އޭނާއަށް ދިމާކޮށް ޖޯކު ޖެހި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ