އިންޑިއާ-ޕާކިސްތާން ހަނގުރާމާގައި ޕާކިސްތާނަށް ތާއީދު ކުރުމުން، ތުރުކީ އާއި އަޒަރުބައިޖާންއާ ދެމެދު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތައް ބޮއިކޮޓް ކުރަން އިންޑިއާގެ ކޮންފެޑެރޭޝަން އޮފް އޯލް އިންޑިއާ ޓްރޭޑާސް (ސީއޭއައިޓީ) އިން މިދިޔަ ހުކުރު ނިންމައިފި އެވެ.
ބީޖޭޕީގެ މެމްބަރު ޕްރަވީން ހަންޑެލްވާލް އިސްވެ ހުންނަވައިގެން، ސީއޭއައިޓީން އިންތިޒާމުކޮށްގެން ބޭއްވި ނޭޝަނަލް ކޮންފަރެންސް އޮފް ޓްރޭޑް ލީޑަރުންގެ 125 ޓްރޭޑް ލީޑަރުން އެގޮތަށް ވަނީ ނިންމައިފަ އެވެ.
ދެ ގައުމުން އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ކުރުން ހުއްޓާލުމަށް ނިންމުމުގެ އިތުރުން، ތުރުކީ އާއި އަޒަރުބައިޖާންގައި އެއްވެސް ޕްރޮމޯޝަނަލް ފިލްމެއް ޝޫޓްކޮށް، ޕްރޮޑިއުސް ނުކުރުމަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީ އާއި ކޯޕަރޭޓް ކުންފުނިތަކުގެ ކިބައިން ސީއޭއައިޓީން ވަނީ އެދިފަ އެވެ. އަދި ޓްރެވަލް ކުންފުނިތަކުން ދެ ގައުމަށް ދަތުރުކުރުމުގެ އިންތިޒާމުތައް ކެންސަލްކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.
"އެ ގައުމުތަކާ އެކު އޮންނަ ހުރިހާ ވިޔަފާރީގެ ގުޅުންތަކުގެ ޕޮލިސީތައް އަލުން މުރާޖައާ ކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އަށާއި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއަށް މެމޮރެންޑަމް އެއް ހުށަހަޅަން ވަނީ ނިންމައިފައި،" ސީއޭއައިޓީގެ ބަޔާނުގައި ބުންޏެވެ.
"މިދަތި ދަނޑިވަޅުގައި އިންޑިއާގެ އޯގާތެރިކަމާއި އެހީތެރިކަމާއި ސްޓްރެޓެޖިކް އެހީތެރިކަން ލިބެމުން އަންނަ ތުރުކީ އާއި އަޒަރުބައިޖާނުން މިހާރު ނިންމީ ޓެރަރިޒަމަށް ތާއީދުކުރާ ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ޕާކިސްތާނަށް ތާއީދު ކުރުމަށް."
އެ ދެ ގައުމުގެ މި ސްޓޭންޑުން އިންޑިއާގެ އިސްތިގުލާލާއި ގައުމީ މަސްލަހަތަށް ބުރޫއެރުމުގެ އިތުރުން، އިންޑިއާގެ 1.4 ބިލިއަން މީހުންގެ އިހުސާސްތަކަށް ވެސް ސީދާ އުނިކަަން އަންނާނެ ކަމަށް ހަންޑެލްވާލް ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުގެ ނިރުޔަތު ޕޯޓަލްގައިވާ ގޮތުން، 2024-25 ވަނަ އަހަރު އިންޑިއާ އިން ތުރުކީއަށް އެކްސްޕޯޓްކުރި މުދަލުގެ އަގު 5.72 ބިލިއަން ޑޮލަރަށް އަރަ އެވެ. މިއީ އިންޑިއާގެ ޖުމްލަ އެކްސްޕޯޓްގެ %1.3 އެވެ.
އެއާ ހިލާފަށް އިންޑިއާ އިން އޭޕްރީލް 2024 އިން ފެށިގެން މިދިޔަ ފެބްރުއަރީގެ ނިޔަލަށް އިމްޕޯޓްކޮށްފައި ވަނީ 2.84 ބިލިއަން ޑޮލަރުގެ މުދަލެވެ.
2024-25 ވަނަ އަހަރު އިންޑިއާއިން އަޒަރުބައިޖާނަށް 93.97 މިލިއަން ޑޮލަރުގެ މުދަލާއި ހިދުމަތް އެކްސްޕޯޓުކޮށްފައިވެ އެވެ. އަދި 2024-25 ވަނަ އަހަރުގެ މާލީ އަހަރު، ޖެނުއަރީ 2025އާ ހަމައަށް، އިންޑިއާއަށް އަޒަރުބައިޖާނުން އިމްޕޯޓްކޮށްފައި ވަނީ 1.93 މިލިއަން ޑޮލަރުގެ މުދަލެވެ.
ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީ އާއި ޖާމިއާ މިލިއާ އިސްލާމިއާ އިން ތުރުކީގެ މުއައްސަސާތަކާ ވަނީ ގުޅުން ކަނޑާލައިފަ އެވެ. އަދި ޓްރެވަލް ކުންފުނިތައް، އިކްސިގޯ އާއި އީޒްމައިޓްރިޕުން ތުރުކީއަށް ކުރާ ހުރިހާ ބުކިންތަކެއް ހުއްޓާލައި ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެ ތަނަށް ނުދިއުމަށް ދަތުރުވެރިންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ އޭވިއޭޝަން ސެކިއުރިޓީ ރެގިއުލޭޓަރު، ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީ (ބީސީއޭއެސް) އިން ވަނީ އިސްތަންބޫލްގެ ސެލެބީ އޭވިއޭޝަން ހޯލްޑިންގެ އިންޑިއާގެ ބްރާންޗު ކަމަށްވާ ސެލެބީ އެއާޕޯޓް ސާވިސަސް އިންޑިއާގެ ސެކިއުރިޓީ ކްލިއަރެންސް ބާތިލުކޮށްފަ އެވެ. އެކަން ކުރީ "ގައުމީ ސަލާމަތާ" ގުޅުން ހުރި ސަބަބުތަކާ ހުރެ ކަމަށް އެ ތަނުން ބުންޏެވެ.
ތުރުކީއާ އެކު ވިޔަފާރީގެ ގުޅުން ކަނޑާލަން އިންޑިއާއިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ