ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފުން އެއްކިބާވެ ހިންގި އަނިޔާވެރި އަމަލެއް: އަދާލަތު ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފުން އެއްކިބާވެ ހިންގި އަނިޔާވެރި އަމަލެއް: އަދާލަތު

ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަކީ އަދުލު އިންސާފުން އެއްކިބާވެ ހިންގި އަނިޔާވެރިކަމުގެ އަމަލެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ހިންގި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދެ ފަނޑިޔާރުން މަގާމުން ވަކިކުރުން ކުށްވެރިކޮށް އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުގޭގެ މިނިވަންކަމަކީ ގާނޫނީ ވެރިކަމާއި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މުހިންމު އެއް ރުކުން ކަމަށެވެ.
"އަލްއުސްތާޒު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގައި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަދުލުވެރިކަމާއެކު ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވުމަކީ މި ދެންނެވި ގާނޫނީ ވެރިކަމާއި އަދުލު އިންސާފުން އެއްކިބާވެ އެ ބޭފުޅުންނަށް އަނިޔާވެރިވުމުގެ އަމަލެއް ކަމުގައި މި ޕާޓީން ގަބޫލު ކުރަމެވެ،" އަދާލަތުގެ ބަޔާނުގައި ބުންޏެވެ.
ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް އަދާލަތުގެ ބަޔާނުގައި ބުންޏެވެ. އަދި އެ ނިންމުމުގެ ސަބަބުން ދިވެހި ދައުލަތުގެ ބިންގަލަށް ލޮޅުން އަރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުން މުރާޖާކޮށް އެ ފަނޑިޔާރުންނާމެދު ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް އަމަލު ކުރުމަށް އަދާލަތުން ގޮވާލައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ