ފަލަސްތީނުގެ 1 މިލިއަން މީހުން ލީބީޔާއަށް ބަދަލުކުރަނީ

ފަލަސްތީނުގެ އެއް މިލިއަން މީހުން ދާއިމީކޮށް ލީބިޔާއަށް ބަދަލުކުރުމުގެ ޕްލޭން އެމެރިކާއިން އެކުލަވާލަމުންދާ ކަމަށް އެންބީސީ ނޫހުން ބުނެފިއެވެ. މައުލޫމާތު އެގޭ ދެ މީހަކާއި އެމެރިކާގެ ކުރީގެ އޮފިޝަލަކާ ހަވާލާދީ އެންބީސީން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޕްލޭނަށް ސީރިއަސްކޮށް ވިސްނަމުންދާތީ އެމެރިކާއިން ވަނީ އެކަމާ ގުޅޭގޮތުން ލީބިޔާގެ ލީޑަޝިޕާ މަޝްވަރާކޮށްފައެވެ. އަދި އެކަމުގެ ބަދަލުގައި މީގެ ދިހަ ވަރަކަށް އަހަރު ކުރިން އެމެރިކާއިން ފްރީޒްކުރި އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ލީބިޔާއަށް ދޫކުރާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ކަމަށްވެސް އެންބީސީން ބުނެއެވެ. އަދި އެންމެ ފަހުގެ އެއްބަސްވުމަކަށް އައިސްފައި ނުވާއިރު، އެޑްމިނިސްޓްރޭޝަންގެ މަޝްވަރާތައް ކުރިއަށްދާގޮތް އިސްރާއީލަށް ވަނީ އަންގާފައެވެ. ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބަސެމް ނާއިމް ވިދާޅުވީ ފަލަސްތީނު މީހުން ލީބިޔާއަށް ބަދަލުކުރުމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިވާކަން އެނގިފައި ނުވާ ކަމަށެވެ. "ފަލަސްތީނުގެ މީހުންނަކީ އެ މީހުންގެ ވަޒަނުގައި ތިބި ބައެއް. އަދި ހަނގުރާމަ ނިމެންދެން އަޒުމުގައި ތިބޭނެ. އަދި އެމީހުންގެ ބިމާއި ވަޒަނާއި އާއިލާ އަދި ދަރިންގެ މުސްތަގުބަލު ދިފާއު ކުރުމަށް ކޮންމެ ކަމެއް ވެސް ގުރުބާން ކުރަން ތައްޔާރަށް ތިބި ބައެއް،" އެންބީސީ ނިއުސްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާއިމް ވިދާޅުވިއެވެ. "ޣައްޒާ އާއި ޣައްޒާ ހިމެނޭ ގޮތަށް ފަލަސްތީނު މީހުންނަށް ކުރާނެ ކަންކަމާއި ނުކުރާނެ ކަންތައްތައް ނިންމުމުގެ ހައްގު ލިބިގެންވާ ހަމައެކަނި ޕާޓީއަކީ "ފަލަސްތީނު މީހުން". ފާއިތުވި ހަފްތާތަކުގައި އެމެރިކާއިން ފޮނުވާލަން ބޭނުންވާ ބައެއް މީހުންވެސް ލީބިޔާއަށް ފޮނުވަން އެމެރިކާއިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ލީބިޔާގެ ފެޑެރަލް ފަނޑިޔާރަކު ވަނީ އެކަން ހުއްޓުވާފައެވެ. ފަލަސްތީނުގެ އެއް މިލިއަން މީހުން ލީބިޔާއަށް ބަދަލުކުރުން ވެގެންދާނީ މިހާރުވެސް އާބާދީ ބޮޑު އެ ގައުމަށް ބޮޑު ބުރަޔަކަށެވެ. ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ލީބިޔާގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 7.36 މިލިއަން މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ