މޫދަށް ގެއްލުނު ބިދޭސީ މީހާގެ މައްސަލައިގައި އާއިލާއިން އިންޑިއާގެ ސުޕްރީމް ކޯޓަށް ދަނީ
އިފުރު އައިލެންޑް ރިޒޯޓުގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ މީހަކު މޫދަށް ގެއްލުނު މައްސަލައިގައި، އޭނާ ހޯދުމަށް ޓަކައި އިންޑިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް އެދި އާއިލާގެ ފަރާތުން އެ ގައުމުގެ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް ނިންމައިފިއެވެ. އިފުރު މޯލްޑިވްސްގައި މަސައްކަތް ކުރާ 26 އަހަރުގެ އިންޑިއާ މީހަކު މޫދަށް ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސާޗް އެންޑް ރެސްކިއުގެ އުލިގަމު ޕޯސްޓަށް ލިބުނު ކަމަށް ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 27ގައެވެ. އެއާއެކު ކަނޑުމަގުންނާއި ވައިގެ މަގުން ބަލައިގެން، އޭނާ ހޯދުމަށްވަނީ މަސައްކަތް ފަށައިފައެވެ. ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އަފްތާބް ޚާން ގެއްލުނުތާ މިއަދަށް 14 ދުވަސްވީއިރު، އަދި ވެސް އޭނާ ފެނިފައެއް ނުވެއެވެ. އެ މައްސަލައިގައި "ޓައިމްސް އޮފް އިންޑިއާ"އަށް އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި، އާފްތާބް އެންމެ ފަހުން އޭނާގެ އާއިލާގެ މެންބަރަކާ ވާހަކަ ދެއްކީ އޭނާ ގެއްލުނު ކަމަށް ބުނާ ދުވަހުގެ 15:00ހާއިރެވެ. ނަމަވެސް އެ ދުވަހު 5:30ހާއިރު އިފުރު އައިލެންޑް ރިޒޯޓުގެ އެޗްއާރް ޑިޕާޓްމެންޓުން އާއިލާއަށް ގުޅައި، އޭނާ ގެނބިގެން އުޅޭ ކަމަށް މައުލޫމާތު ދިން ކަމަށް އެ ނޫހުގައިވެއެވެ. އަފްތާބު ގެއްލުނު ކަމަށް ރިޒޯޓުން އެންގުމާއެކު، އޭނާގެ އާއިލާގެ މެންބަރެއް ކަމަށްވާ މުޖީބާއި ވަކީލު ޒީޝާން ޚާން ރާއްޖެ އައި ކަމަށް އެ ދެ މީހުން ބުނެފައިވެއެވެ. އެ މީހުން ބުނީ މާލެ އައިސް މި ކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އިދާރާތަކުގައި އަނގަބަހުންނާއި ލިޔުމުން، އެދުމުން ވެސް މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހެދި ކަމަށެވެ. މި މައްސަލައިގައި އެހީތެރިކަން ހޯދުމަށް އާއިލާއިންވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އޮފިޝަލުންނާ ވެސް ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވަން މަސައްކަތް ކުރުމުގެ އިތުރުން، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގައި ވެސް އެހީތެރިކަމަށް އެދިފައި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެއެވެ. ހަމަ އެ ދުވަހު އިފުރު ރިޒޯޓަށް ވެސް އާއިލާގެ ފަރާތުން ދިޔަ ކަމަށް ބުނެފައިވެއެވެ. އެ މީހުން ބުނި ގޮތުގައި އަފްތާބުގެ ފޯނާއި، ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖު ދެއްކުމަށް ވެސް ރިޒޯޓުގެ ފަރާތުން ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް އޭނާގެ ޕާސްޕޯޓާއި އިތުރު ލިޔެކިޔުންތައް ހަވާލު ކުރި ކަމަށް ބުންޏެވެ. މުޖީބު ބުނި ގޮތުގައި، އަފްތާބާއެކު އިތުރު މީހަކު ވެސް ވަނީ ގެނބުނު ކަމަށް އެ މީހުންނަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ޕަރަމްޖީތު ނަމަކަށް ކިޔާ އެ މީހާ ސަލާމަތްކޮށް، މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް މުޖީބު ބުނެފައިވެއެވެ. އެހެން ނަމަވެސް ހާލު ސީރިއަސްކަމުން އޮތީ ވާހަކަ ދެއްކޭ ހާލަތުގައި ނޫން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެ އާއިލާއިން ބުނީ، އަންނަ ނޮވެންބަރު މަހަށް އަފްތާބުގެ ކައިވެނި ހަމަޖެހިފައި އޮތް ކަމަށާއި އޭނާ މަރުވެފައިވާ ކަމަށް، އެއްވެސް ހެއްކަކާ ނުލައި ގަބޫލުކުރަން ދެކޮޅު ހަދާ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އާއިލާގެ ވަކީލް ޒީޝާން ވިދާޅުވިއެވެ. ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އިފުރު އައިލެންޑް ރިޒޯޓުގައި އަފްތާބު މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރުގެ މާރިޗު މަހެވެ. މިދިޔަ މަހުގެ 30ގައި އެމްއެންޑީއެފުން ބުނި ގޮތުގައި، އާފްތާބު ހޯދުމަށް ކަނޑުމަގުން 74.18 ސްކެއާ ނޯޓިކަލް މޭލު ވަނީ ބަލައިފައެވެ. އަދި އިފުރު މޯލްޑިވްސް ރިސޯޓު މުވައްޒަފުންނާއި ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން 160،718 ސްކެއާ މީޓަރު ބަލާފައިވާއިރު، ކޯސްޓްގާޑްގެ ޑައިވަރުން ސްނޯކްލްކޮށްގެން 46،814 ސްކެއާ މީޓަރު ބަލައިފައިވާ ކަމަށް އެ ޚިދުމަތުން ބުނެފައިވެއެވެ. މީގެ އިތުރުން ވައިގެ މަގުން213 ސްކެއާ ނޯޓިކަލް މޭލު ބަލަފައިވާކަން އެމްއެންޑީއެފުން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ