މޮޅަދޫ ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ ކަންކަން ކޮށްދޭނަން: ރައީސް

ހއ. މޮޅަދޫ ރައްޔިތުން ބޭނުންވާގޮތަށް އެ ރަށުގެ ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނުވަ ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހެނދުނު މޮޅަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މިއީ އެމަނިކުފާނަށް މޮޅަދުއަށް ވަޑައިގެންނެވުނު ފުރަތަމަ ފަހަރުކަން ފާހަގަކުރަށްވައި، އެ ރަށަށް ވަޑައިގެންނެވުމުން އިޙްސާސް ކުރެއްވުނީ ވަރަށް އެކުވެރި ރައްޔިތެއް އުޅޭ، ވަރަށް ހިތްހެޔޮ ރައްޔިތެއް އުޅޭ، ވަރަށް ހިތްގައިމު ރަށެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.
މޮޅަދޫ އަކީ ވަރަށް ހިތްފަސޭހަ މާޙައުލެއް އޮތް ރަށެއްކަމަށާއި، އެ ރަށުގެ ރައްޔިތުން ބަހައްޓަވާ ގާތްކަމާއި، ދެއްވާ ތަރުޙީބަށް، ވަރަށް އުފާކުރަށްވާކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، އެ ރަށުގެ ތަރައްޤީގެ މަސައްކަތްތަކަކީ، ހަމަ އެންމެ ބޮޑު ރަށެއްގެ ތަރައްޤީއެކޭ އެއްގޮތަށް އެމަނިކުފާނަށް މުހިންމު ކަންތައްތަކެއް ކަމަށެވެ.
''އަޅުގަނޑު އަބަދުވެސް ދަންނަވަމުންދާ ވާހަކައެއް އެއީ، އަޅުގަނޑަށް ޙަޤީޤަތުގައިވެސް ކޮންމެ ރައްޔިތެއް ހަމަހަމައޭ. އެއީ، މިގޮތަށް އާބާދީގެ ގޮތުން ކުޑަރަށެއް ކަމުގައިވިޔަސް، އަދި އެންމެ ބޮޑެތި އާބާދީތައް ކަމުގައިވިޔަސް، ދިވެހި ރައްޔިތުން އަޅުގަނޑަށް ވަނީ ހަމަ ދިވެހި ރައްޔިތުންނަށް. ހަމަހަމަ. ހުރިހާ ޙައްޤުތަކެއް، ޤާނޫނުއަސާސީގައި، ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ، ހުރިހާ ކަމެއް ކޮށްދޭންޖެހޭނެ. އަދި ރައްޔިތުންނަށް އެކަންކަން އަޅުގަނޑު ކޮށްދޭނަން.'' ރައީސް ވިދާޅުވެފަވެއެވެ.
''މި ރަށުގެ ރައްޔިތުންނާ އެކީގައި މިގޮތަށް މި ހޭދަކޮށްލެވޭ ވަގުތުކޮޅަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މޮޅަދޫގެ ރައްޔިތުންގެ މުހިންމު އަދި އުންމީދު ކުރަމުންދާ ކަންކަމުގައި، ހަމަ އެހެން ހުރިހާ ރަށްތަކެކޭވެސް އެއްގޮތަށް ވަރަށް އިސްކަންދީގެން ހަމަހަމަގޮތެއްގައި، އިންޞާފުވެރި ގޮތެއްގައި، ވަރަށް ބާރު ސްޕީޑުގައި ކަންތައްތައް ކޮށްދިނުމަކީ، އަޅުގަނޑުގެ ސިޔާސަތުކަމުގައި. ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް، މި ރަށުގެ ކަންކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ކޮށްދޭނަން.'' ރައީސް އިތުރަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެރަށުގައި ފެށިފައި ހުރި މަޝްރޫޢޫތަކާއި، ކުރިއަށް ހުރި މަޝްރޫޢުތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ، އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުން ކުރިއަށް ގެންދަވާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ