ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކްލަބު، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހަމަޖައްސައިފިއެވެ. އަހަރުތަކަކަށް ދެމިގެންދާނެ ގްލޯބަލް ޕާޓްނަޝިޕް އެއްބަސްވުމެކެވެ. ލިވަޕޫލުން ބުނީ، މި ޕާޓްނަޝިޕްގައި ކްލަބުގެ ފިރިހެން އަދި އަންހެން ޓީމުތައް ހިމެނޭ ގޮތަށް، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމާއެކު، މި ޖަޒީރާ ގައުމުގައި ހިތްގައިމު ތަންތަނާއި ތަރިކައިގެ ފުޅާމިން ދައްކުވައިދޭނެ ކަމަށެވެ. މި ޕާޓްނަޝިޕްގެ ފެށުން ފާހަގަކުރުމަށްޓަކައި، ސަޕޯޓަރުންނަށް ފްލައިޓާއި ހުރުން ހިމެނޭ ގޮތަށް ދިވެހިރާއްޖެއަށް ފަސްދުވަހުގެ ދަތުރެއް ދިނުމަށް އެ ކްލަބުން ވަނީ ނިންމައިފައެވެ. މި ޕާޓްނަޝިޕް ދެމިގެންދާ މުއްދަތުގައި، ސަޕޯޓަރުންނަށް ޚާއްސަ ކޮންޓެންޓާއި، ޕްރޮމޯޝަންތަކާއި، "ފައިސާއިން ނުގަނެވޭނެ އިނާމުތަކާއެކު" މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ލިވަޕޫލުން ބުނެއެވެ. އެ ކްލަބުން ބުނީ، އެމްއެމްޕީއާރުސީއާއެކު ހަދާފައިވާ ޕާޓްނަޝިޕުގެ ތެރެއިން، އެ ކުންފުނީގެ އަމާޒުތައް ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެ ގޮތުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމުގައި ހޭލުންތެރިކަން އިތުރުކޮށް އެކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ. ލިވަޕޫލް އެފްސީގެ ޗީފް ކޮމާޝަލް އޮފިސަރު ބެން ލެޓީ ވިދާޅުވީ އެ ކްލަބުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި އެމްއެމްޕީއާރުސީ ހަމަޖެހިގެން ދިއުމުން ވަރަށް އުފާކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ފަރާތުން ވެސް އަޒުމް ކަނޑައަޅާފައިވަނީ ވީހާ ވެސް ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ކުރުމަށް ކަމަށެވެ. ކުރިއަށް އޮތްތަނުގައި މުހިންމު ދާއިރާތަކުގައި އެހީތެރިވެދިނުމަށް އުފަލާ އެކުގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. މި ކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ ލިވަޕޫލް ފަދަ "އައިކޮނިކް" ކްލަބަކާއެކު ޕާޓްނަޝިޕެއް ގާއިމްކުރެވުނީތީ އެ ކުންފުނިން ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އެކުގައި މަސައްކަތްކުރުމުން، ޚާއްސަ ފުރުސަތުތަކާއި ތަޖުރިބާތައް ފޯރުކޮށްދެވި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ސަޕޯޓަރުންނަކަށް ދިވެހިރާއްޖެ އިޝްތިހާރު ކުރެވޭނެކަން ޝިއުރީ ފާހަގަ ކުރެއްވިއެވެ. ލިވަޕޫލުން ބުނީ އެ ކްލަބުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، ރާއްޖޭގެ އިޝްތިހާރު ފެންނަ މިންވަރު އިތުރުކުރާނޭ ކަމަށެވެ. އަދި މި ޕްލެޓްފޯމްތަކުގައި ދުނިޔޭގެ 200 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބޭއިރު، ވޭތުވެދިޔަ ސީޒަންގައި އެކަނި ގާތްގަނޑަކަށް 12 ބިލިއަން ވިއުސް، އަދި 1.5 ބިލިއަން ފޭން އެންގޭޖްމަންޓް ރެކޯޑުކުރެވުނު ކަމަށް ބުންޏެވެ. މިއީ ޕްރިމިއާ ލީގުގެ ކްލަބަކަށް ލިބުނު އެންމެ މަތީ އަދަދެވެ. ލިވަޕޫލަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފުޓުބޯޅަ ކްލަބެވެ. އެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ވޭތުވެދިޔަ ސީޒަންގައި ޖުމްލަ 471 މިލިއަން މީހުން އެ ކްލަބުގެ މެޗުތައް ބެލިއިރު، މި ޓްރެންޑް މި ސީޒަންގައި ވެސް އެ ކްލަބުން ދަމަހައްޓައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ