މަންމަ މަރުވި ދުވަހަށްވުރެ ބޮޑަށް މައިދައިތަ މަރުވުމުން ހިތާމަކުރި ދަރިންވެސް މަދެއް ނޫން!

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާނީވެސް އަދި ލޯބިވާންވާނީވެސް އެމީހެއްގެ މަންމަ ދެކެއެވެ. އެކަން އެނޫންގޮތަކަށް ބަދަލުކޮށްގެންވެސް ނުވާނެއެވެ. އަދި މުސްލިމުންނަށް އެކަން އެނޫން އެހެން ގޮތަކަށް ބަދަލުކުރުން ހުއްދައެއްވެސް ނޫނެވެ. 
އެހެންކަމާއިއެކުވެސް ބައެއް ފަހަރު މައިދައިތަގެ ހެޔޮކަން ބޮޑުވުމުން މައިދައިތަގެ މައްޗަށް ހިތުގައި ލޯބި އުފެދި މަންމައެއްގެ މަޤާމު ދެވެއެވެ. އަދި މައިމީހާއަށްވުރެ ތިމާއަށް ހެޔޮކަން ބޮޑުވުމުން ލޯބި އިތުރުވެގެންވެސް ދެއެވެ. 
މިޙާލަތުގައި މަންމަ ނިޔާވާދުވަހު ވާދެރައަށްވުރެ ބޮޑަށް މައިދައިތަ ނިޔަވާދުވަހު ދެރަވެވޭ ގޮތްވެސް މެދުވެރިވެއެވެ. މިއީ އެއްވެސް ޙާލެއްގައި އެމީހަކު ކުށްވެރިކުރަންޖެހޭނެ ކަމެއް ނޫނެވެ. އަހުރެމެންގެ މައްޗަށް އޮތީ މަންމަ ދެކެ އެންމެ ބޮޑަށް ލޯބިވެ އަދި މަންމައަށް ހެޔޮކޮށް ހިތުމެވެ. އެކަމުގައި އުނިނުކޮށް މަންމައަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާކޮށްދީފައިވާނަމަ އެއޮތީ ރަނގަޅު ގޮތުގައި އެކަންކުރެވިފައެވެ. 
މިވާހަކަ ދައްކަން މިޖެހެނީ ނުބައި މައިދައިތައިން ތިބޭތީ އެމީހުންގެ ވާހަކަތައް ޢާންމުވާވަރުން ހުރިހާ މައިދައިތައިންނަކީ ނުބައި ބައެއްގެ ގޮތުގައި ލޭބަލް ކުރާ ބައަކު އުޅޭތީ އެގޮތަށް ނުކުރުމަށް ނަޞީޙަތްތެރިވުމަށެވެ. ރަނގަޅު މައިދައިތައިންވެސް ތިބޭކަމާއި އެމީހުންނަށް ޙައްޤު އިހްތިރާމް އަދާކުރަންޖެހޭނެ ކަމާއި އެމީހުން ދެކެ ލޯބިވާކަންވެސް ބުނެދިނުމަށެވެ. 
މަންމަގެ މަޤާމް ދެވޭނެ އެހެން މީހަކު ނުހުންނާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ޙައްޤު މަޤާމްދޭންވާނެއެވެ. އިންޞާފަކީ އެއީއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ