ބެކަމް ބުނީ އަމޮރިމް އަށް ޔުނައިޓެޑުން ވަގުތު ދޭންޖެހޭ ކަމަށް ބެކަމް ބުނީ އަމޮރިމް އަށް ޔުނައިޓެޑުން ވަގުތު ދޭންޖެހޭ ކަމަށް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މެއި 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް އަށް އެ ކްލަބްގެ ހާލަތު ބަދަލުކުރަން ވަގުތު ދޭން ޖެހޭ ކަމަށް އެ ކްލަބްގެ ކުރީގެ ތަރި، ޑޭވިޑް ބެކަމް ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު މަހު، ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކުރުމަށް ފަހު، އަމޮރިމް، ޔުނައިޓެޑާ ހަވާލުވި ނަމަވެސް އެ ކްލަބްގެ ހާލަތު ބަދަލުނުވެ އެވެ. ޔުނައިޓެޑް މި ވަގުތު، އިނގިރޭސި ޕްރިމިއާ ލީގުގެ 16 ވަނައިގައި އޮތްއިރު، އެ ޓީމު އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅެއް ނުވެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މާދަމާރޭ ޔޫރޮޕާ ލީގުގެ ފައިނަލުން ޔުނައިޓެޑް ބަލިވިޔަސް، އަމޮރިމް ވަކިނުކުރަން ޔުނައިޓެޑުން ވަނީ ނިންމައިފަ އެވެ. އެ އަށް އިޝާރާތްކޮށް، އެމެރިކާގެ ކްލަބް، އިންޓަ މިއާމީގެ ހިއްސާދާރު، ބެކަމް ބުނެފައިވަނީ، އަމޮރިމް އަށް ވަގުތު ދޭން ޖެހޭ ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި ރުބެން (އަމޮރިމް) އަށް އެބަޖެހޭ އެއްބާރުލުން ދީ ވަގުތުދޭން. އޭނަ ބޭނުންވާ ކުޅުންތެރިން ގެނެސް، އޭނަގެ ފިލޯސަފީއާ އެއްގޮތަށް ކުރިއަށްދިއުމުގެ ފުުރުސަތު ދޭން ޖެހޭ. އެކަމަކު، އެއީ ކިހިނެއްކުރެވޭނެ ކަމެއްތޯ ބުނަން ނޭނގެ،" ބެކަމް ބުންޏެވެ.
ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަމުގައި ގޮތް ނިންމާ އިނިއޯސް ކުންފުނީގެ ވެރިޔާ، ޖިމް ރެޓްކްލިފާ އެކު، ބައްދަލުވުންތަކެއް ގޮސްފައިނުވާ ކަމަށާއި އެހެން ނަމަވެސް، ދެކެވުނު ވާހަކައިގެ އަލީގައި އެނގެނީ، އިނިއޯސް އިން އަމޮރިމް އަށް އެއްބާރުލުން ދޭނެ ކަމަށް ކަމުގައި ބެކަމް ވަނީ ބުނެފަ އެވެ.
އޭނާ ބުނީ، ޔުނައިޓެޑް ކުރިއަށްދާނަަމަ، މި ދަނޑިވަޅުގައި އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިން ކްލަބްގައި މަޑުކުރުވަން ޖެހޭ ކަމަށާއި އެ ގޮތުގެ މަތިން ބަލާއިރު، ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް، ކްލަބްގައި ބެހެއްޓުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ