މަސްދަޅު ކޭސް ބަހަން ހެދި ޕޯޓަލް ޑައުންވީ ޑީޑޮސް ހަމަލާއަކުން، މައްސަލަ ހައްލުކޮށް މިހާރު އަލުން ބޭނުންކުރެވޭނެ: ސްޓެލްކޯ

މަސްދަޅު ކޭސް ބަހަން ހެދި ޕޯޓަލް ޑައުންވީ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ގައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސާވިސް (ޑީޑޮސް)ގެ ހަމަލާއަކުންކަމަށާއި، މި މައްސަލަ ހައްލުކޮށް މިހާރު އަލުން ޕޯޓަލް ބޭނުންކުރެވޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މަސްދަޅު ކޭސް ހޯދުމަށް މާލޭ ސަރަހައްދުގައި ދިގު ކިއުތަކެއް ހަދާ، އާންމުން ގިނަ ވަގުތު ހޭދަކުރަން ޖެހުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެ އިންތިޒާމު ފަސޭހަ ކުރުމަށް މަސްދަޅު ދޫކުރާ ސަރަހައްދުތައް އިތުރުކޯށް އޮންލައިން ޓޯކަންއެއް ނަގާ ގޮތަށް ބަދަލު ކުރާނެ ކަން އިއުލާން ކޮށްފައި ވަނީ ރޭގައެވެ.
ނަމަވެސް މިއަދު ހަވީރު 6 ޖެހިއިރު ޕޯޓަލް ޑައުންވެ އަނެއްކާވެސް އާންމުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ގިނަވެފައިވާއިރު، ސްޓެލްކޯއިން ބުނީ މިހާރު ވަނީ މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވާ، އެޕްލިކޭޝަންގެ ހިދުމަތް އަލުން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.
މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
ސްޓެލްކޯއިން ވަނީ ރެއިން ފެށިގެން 13 ސަރަހައްދަކުން މަސްދަޅު ކޭސް ދޫކުރަން ނިންމާފައެވެ. މިއީ ހޫނު ގަދަ ދުވަސްވަރު ކަމުން ހަމައެކަނި ރޭގަނޑު މަސްދަޅު ކޭސް ދޫކުރުމަށް ނިންމާފައިވާކަމަށާއި، އެގޮތުން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ ރެއެއްގެ 8 އިން 12 އަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޮންލައިން ނިޒާމުގެ ތެރެއިން މަސްދަޅު ދޫކުރާ އިރު، މޮބައިލް ފޯނު ބޭނުންކުރަން ދަތި މީހުންނަށް ވެސް އެއްވެސް ދައްޗެއް ނެތި މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެފަދަ ފަރާތްތަކުން މަރުކަޒަށް ދިއުމުން މަރުކަޒުގައި ތިބޭ މުވައްޒަފުން އެހީވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މަސްދަޅު ކޭސްތައް ދޫކުރުމުގެ އިންތިޒާމުތައް ރަނގަޅުކުރަން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގާތުން ބަލަމުންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ