ތުހުމަތުތަކަށް އިންކާރުކޮށް، ފަޒީން ބްރޯޑްކޮމުން އިސްތިއުފާ ދީފި
ޖިންސީ ގޯނާގެ މައްސަލައިގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް, މުޙައްމަދު ފަޒީން އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށް، އެ ތުހުމަތުތަކަށް އިންކާރުކުރުމަށް ފަހު މިއަދު މަގާމުން އިސްތިއުފާދެއްވައިފިއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ފަޒީންގެ މައްޗަށް ތުހުމަތު ކުރަނީ އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. ކުރީގެ ނޫސްވެރިޔާ ފަޒީންގެ އިސްތިއުފާ ސިޓީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާފައި ވަނީ މިއަދުއެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ ބްރޯޑްކޮމްގެ މެންބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިނިވަންކަމާއެކު، ވަކިފަރާތަކަށް ނުޖެހި އަދާކުރުމަކީ މިހިނދަށް ވެވެން ނެތް ކަމެއްކަމުގައި ދެކޭތީ އެ މަގާމުން އޭނާ އިސްތިއުފާދީފައިވާ ކަމަށެވެ. ނަމަވެސް ނޫސްވެރިކަމަށް އަންނަ ހަމަލާތައް ދިފާއުކުރުމާއި، މިނިވަން ދިމިގްރާތީ މުޖުތަމައުއެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި އޭނާ ދެމިހުންނާނެކަމުގެ ޔަގީންކަން ވަނީ އަރުވައިފައެވެ. އިސްތިއުފާގެ ސިޓީއާއެކު ފަޒީންގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާނެއް ވެސް ނެރެފައެވެ. https://x.com/IamFazeen/status/1901453624913617201 ފަޒީންގެ ގާނޫނީ ވަކީލު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާއި، ފުލުހުން އަދި ބްރޯޑްކޮމްގެ ކޮމިޓީން ތަހުގީގުކުރުމުން ވެސް "ބުނި ބުނުން" ފިޔަވައި އިތުރު އެއްވެސް ހެއްކެއް، ގަރީނާއެއް ދެއްކިފައި ނުވުމަކީ އެއީ މަސްނޫއީ ބުހުތާނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަޒީން، އެ މަގާމަށް އައްޔަނުކުރީންސުރެ، މިއަދާ ހަމައަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރަމުން އައީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ތައައްސުބުން އެއްކިބާވެ ހުރެ، ވަކިފަރާތަކަށް ނުޖެހި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ރައްޔިތުންނަށް ހާސިލުކޮށްދިނުމުގައި ހީވާގި މެންބަރެއްގެ ގޮތުގައި ކަމަށް ގާނޫނީ ވަކީލު ވިދާޅުވިއެވެ. ހަމައެއާއެކު ފަޒީން މެންބަރުކަމަށް އައްޔަނުކުރީންސުރެ މިއަދާ ހަމައަށް ބްރޯޑްކާސްޓް ކޮށްފައިވާ ތަފާތު ކޮންޓެންޓުތަކާއި ގުޅިގެން އެކި ފަހަރު މަތިން ކުރިމަތިވި ބިރުދެއްކުމުގެ ހާދިސާތަކަށްފަހު ވެސް ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއް ނެތި ކުރިއަށް ގޮސްފައިވާކަން ވަކީލު ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ނަމާއި އަބުރު ކަތިލައި، ގޮނޑި ހުސްކުރުވުމުގެ ފިނޑި އަމަލު އުފަންކުރުވީ ކަމަށް ތުހުމަތުކުރެއްވިއެވެ. އަދި އެކަމަކީ އެއް ރެއެއްގެ ހަތަރުދަމުން ވެ ނިމިފައިވާ ކަމެއް ކަމަށް ވެސް ވަކީލު ވަނީ ތުހުމަތުކުރައްވައިފައެވެ. "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު އޮތީ އެއްވެސް ދާފަރާއެއް ނެތި، ކޮންމެ މީހެއްގެވެސް އަބުރު ކަތިލެވޭ ގޮތަށް ފަހިކޮށް. އެ ގާނޫނު އޮތް ގޮތުން އަބުރުވެރި މުރުއްވަތްތެރިއެއްގެ ގަދަރާ އިއްޒަތް ބިމާ ހަމަކޮށްލަން ބޭނުންވަނީ ފާސިގު ދުލެއްގެ ހިތްވަރުގަދަ އެންމެ ޖުމްލައެއް،" ވަކީލު ވިދާޅުވިއެވެ. ފަޒީން މަގާމުން ވަކިކުރުމުގެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މަރުހަލާގައެވެ. https://sun.mv/203510 ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި އެ މައްސަލައިގައި ޖިންސީ ފުރައްސާރަ ލިބުނު އަންހެން މުވައްޒަފާއި ކޮމިޝަންގެ އިތުރު މުވައްޒަފުން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެގޮތުން އަންހެން މުވައްޒަފު ކޮމިޓީއަށް ހާޒިރުކުރުމުން، އޭނާގެ ގައިގައި ނުރުހުމުގައި އަތްލާފައިވާ ކަމަށާއި އަދި ބޭއަދަބީ ބަހުރުވައިން ފަޒީން އޭނާއާ ވާހަކަދައްކާފައިވާ ކަމަށް ކޮމިޓީގައި އޭނާ ވަނީ ބުނެފައެވެ. އަދި ކޮމިޝަންގެ އެހެން އަންހެން މުވައްޒަފަކާ ވެސް ބޭއަދަބީ ބަހުރުވައިން ފަޒީން ވާހަކަދައްކާ ކަމަށް ކޮމިޓީގައި އޭނާ ވަނީ ބުނެފައެވެ. އެ މައްސަލަ ކޮމިޝަންގެ ޖިންސީ ފުރައްސާރައާއި ބެހޭ ކޮމިޓީއަށް ހުށަހެޅި ކަމަށް ހާޒިރުވި މުވައްޒަފުން ވަނީ ބުނެފައެވެ. އެހެންކަމުން އަންހެން މުވައްޒަފުންނާ ބޭއަދަބީ ބަހުން ވާހަކަދެއްކުމާއި، އަދި މުވައްޒަފުގެ ގައިގައި އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަޚުލާގީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ކޮމިޓީން ދެކޭ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެކަމަކީ ކޮމިޝަންގެ މެންބަރުކަމުގެ ސުލޫކީ ހަމަތަކާ ޚިލާފު ކަމެއް ކަމަށް ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ