ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ހިފަހެއްޓުމަށް، މި އަހަރު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހިމަނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ސުވާލުތަކަށް ދިޔުމުގެ ކުރިން ދެއްކެވި ދިގު ވާހަކައިގެ ތެރެއިން ރައީސް ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވެ ފްރީޒް ކުރުމާ މެދު ގޮތެއް ނިންމުން ފެންނަ ނުފެންނަ ވޯޓުގައި ހިމަނާނެ ކަމަށެވެ.
"މިހާރު އޮތް އަދަދަށް ފްރީޒް ކުރުމަށް ގެންނަން ޖެހޭ ބަދަލު ގެނައުން. އެއީ 93. އެހެން ނޫނި ވާގޮތަކީ އާބާދީ ބޮޑުވާ ވަރަކަށް އިތުރުވަމުން މިދަނީ. އެހެންވީމަ އަޅުގަނޑުމެން މި ނިންމީ އިތުރެއް ދެން ނުވާނޭ. އެ އަދަދަށް ފްރީޒް ކޮށްލަނީ،" ރައީސް ވިދާޅުވި އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ކޮންމެ 5،000 ރައްޔިތަކަށް މަޖިލިސް މެންބަރަކު ހުންނަން ޖެހެ އެވެ. އެހެންކަމުން ކޮންމެ ފަސް އަހަރަކުން މަޖިލިސް މެންބަރުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. މިހާރުގެ އަދަދަކީ 93 އެވެ.
މިހެން މިކަން އޮތުމާއެކު މެންބަރުންނަށާއި މަޖިލީހަށް ކުރަން ޖެހޭ ހޭދަ އިތުރުވެ، ދައުލަތަށް އިތުރު މާލީ ބުރަތަކެއް ކުރިމަތިވާކަމުގެ ކަންބޮޑުވުންތައް އާންމުންނާއި ސިޔާސީންވެސް ފާހަގަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހާއި މިނިވަން ކޮމިޝަންތަކާއި މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކޮށް މުއައްސަސާތައް ވެސް މަދު ކުރައްވާނެ ކަމަށް މިދިޔަ އަހަރުގެ މެދު ތެރޭ ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
މިކަމާ ގުޅޭގޮތުން، އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ އެ ކޮމިޝަނަށް ފެންނަ ގޮތް މަޖިލީހުގެ ކޮމިޓީތަކާ ހިއްސާކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެއް ވަރެއްގައި ހިފަހައްޓާއިރު ދާއިރާތައް ކަނޑައެޅުމަށް އީސީ ގެ ވިސްނުމަކީ ޖުމްލަ ގޮނޑީގެ ތެރެއިން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނުމަށްފަހު އިތުރަށް ހުންނަ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހައިލުން ކަމަށް އެ ކޮމިޝަނުންނެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދަކީ 77، 76 ނުވަތަ 65 ކަމުގައި ހެދުމަށް ކޮމިޓީގައި އެކި މެންބަރުންނާއި ޕާޓީތަކުން އަދި މުއައްސަސާތަކުން ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ރައީސް މިވަނީ މި މަޝްވަރާތައް ބޮލައިލާ ޖަހާ މިހާރު އޮތް އަދަދާ އެކު ކުރިއަށް ގެންދިއުމަށް ނިންމަވާފަ އެވެ.
މަޖިލިސް މެންބަރުންގެ އަދަދު 93 ގައި ހިފަހައްޓަން ފެންނަ ނުފެންނަ ވޯޓުގައި ހިމަނަނީ މަޖިލިސް މެންބަރުންގެ އަދަދު 93 ގައި ހިފަހައްޓަން ފެންނަ ނުފެންނަ ވޯޓުގައި ހިމަނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ