އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްއާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފުލުހަށް ހުށަހެޅުއްވި ދެ މައްސަލަ ވެސް ނުބަލައި އަނބުރާ މިއަދު ފޮނުވާލައިފި އެވެ.
ވީކިހިނެއް؟ - ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް އަޒްމިރާލްދާ މިދިޔަ އާދީއްތަ ދުވަހު ހުށަހެޅުއްވީ:
އަޒްމިރާލްދާގެ މައްޗަށް އޭސީސީން ތަހުގީގެއް ނުފަށަނީސް، ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޝާމިލް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލައެއް
ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުއްވި ކަމަށް ތުހުމަތުކުރައްވައި އޭނާގެ މައްޗަށް ހުށަހެޅުއްވި ހިޔާނާތުގެ މައްސަލައެއް
ތަފްސީލް - އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ވިދާޅުވިގޮތުގައި އެއީ ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ބުނެ ފުލުހުން މިއަދު ވަނީ އެ މައްސަލަަތައް އަނބުރާ ފޮނުވާލާފަ އެވެ.
އެ މައްސަލަތައް ނުބެލޭނެ ކަމަށް ފުލުހުން ނިންމާފައިވަނީ:
ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އެ މައުލޫމާތު ބަލައިގަތް އިދާރާ ޖޭއެސްސީން ވަޒަންކޮށް އެއާމެދު ގޮތެއް ނިންމުމުން ނޫނީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަކަށް ނުވާތީ ކަމަށް ބުނެ
ފަނޑިޔާރަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ހުށަހެޅި މައްސަލާގައި އެކަން އެގޮތަށް ކުރި ކަމަށް ބެލޭނެ އަދި އެކަމުގައި ޖިނާއީ ކުށުގެ އަމަލެއް ހިންގާފައިވާ ކަމަށް ބަލަންޖެހޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ
އެނގުން މުހިންމު - އަޒްމިރާލްދާގެ މައްޗަށް އޭސީސީން ތަހުގީގެއް ހިންގަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ. އެކަމަކު ބަލާ މައްސަލައެއް އެ ކޮމިޝަނުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އަދި މި މައްސަލާގައި ބަޔާން ނެގުމަށާއި ސުވާލުކުރުމަށް އަޒްމިރާލްދާ ހާޒިރުވެވަޑައިގަތުމަށް މިހާތަނަށް އަންގާފައެއް ވެސް ނުވެ އެވެ.
އަޒްމިރާލްދާގެ މައްޗަށް ޖޭއެސްސީން ވެސް ދަނީ ސުލޫކީ ދެ މައްސަލައެއް ބަލަމުންނެވެ. މި މައްސަލަތައް ބަލަން ފެށީ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމި ފަހުންނެވެ.
ފާހަގަކުރެވޭ - އޭގެ ފަހުން އަަޒްމިރާލްދާ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، އެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން އެ ހުރިހާ ފަނޑިޔާރުން ވެސް ގަބޫލުކުރައްވަނީ އެއީ ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށެވެ. ފަނޑިޔާރުން ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ އޮތީ މަޑުޖެހިފަ އެވެ.
ޝާމިލްއާ ދެކޮޅަށް އަޒްމިރާލްދާ ހުށަހެޅުއްވި 2 މައްސަލަ ވެސް ނުބަލަން ފުލުހުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ