ޖަޕާނުން ހަ ސްކޮލާޝިޕަކަށް 1.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަ ސްކޮލާޝިޕެއް ދިނުމަށް ނިންމައި، 1.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފިއެވެ. މިއީ ޖަޕާނުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)ގެ ދަށުން ދިނުމަށް ނިންމި ސްކޮލާޝިޕްގެ ފުރުސަތެކެވެ. މި ސްކޮލާޝިޕަށް ފަންޑުކުރާ ފައިސާ ދިނުމަށް ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، ޝެރީނާ އަބްދުއްސަމަދެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ، ސިވިލް ސާވިސް ކޮމިޝަން، ޖަޕާނު އެމްބަސީ އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޖަޕާނުގެ ފަރާތުން ދޭ ހަ ސްކޮލާޝިޕަކަށް 1.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ ޖަޕާން ސަރުކާރުގެ ފަރާތުން 2020ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މިއެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބެއެވެ. މި ސްކޮލާޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގްބަލުގައި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ. ޖަޕާނުން ރާއްޖެއަށް ސިއްހީ ދާއިރާއައި ތައުލީމީ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން، ޖަޕާނުގައި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ވެސް ދާދި ފަހުން ވަނީ ސްކޮލާޝިޕްގެ ފުރުސަތުތަކެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ