ހައްޖަށް ދާއިރު ޖަހަންޖެހޭ ވެކްސިނާއި ހައްޖަށް ގޮސްތިބޭ ދިވެހިން ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ހައްޖާޖީން ތިބި ހޮޓެލަށް މިއަދު ޒިޔާރަތް ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮންމެ ރަށެއްގައި ހުރެގެން ވެސް ހައްޖަށް ދިޔުމުގެ ކުރިން ހަދާ ޓެސްޓުތައް ހެދުމާއި ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ހައްޖާޖީ އެނބުރި ރާއްޖެއަށް އަންނަން ދެން ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންތިޒާމުތައް އެންމެ ފުރިހަމައަށް ހަމަޖެހިފައި ހުރިތޯ ބެލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން މިހާރު ވެސް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު ހަވީރު އޮތް އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ މިފަހަރު ދިވެހިރާއްޖެއިން ހައްޖަށް ދިޔަ މީހުންނަށް ސައުދީން ހަމަޖައްސައިދީފައިވާ އިންތިޒާމުތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެގޮތުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ފޯރުކޮށްދިން ލުއިތަކާއި މިނާގައި ތިބުމުގެ އިންތިޒާމު ވެސް އިހުނަށްވުރެ ފެންވަރު ރަނގަޅު ކޮށްދީ ދިވެހީންނަށް ހާއްސަ ކްލިނިކެއް ސައުދީގައި ހަމަޖައްސައިދީފައި ވާތީ އެކަމަށްޓަކައި އެ ގައުމުގެ ރަސްގެފާނަށާއި ވަލީ އަހުދަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ސައުދީ ސަރުކާރުން ދިވެހީންނާ މެދު ދެކެނީ އެއްބަނޑު އެއްބަފާ އަހުންތަކެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމާ ދިވެހީން އުފާ ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހައްޖަށް ގޮސް ތިބޭ ދިވެހިން ނަގާ ބޭހާއި ހައްޖަށް ދާއިރު ޖަހާ ވެކްސިން ހިލޭކޮށްދީފި ހައްޖަށް ގޮސް ތިބޭ ދިވެހިން ނަގާ ބޭހާއި ހައްޖަށް ދާއިރު ޖަހާ ވެކްސިން ހިލޭކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ