އީރާނުގެ ތިން 'ނިއުކްލިއާ ސައިޓަކަށް' އެމެރިކާ ސިފައިން އަމާޒުކޮށް ހަމަލާދީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ރޭ ހިންގާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ފޯޑޯ ނިއުކްލިއާ ފެސިލިޓީގެ "ޒަމާން ދުއްވާލާފައި"ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަމަލާތަކުގައި ބައިވެރިވުމަށް ޓްރަމްޕް ރޭ އިހްތިޔާރު ކުރެއްވުމަކީ ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެދާނެ ކަމެކެވެ.
"އީރާނުގެ ތިން ނިއުކްލިއާ ސައިޓް ކަމަށްވާ ފޯޑޯ، ނަޓަންޒް އަދި އިސްފަހާންއަށް ދިން ހަމަލާތައް ކާމިޔާބުކަމާ އެކު ނިންމާލައިފި،" އަސްކަރީ މަތިންދާބޯޓުތައް މިހާރު އެނބުރި ގައުމަށް ދިއުމަށް ދަތުރު ކުރަމުންދާކަން ފާހަގަކުރައްވައި ޓުރޫތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
"މިއީ ސުލްހަ ގާއިމު ކުރުމުގެ ވަގުތު."
އޭގެ ފަހުން ޓީވީ މެދުވެރިކޮށް އޯވަލް އޮފީހުގައި ތިން މިނިޓެއްހާއިރު ދެއްވި ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ މުސްތަގުބަލް ކަނޑައަޅާނީ "ސުލްހައިންތޯ ނުވަތަ ފަނާކުރަވަނިވި ގޮތަކުންތޯ" އެ މީހުން ނިންމަން ޖެހޭނެ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާއަށް ހަމަލާދެވިދާނެ އިތުރު އެތައް އަމާޒެއް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އީރާނުގެ ނިއުކްލިއާ ފައްކާ ކުރުމުގެ މުހިންމު މަރުކަޒުތައް ވަނީ މުޅިން ނެތިކޮށްލެވިފައި،" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އެ ހަމަލާތައް ކުށްވެރިކުރައްވައި އެމެރިކާ އިން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް އެމެރިކާ އިން ވަނީ އދ.ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ސީރިއަސްކޮށް ހިލާފުވެފައި. އީރާނުގެ ސުލްހަވެރި ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައި،" އޭނާ ވިދާޅުވި އެވެ.
"މިއަދު ހެނދުނު ހިނގި ހާދިސާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަމުގެ ސަބަބުން ދާއިމީ އަސަރުތަކެއް ކުރާނެ. އދ.ގެ ކޮންމެ މެމްބަރަކު ވެސް ކަންބޮޑުވާންޖެހެނީ މި ނުރައްކާތެރި، ގައިރު ގާނޫނީ އަދި ޖިނާއީ އަމަލުތަކާ މެދުގައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީރާނުގެ އިސްތިގުލާލާއި މަސްލަހަތާއި ރައްޔިތުން ހިމާޔަތް ކުރުމަށް ހުރިހާ މާނައެއްގައި އީރާން ދެމި އޮންނާނެ ކަމަށެވެ.
އެމެރިކާ އިން މި ހަމަލާތައް ދީފައިވަނީ އިޒްރޭލާއި އީރާނާ ދެމެދު ވައިގެ މަގުން ކުރާ ހަނގުރާމައަށް ހަފުތާއެއްހާ ދުވަސްވެފައި ވަނިކޮށެވެ.
އިޒްރޭލުން އީރާނަށް ހަމަލާތައް ދޭން ފެށީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ހުރިހާ ފުރުސަތެއް ނައްތާލާނެ ކަމަށް ބުނެ އެވެ.
މިއަދު ހެނދުނު އީރާނުގެ ނިއުކްލިއާ އެޖެންސީން ބުނީ ރޭޑިއޭޝަން ސިސްޓަމްތަކާއި ފީލްޑް ސާވޭތަކުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އެ ތަންތަނުގެ ކައިރީގައި ދިރިއުޅޭ މީހުންނަށް ތަގައްޔަރުވުމުގެ ނުވަތަ ނުރައްކަލުގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.
"ފޯޑޯ، ނަޓަންޒް އަދި އިސްފަހާން ނިއުކްލިއާ ފެސިލިޓީތަކަށް އެމެރިކާއިން ގާނޫނާ ހިލާފަށް ދިން ހަމަލާއަށް ފަހު، ފީލްޑް ސާވޭތަކާއި ރޭޑިއޭޝަން ސިސްޓަމްގެ ތަފާސްހިސާބުތަކުން އެނގުނީ އެއްވެސް ތަގައްޔަރުކަމެއް ފެނިފައި ނުވާކަން،" އެ އޮގަނައިޒޭޝަނުން ސޯޝަލް މީޑިއާގައި ބުންޏެވެ.
"މި ތަންތަނުގެ ވަށައިގެން ދިރިއުޅޭ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތް. ސަލާމަތީ ކަންކަން ހުރީ ހަމަ ސްޓޭބަލްކޮށް."
އެ ހަމަލާތައް ދިންތާ މާ ގިނައިރުތަކެއް ނުވަނީސް އެ އެޖެންސީން ބުނީ އެ އިދާރާގެ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ފޯޑޯ ނިއުކްލިއާ ސައިޓަށް ބަންކަރު ބަސްޓާގެ ހަ ބޮމެއް ވައްޓާލާފައިވާ ކަމަށާއި އޭގެ އިތުރުން އަނެއް ދެ ސައިޓަށް 30 ޓޮމަހޯކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.
އެމެރިކާއިން އީރާނުގެ 3 ނިއުކްލިއާ މަރުކަޒަކަށް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ