މުއިއްޒު ހިޔާރުކުރީ ފުވައްމުލަކު ތަރައްގީ މަޑުޖައްސާލުން: ޝާހިދު

ރަށް ގިރުމުގެ މައްސަލައަކީ ފުވައްމުލަކަށް އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. ރަށްގިރުމުގެ މައްސަލަ ފުވައްމުލަކަށް ބޮޑުވެފައި ވަނިކޮށް، އެމައްސަލަ ހައްލުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. ނުނިމި އޮތް ބައިގެ މަސައްކަތް ނުކޮށް މިއަދު އެމަސައްކަތް ވަނީ ހުއްޓިފައެވެ.
ރަށްގިރުން ހައްލުކުރުމުގެ މަސައްކަތް ހުއްޓިފައި އޮތީ މަދު ފައިސާކޮޅެއް ހަމަނުޖެހިގެން، ސަރުކާރުގެ އިހުމާލުން ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވެއެވެ.  އެންމެ ވުޒާރާއެއްގެ ސިޔާސީ މަގާމުތަކުގެ އަދަދު ކުޑަކޮށް މަދުކޮށްލައިގެންވެސް އެފައިސާ ހަމަޖެއްސެން އެބައޮތް ކަމަށް ޝަހިދު ވިދާޅުވެއެވެ.
އެހެން ނަމަވެސް އެކަން ނުކުރައްވާ ރައީސް މުއިއްޒު އެހުންނަވަނީ މަޖިލީހުގެ 3 ގޮނޑިވެސް ފުވައްމުލަކުން ސަރުކާރު ހިންގާ ޕާޓީއަށް ދީފައި ވަނިކޮށް ކަމަށްވެސް އެމްޑީޕީގެ ރައީސް ފާހަގަ ކުރައްވައެވެ.
މުއިއްޒު ސަރުކާރުން ހިޔާރުކޮށްފައިވާ ގޮތަކީ ފުވައްމުލަކު ރައްޔިތުންގެ ތަރައްގީ މަޑުޖައްސާލުން ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. ރައީސް މުއިއްޒު ސަރުކާރަށް ފުވައްމުލަކުން ނޫނެކޭ ބުނަނީ އެސަބަބަށްޓަކައިކަން ޝާހިދު ފާހަގަ ކުރައްވައެވެ.
ފުވައްމުލަކަށް އެމްޑީޕީގެ ރައީސް ކުރެއްވި ދަތުރުގައި ފުވައްމުލަކު މެދުދާއިރާގެ ކުރީގެ މެމްބަރާއެކު ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައި އޮތް ހިސާބު ވަނީ ބައްލަވާ ލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ