ދެކޮޅު ހެދި ޕީއެންސީ މެންބަރުންގެ ވޯޓާ އެކު 2 ފަނޑިޔާރުން ވަކިކުރާ ބިލު ބަލައިގެންފި
ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދު ކުރުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އިއްޔެ އެ ބިލު ހުށަހެޅުއްވިއިރު މިއަދު ވަނީ އެ ބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެެވެ. އެއް ދުވަސްތެރޭ ބަހުސް ނިންމާލައި، މިއަދު ވަނީ ބިލު ބަލައިގެންފައެވެ. ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި 64 މެންބަރުން ވަނީ ބިލާ އެއްކޮޅަށް ވޯޓު ދެއްވައިފައެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް ބިލުގައި ހިމަނޭ ކަންތައްތައް ކޯޓުތަކުގެ ގާނޫނުގައި މިހާރު އޮންނަނީ، ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަންކުރާ އިތުރު ހަ ފަނޑިޔާރުންނާއެކު ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އާ ބިލުގައިވަނީ، ސުޕްރީމް ކޯޓު އެކުލިވެގެން ވާނީ އުއްތަމަފަނޑިޔާރާ އެކު އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އެ އިސްލާހުގައި އިތުރަށްވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކި ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލުނޫން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ. މީގެ އިތުރުން، ފަނޑިޔާރުން ވަކިކުރުމުގެ މާއްދާގެ ދަށުން، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް އިސްލާހުގައިވެއެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރުމާމެދު ގޮތެއް ނިންމަންވާނެ ކަމަށް އިސްލާހުގައިވެއެވެ. ފަނޑިޔާރަކު ވަކިކުރުމުން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އިންތިޒާމުކޮށްގެން ހަމަޖައްސަން ޖެހޭ ކަމެއް ވާނަމަ އެކަމެއް، އެ ފަނޑިޔާރަކު ވަކިކުރާތާ ހަތް ދުވަހުގެ ތެރޭގައި ކޮށް ނިންމަންވާނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، ފަނޑިޔާރުން ވަކިކުރުމުގެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ޖޭއެސްސީން ކުރަން ޖެހޭ ކަންކަން އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުމަށްޓަކައި، އެ ކަންކަން ކުރުމަށް ކަމާ ބެހޭ ގާނޫނުތަކާއި ގަވައިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަރުތަކަށާއި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ދިނުމަށް އިސްލާހުގައި ހިމަނައިފައިވެއެވެ. އަދި މަޖިލީހަށް ވެސް ހަމަ އެ އިސްތިސްނާ ދޭން ވާނެ ކަމަށް އިތުރުކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ތިން މަހެއްހައި ދުވަސް ފަހުން މިއަދު ވަނީ ފަށާފައި -- ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ފަނޑިޔާރުންނަކީ: އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަހާރު އަލީ ޒާހިރު ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރު އަލީ ރަޝީދު ހުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ބިލާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވެރިކަން ކުރާ ޕާޓީން ސުޕްރީމް ކޯޓަށް ބަދަލު ގެންނަން މަސައްކަތް ފަށައިފައިވަނީ، ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފައި ވަނިކޮށެވެ. އެ ތުހުމަތުތައް ފެންމަތިވީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި، ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި ފަހުންނެވެ. ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ އެ ކޯޓުން އަންނަނީ ބަލަމުންނެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަމުން ދަނިކޮށް މިފަދަ ބިލެއް ހުށަހެޅުމަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ. ހަމައެއާއެކު ޖުޑިޝަރީ ދާއިރާގެ ބައެއް ބޭފުޅުން ވެސް އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައިވެއެވެ. އޭގެ އިތުރުން ޕީއެންސީގެ ބައެއް މެންބަރުން ވެސް ވަނީ ފާޅުގައި އެ ބިލާ ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް، ޕީއެންސީ ޕީޖީން ނިންމާފައި ވަނީ އެ ބިލާ އެއްކޮޅަށް ވޯޓު ދިނުމަށެވެ. އެކި ސަރުކާރުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުތައް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހެކަށް މަދުކުރިއެވެ. އެއަށްފަހު، 2019ގައި އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެ އަދަދު ފަހަކުން ހަތެކަށް އިތުރުކުރީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ