މެންބަރުންގެ އެންމެ ބޮޑު ޝަކުވާއަކީ އަތޮޅު ތެރޭގައި ޕާޓީގެ ހަރަކާތްތައް ވަޅުޖެހިފަ އޮތުން: މީކާއީލް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގައި ޕާޓީގެ މެންބަރުންގެ ފަރާތުން ލިބުނު އެންމެ ބޮޑު ޝަކުވާއަކީ އަތޮޅު ތެރޭގައި އެމްޑީޕީގެ ހަރަކާތްތައް ވަޅުޖެހިފައި އޮތުން ކަމަށް ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މީކާއީލް ވިދާޅުވީ ކެމްޕެއިނުގައި މެންބަރުންގެ ފަރާތުން އިވޭ މި ޝަކުވާއަށް ހައްލެއް ގެނައުމަށްޓަކައި ޕާޓީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް ކައުންސިލަރުންނާއި ޑަބްލިއުޑީސީއަށް ގައުމީ މަޖިލީހުގައި ބަސް އިއްވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ،
"މިހާތަނަށް އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އިވޭ އެއް ޝަކުވާއަކީ އަތޮޅު ތެރޭގެ އެމްޑީޕީގެ ހަރަކާތްތައް ވަޅުޖެހިފައި އޮންނަ އޮތުން. އެކަމަށް ހައްލެއް ގެނައުމަށްޓަކައި އަޅުގަނޑު ވައުދުވެފައިވާނެ އެމްޑީޕީގައި ޒަމާނަށް ފެތޭ އޮނިގަނޑެއް އެކުލަވާލުމަށް،" މީކާއީލް ވިދާޅުވި އެވެ. 
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ އާންމު މެންބަރުންނާއި އަދި މުޅި ޖުމްލަކޮށް ރަށްރަށުގައި ތިބޭ އާންމު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއް ބަޔަކީ އެމްޑީޕީގެ އިންތިހާބީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުން. އެހެންވީމަ އެބޭފުޅުންނަށް މި ޕާޓީގެ އެންމެ އިސް އެއް ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުގައި ބަސް ކިޔުމުގެ ޖާގަ އޮތުމަކީ އަޅުގަނޑުމެންނަށް ކޮންމެހެން ކުރަން ލާޒިމު ކަމެއް." 
މީކާއީލް ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުންނަށް ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް ކޮންމެ އަތޮޅަކުން ވަކި އަދަދެއްގެ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން ކަނޑައަޅަން ޖެހޭނެ ކަމަށާއި ހުރިހާ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުންނަށް އެ ފުރުސަތު ނުދެވޭނެ ކަމަށެވެ. 
"އަޅުގަނޑެއް ގަބޫލެއް ނުކުރަން ހުރިހާ 900 އެއްހާ ކައުންސިލަރުން މިސާލަކަށް ތިއްބަވާއިރު، ޑަބްލިއުޑީސީގެ އެތައް ހާސް ބޭފުޅުންނެއް ތިއްބަވާއިރު، އަޅުގަނޑުމެން އެ ހުރިހާ އެންމެން ގައުމީ މަޖިލީހަށް ގެންދެވޭނެ  ވާހަކައެއް ނޫން މި ދަންނަވަނީ އެނގޭތޯ. އެހެންނަމަވެސް ހއ. އަތޮޅުން ވަކި އަދަދެއް، ށ. އަތޮޅުން ވަކި އަދަދެއް،" މީކާއީލް ވިދާޅުވި އެވެ. 
"މި ބީދައިން އަޅުގަނޑުމެންނަށް އެތަންތަނުގައި ބަސް ކިޔޭނެ ޖާގަ، އެ ނިޒާމު، އެ އޮނިގަނޑު ކަށަވަރުކޮށްދޭނެ ވާހަކަ މި ދަންނަވަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޗެއާޕާސަންކަމެއްގައި އެބޭފުޅުންނަށް ގައުމީ މަޖިލީހުގައި ބަސް ކިޔޭނެ. ޖާގަ، ޑިޒިޝަން މޭކިން ޕަވާ އަޅުގަނޑު ފޯރުކޮށްދޭނަން." 
މީގެ އިތުރުން ރަށްރަށުގައި އެމްޑީޕީގެ ޖަގަހަތައް ހިންގުމަށް މިހާތަނަށް ދޫކޮށްފައިނުވާ ފައިސާ ދޫކޮށް، ރަށްރަށުގައި އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް މީކާއީލް ވިދާޅުވި އެވެ. 
މީކާއީލް ވިދާޅުވީ މިހާތަނަށް އިތުބާރު ކެމްޕެއިން ޓީމުން ޖުމްލަ 55 ރަށަކަށް ދަތުރުކޮށްފައިވާއިރު، އަންނަ ޖޫން 12، ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާއާ ދެކޮޅަށް އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ